ކޮރަޕްޝަން ހުއްޓުވަން މި ސަރުކާރުން ބޭނުންވާކަން ރައްޔިތުން ޤަބޫލުކުރޭ: ރައީސް

މި ސަރުކާރަކީ ކޮރަޕްޝަން ހުއްޓުވަން ބޭނުންވާ ސަރުކާރެއް ކަމުގައި ރައްޔިތުން ޤަބޫލުކުރާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ބައިނަލްއަޤުވާމީ ކޮރަޕްޝަނާ ދެކޮޅުވުމުގެ ދުވަހުގެ މުނާސަބަތުގައި އިއްޔެ ބޭއްވި "ޓްރާންސްޕޭރެންސީ އެންޑް އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2020" ނިންމުމުގެ ރަސްމިއްޔާތަށް އެމަނިކުފާނު ފޮނުއްވި ވީޑިޔޯ މެސެޖެއްގައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރު ވެރިކަމަށް އައި ވިސްލްބްލޯ ކުރާ ފަރާތްތަކަށް ހިމާޔަތް ލިބޭ ޤާނޫނު ތަޞްދީޤުކޮށް، ވިސްލް ބްލޮވާ ޕްލެޓުފޯމެއް ޤާއިމުކުރުމާއެކު ހުށަހެޅޭ ކޮރަޕްޝަނުގެ މައްސަލަތައް އިތުރުވެފައިވާ ކަމުގައެވެ. އަދި އެ މައްސަލަތައް އިތުރުވީ ރައްޔިތުން ސަރުކާރާމެދު އިތުބާރުކުރާތީ ކަމުގައާއި އެއީ ސަރުކާރުން ކޮރަޕްޝަން ހުއްޓުވަން ބޭނުންވާކަން ރައްޔިތުން ޤަބޫލުކުރާތީ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. "އެކަން އެހެން މެދުވެރިވަނީ، ކޮރަޕްޝަން ހުއްޓުވަން މި ސަރުކާރުން ބޭނުންވާކަން ރައްޔިތުންނަށް ޤަބޫލުކުރެވި، ކޮރަޕްޝަންގެ މައްސަލަތައް މިނިވަންކަމާއެކު ހުށަހެޅޭނެ މަގު ރައްޔިތުންނަށް ފަހިވެފައި އޮތީމަ" ރައީސް ވިދާޅުވިއެވެ. އޭގެ އިތުރަށް ރައީސް ފާހާގަކުރެއްވި ގޮތުގައި ވިސްލްބްލޮވާ ޕްލެޓްފޯމު މެދުވެރިކޮށް ޖުމްލަ 1081 މައްސަލަ ހުށަހެޅުނުއިރު އޭގެ ތެރެއިން 209 މައްސަލައެއް އެެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފޮނުވާފައިވެއެވެ. ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ ހުރިހާ އިދާރާއަކަށް ރައްދުވާ މައްސަލަތައް ހިމެނޭ ކަމުގައިވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. "އޭގެތެރެއިން ތަޙުޤީޤީ އިދާރާގެ ދައުރެއް އޮތްކަމަށް ފާހަގަކުރެވޭ މައްސަލަތައް، މިގެންދަނީ ތަޙުޤީޤީ އިދާރާތަކަށް ހުށަހަޅަމުން. އެފަދަ 209 މައްސަލައެއް، މިދިޔަ ނޮވެންބަރު މަހުގެ ނިޔަލަށް ވާނީ އޭ.ސީ.ސީއަށް ފޮނުވާފައި. އޭގެ ތެރެއިން 51 މައްސަލައެއްވަނީ އޭ.ސީ.ސީއަށް ބަލައިގެންފައި. އަދި ޖިނާއީ ތުހުމަތު އެކުލެވޭމައްސަލަތައް މިގެންދަނީ ފުލުހުންނާ ޙިއްޞާކުރަމުން" ރައީސް ވިދާޅުވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ