މާދަމާ 18 އަހަރުން މަތީގެ އެންމެނަށް ވެކްސިން ދޭން ފަށަނީ

މާލެ ސަރަހައްދުގައި ދިރިއުޅޭ 18 އަހަރުން މަތީގެ އެންމެންނަށް މާދަމާއިން ފެށިގެން ވެކްސިން ޖަހައިދެވޭނެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ. މީގެ ކުރިން ވެކްސިން ދެމުން އައީ 20 އަހަރުން މަތީގެ މީހުންނަށެވެ. ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:00 އިން ހަވީރު 4:30 އަށް ވެކްސިން ޖެހޭނެ އެވެ. އެކަމަށްޓަކައި ހަ ވެކްސިނޭޝަން ސެންޓަރެއް މާލޭ ސަރަހައްދުގައި ވަނީ ގާއިމްކޮށްފަ އެވެ. ވެކްސިން ސެންޓަރުތައް (މާލެ ސަރަހައްދު): ސޯޝަލް ސެންޓަރު އިސްލާމީ މަރުކަޒު ވިލިމާލެ ޒުވާނުންގެ މަރުކަޒު ހުޅުމާލޭ ކުރީގެ ފްލޫ ކުލިނިކް ރައްޔިތުންގެ މަޖިލިސް ޓްރީޓޮފް ހޮސްޕިޓަލް ކޮވިޑް19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ. އިއްޔެގ ނިޔަލަށް ޖުމްލަ 117،115 މީހުންނަށް ވެކްސިން ދިފައިވެއެވެ. އޭގެ ތެރޭ ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 77،251 މީހަކާއި ރަށްރަށުން ވެކްސިން ޖެހި 39،864 މީހެވެ. ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ފަހުންނެވެ. ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ