މާލޭގެ ކަންކަން ހައްލުކުރަން މުއިއްޒު ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދުކުރަން: ނަޝީދު

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބު ކުރައްވައި މާލޭގެ މޭޔަރުކަމަށް ހޮވިވަޑައިގެންނެވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން އެމްޑީޕީން މެޖޯރިޓީ ނަގަމުން އައި ބޮޑެތި ބައެއް ތަަންތަނުން ކުރިމަތިވި ބޮޑު ނާކާމިޔާބީ އަށް ފަހު، ނަޝީދު ކުރެއްވި ޓްވީޓުތަކެއްގައި އިދިކޮޅު ޕީޕީއެމްގެ މުއިއްޒަށް މަރުހަބާ ވިދާޅުވުމުގެ އިތުރުން އެމްޑީޕީގެ ކާމިޔާބީ ވެސް ފާހަގަ ކުރެއްވި އެވެ. އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީން ވަނީ މާލެ ފިޔަވައި އެހެން ގިނަ ކައުންސިލްތަކުގެ އަޣުލަބިއްޔަތު ހޯދާފައިވާ ކަަމަށެވެ.
"މާލޭގެ މޭޔަރުކަމަށް ހޮވުނު، ޑރ. މުހައްމަދު މުއިއްޒު އަށް މަރުހަބާ. އަޅުގަނޑު އުއްމީދުކުރަނީ މާލޭގެ ކަންކަން ހައްލުކުރުމުގައި މަނިކުފާނު ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށް. އަޅުގަނޑުގެ ފަރާތުން މަނިކުފާނަށް ދޭން ޖެހޭ އެއްބާރުލުން ދޭނަން،" ނަޝީދުގެ ޓްވީޓުގައި ވިދާޅުވި އެވެ.
Malé ge Mayor kamah hovunu Dr. @MMuizzu ah marhaba. Alhugandu unmeedhu kuranee Malé ge kankan hallukurumuga manikfaanu burakoh masakkaiy kuravvanekamah. Alhugaduge faraathun manikfaanah dheynjehey ehbaarulun dheynan— Mohamed Nasheed (@MohamedNasheed) April 11, 2021
ނަޝީދުގެ ޓްވީޓްތައް. އެ މަނިކުފާނު ވިދާޅުވީ މުއިއްޒަށް އެއްބާރުލުން ދެއްވާނެ ކަމަށް.
މުއިއްޒަށް އެއްބާރުލުން ދެއްވާނެ ކަމަށް ނަޝީދު ވިދާޅުވި އިރު އެ މަނިކުފާނަކީ ކައުންސިލް އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާނު ކުރެއްވީއްސުރެ މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި ބޭފުޅުކެވެ. އަދި ފާޅުގައި މުއިއްޒާ ދެކޮޅަށް އެންޓި ކެމްޕެއިން ވެސް ކުރެއްވި އެވެ.
ޖުމުލަކޮށް ގިނަ ގޮނޑިތަކެއް އެމްޑީޕީން މި ފަހަރުގެ ކައުންސިލް އިންތިހާބުގައި ނެގި ކަމަށް ނަޝީދު ވިދާޅުވިޔަސް ފެށުނީއްސުރެ "ގަދަބާރު" ދައްކަމުން އައި މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު އެ ޕާޓީ އަށް ގެއްލި، މޭޔަރުކަމުގެ ގޮނޑި ވެސް އިދިކޮޅަށް އަނބުރައިލުމަކީ އެމްޑީޕީ "ނިކަމެތިވަމުން" ދިއުން ކަމަށް ބުނެ މިހާރު ވަނީ ފާޑުކިޔަން ފަށައިފަ އެވެ. ހާއްސަކޮށް އިންތިހާބު ކައިރިވަމުން އައިއިރު، ސަރުކާރުން ކުއްލި ގޮތަކަށް ތަރައްގީގެ މަޝްރޫއުތައް އިއުލާންކޮށް، ސޮއިކުރުން އިތުރުކޮށް، ހުޅުމާލޭގެ ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން ކުއްލި ގޮތަކަށް އަވަަސްކުރުން ފަދަ ކަންކަމާއެކު ވެސް ސަރުކާރާއި އެމްޑީޕީ އަށް މިއީ އާދައިގެ ބައްޔެއް ނޫނެވެ.
މާލޭ ސިޓީ ކައުންސިލްގެ 19 ގޮނޑީގެ ތެރެއިން ވެސް މިހާތަނަށް 12 ގޮނޑިއެއް ފަސޭހަކަމާއެކު ނެގީ ޕީޕީއެމުންނެވެ.
މާލެ ނޫނަސް އައްޑު އާއި މުހިންމު ބައެއް އެހެން ސަރަހައްދުތަކުގައި ވެސް ކުރިން އެމްޑީޕީ ކައުންސިލްތަކުގައި އޮތް ބާރުވެރިކަން ހަނިވެ، ސުޕަ މެޖޯރިޓީ ވެސް ވަނީ ގެއްލިފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ "ހާއްޔެއް" ކަމަށް ބަލާ އައްޑޫ ސިޓީ ކައުންސިލް ވެސް ހިމެނެ އެވެ. އަދި އަބަދުވެސް އެމްޑީޕީ އަށް "މަރުދޭ" އިހަވަންދޫ ކައުންސިލްގެ ހަތް ގޮނޑި ވެސް ނެގީ އިދިކޮޅު ޕީޕީއެމެވެ. އަދި ގދ. ތިނަދޫ ކައުންސިލަށް ވެސް ފުރަތަމަ ފަހަރަށް ޕީޕީއެމްގެ މެމްބަރުން ވަނީ މި އިންތިހާބުގައި ހޮވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ