ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރަން ޖުމްހޫރީ ޕާޓީން ތައްޔާރު ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ރިޔާޒް އެގޮތަށް ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގައި ހޮވަން ޖެހޭނީ އިދިކޮޅު ފަރާތްތައް ގުޅިގެން ނެރޭ އިންތިގާލީ ރައީސެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން ރިޔާޒް ކުރެއްވި ޓްވީޓެއްގައިވަނީ އަންނަ ރިޔާސީ އިންތިޚާބާއި 2019 ގައި އޮންނަ މަޖިލީހުގެ އިންތިޚާބުގައި އިދިކޮޅު ކޯލިޝަން ގުޅިގެން މަސައްކަތް ކުރާނެ ގޮތާ ބެހޭގޮތުން މަޝްވަރާ ކުރަން ޖުމްހޫރީ ޕާޓީން ތައްޔާރު ކަމަށެވެ. މިއީ ނަޝީދު އެ ގޮވާލެއްވުމާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ޕާޓީއަކުން ޖަވާބު ދިން ފުރަތަމަ ފަހަރެވެ.
އިނގިރޭސިވިލާތުގެ ހިމާޔަތުގައި މިވަގުތު ހުންނެވި ނަޝީދު ވިދާޅުވެފައިވަނީ އިދިކޮޅު ކޯލިޝަން ގުޅިގެން އިންތިގާލީ ރައީސަކު ހޮވުން ނޫން އިތުރު ގޮތެއް ނެތް ކަމަށާއި މިނިވަން އިންސާފުވެރި އިންތިޚާބެއް ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.
އިދިކޮޅު ކޯލިޝަން ހުރިހާ ލީޑަރުންހެން މިވަގުތު ތިއްބެވީ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ފަދަ ހާލަތެއްގަ އެވެ. ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާނަށް ދިގު ޖަލު ހުކުމެއް އައިސް، އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލިފައިވާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މައުމޫނަށް 65 އަހަރު ފުރިފައިވާތީ ރިޔާސީ އިންތިޚާބުގައި އެ ދެ ބޭފުޅުންނަށް ވާދައެއް ނުކުރެވޭނެ އެވެ.
އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާއަށް ޖޭޕީ ތައްޔާރު: ރިޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ