ފަސްޓް ލޭޑީ ފަޒްނާއާ ގުޅޭގޮތުން އެމް.އެން.އެން ނޫހުން ފެތުރީ ދޮގު ޚަބަރެއް

މޯލްޑިވްސް ނިއުސް ނެޓްވޯކް (އެމް.އެން.އެން) ކިޔާ ރާއްޖޭގެ އޮންލައިން ނޫހަކުން 22 އޮކްޓޯބަރު 2020ގައި، ފަރސްޓް ލޭޑީ މެޑަމް ފަޒްނާއާ ބެހޭގޮތުން ދޮގު ވާހަކަ ފެތުރުމުން އެކަން އެކަމަނާގެ ފަރާތުން ދަ ލިޓިގެންޓްސް ލޯ ފާރމް އިން ކުއްވެރިކޮށްފިއެވެ. މި ނޫހުން ދޮގު ޚަބަރު ފަތުރާފައިވަނީ މާލޭ ސިޓީކައުންސިލުން ލޮނު ޒިޔާރަތްކޮޅުގައި ގާއިމުކުރަމުންދާ ޕާކާ ގުޅުވައިގެންނެވެ.
އެގޮތުން، އެ ޕާކު ހެދުމަށް ގަސް ވިއްކަނީ ސްރީލަންކާގައި އޮންނަ މެޑަމް ފަޒްނާގެ ގަސް ވިއްކާ ކުންފުންޏަކުން ކަމަށް އެމް.އެން.އެން އިން ރިޕޯޓްކޮށްފައިވެއެވެ. އަދި، އެ ކުންފުނީގެ ދެވަނަ ހިއްސާދާރަކީ ސްރީލަންކާގެ ރައްޔިތެއްކަމަށްވެސް ބަޔާންކޮށްފައިވެއެވެ. 
މިކަމާ ގުޅިގެން ދަ ލިޓިގެންޓްސް އިން ބުނެފައިވަނީ، ކުންފުނީގައި މެޑަމް ފަޒްނާ ހިމެނިވަޑައިގަންނަވާކަން ޔަގީން ކުރުމަކީ އެޑިޓަރުގެ މަސްއޫލިއްޔަތަކަށްވާއިރު، އެ މަސްއޫލިއްޔަތު އަދާ ނުކުރުމުން ދޭހަވަނީ އެޑިޓަރުގެ އިތުރުން ނޫހުގެވެސް ފެންވަރުކަމަށެވެ. ކުންފުނިތަކުގެ ހިއްސާދާރުން ފަސޭހަކަމާއެކު މިނިސްޓްރީ އޮފް ޓްރޭޑްގެ އޮންލައިން ޕޯޓަލްއިންނާއި، ސްރީލަންކާގެ ސަރުކާރުގެ ވެބްސައިޓްތަކުން ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، އެފަދަ އެއްވެސް ކަމެއް އެޑިޓަރު ކޮށްފައިނުވާކަން ފާހަގަކޮށްފައިވެއެވެ.
އިތުރަށް  ލޯ ފާރމްއިން ބުނެފައިވަނީ، ޝާއިއުކުރި ޚަބަރުގައި މެޑަމް ފަޒްނާ ފައިސާތަކެއް މޮރިޝިއަސްއަށް ބަދަލުކުރި ވާހަކަ ލިޔެފައިވީނަމަވެސް، މޮރިޝިއިސްގައި ހިންގާ ވިޔަފާރީގެ ނަމެއް، ބޭންކެއްގެ ނަމެއް، ނުވަތަ މޮރިޝިއަސްގެ މަސްއޫލުވެރިޔެއްގެ ބަހެއްވެސް ހިމަނާފައިނުވާކަމަށެވެ. އަދި ސައްހަ ލިޔުމަކަށް ބަދަލު ގެނައުމާއި، އެ ލިޔުން ނަކަލުކުރުމާއި، އަގުހުރި އެއްޗެހި ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުމަކީ ޤާނޫނުލްއުޤޫބާތުން ކުށެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
މެޑަމް ފަޒްނާ ވަނީ ނޫހުގައި ޝާއިއުކޮށްފައިވާ ވާހަކަތަކަށް އިންކާރުކޮށްފައެވެ. އެކަމަނާގެ ފަރާތުން ލޯ ފާރމްއިން ބުނެފައިވަނީ، މިކަމާ ގުޅިގެން އަޅާންޖެހޭ ޤާނޫނީ ފިޔަވަޅު އެ ފާރމްގެ ފަރާތުން ކުރިއަށް ގެންދާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ