ސަސްއިން ވެލެންސިއާ ހިފެހެއްޓި އިރު ޔޫވީ އަތުން ދަ ގްރާންޑޭއަށް މޮޅެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުތަކުގައި އިއްޔެ ވެލެންސިއާއާ ދެކޮޅަށް ކުޅެ މިފަހަރުގެ ލީގުގައި މުޅިން އަލަށް ވާދަ ކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ޕޮއިންޓެއް ހޯދި އިރު، ޔޫވީ ބަލިކޮށް ތިންވަނައިގައި ދަގްރާންޑޭ ބުރު ނިންމާލައިފި އެވެ. ހަވަނަ މެޗަށްފަހު ކުރިން އީގަލްސްއަށް ކޯޗުކަން ކޮށްދިން މުހައްމަދު ޝިޔާޒް (މޯހަން) ސަސްގެ ކޯޗަކަށް ހަމަޖައްސައިގެން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ވެލެންސިއާ ހިފެހެއްޓީ 1-1 އިންނެވެ. ސަސްއަށް މި މެޗާ އެކު ފުރަތަމަ ބުރު ނިމުނުއިރު، ހަތް މެޗުން އެ ޓީމަށް ލިބުނީ އަށް ޕޮއިންޓެވެ. އަނެއްކޮޅުން އެންމެ ފަހުން ކުޅުނު ތިން މެޗުން ލިބުނު ދެ ޕޮއިންޓާ އެކު ވެލެންސިއާ އިން ފުރަތަމަ ބުރު މި ނިންމާލީ ދެވަނައިގައި 12 ޕޮއިންޓާ އެކު އެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމުން ވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު ސަސްގެ މިޑްފީލްޑަރު އަޙްމަދު ހަމީދަށް އޭރިއާ ތެރެއިން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ވެލެންސިއާގެ ގޯލްކީޕަރު ވަނީ މަތަކޮށްފައެވެ. އިއްޔެގެ އެ މެޗުގައި އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބުނީ ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަށެވެ. ފުރަތަމަ ހާފުގެ 36 ވަނަ މިނަޓާއި، ދެވެނަ ހާފުގެ ފަހުކޮޅު އޭނާއަށް ހުސް ފުރުސަތުތަކެއް ވަނީ ލިބި، ބޭކާރު ވެގެން ގޮސްފަ އެވެ. ފުރަތަމަ ބުރުގެ އެންމެ ފަހު މެޗަށް ވެލެންސިއާ އިން ގެނައި އެންމެ ފާހަގަ ކުރެވޭ ބަދަލަކީ، ގައުމީ ޓީމުގެ އެއް ވަނަ ކީޕަރު މުހައްމަދު ފައިސަލް އަށް ފުރަތަމަ ފަހަރަށް ސީޒަންގެ މެޗަކުން ފުރުސަތު ދިނުމެވެ. ކުރިން ކުޅުނު ހަ މެޗުގައި ގޯލް ބެލެހެއްޓި މުހައްމަދު ޝަފީއު (ޗެކް) ހުރީ ބަދަލު ކީޕަރެއްގެ ގޮތުގައި ބެންޗުގަ އެވެ. އިއްޔެ ކުޅުނު ދެވަނަ މެޗުގައި މިފަހަރުގެ ލީގުގައި އަދި އެއްވެސް މެޗަކުން މޮޅެއް ލިބިފައި ނުވާ ޔޫވީ އަތުން ދަ ގްރާންޑޭ މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ދަ ގްރާންޑޭ އިން ފުރަތަމަ ބުރު ނިންމާލީ ތިން ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އާއި ތިން ވަނައިގައި އޮތް ދަ ގްރާންޑޭ އަށް ވެސް ހަތް މެޗުން ލިބުނީ 12 ޕޮއިންޓެވެ. ވެލެންސިއާ ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. އަނެއްކޮޅުން މިދިޔަ މެޗަށްފަހު ޓީމުގެ ހެޑް ކޯޗަކަށް ހުރި މުހައްމަދު އާދަމް އިސްތިއުފާ ދީފައިވާ ޔޫވީން ފުރަތަމަ ބުރު ނިންމާލީ ތާވަލުގެ އެންމެ ފުލުގައި އޮވެ އެވެ. އެ ޓީމަށް ހަތް މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ދަ ގްރާންޑޭއިންނެވެ. މެޗުގެ 23 ވަނަ މިނެޓުގައި މި ލަނޑު ދަ ގްރާންޑޭއަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ޔަސްފާދު ހަބީބް (މުލަކޭ) އެވެ. މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޔޫވީން އެ ޓީމުގެ އެޓޭކުތައް ވަރުގަދަ ކުރިއިރު، މި ހާފު ފަށައިގެން އަށްވަނަ މިނެޓުގައި އަލީ ހައިޝަމް (ޗުމްޕު) ވަނީ އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އެހެން ނަމަވެސް މެޗު ނިމެންދަނިކޮށް އަޔާޒު އަހުމަދު (އަޔާ) ވަނީ ކުޅުނު ހަތަރު މެޗުން ތިންވަނަ ގޯލު ކާމިޔާބުކޮށް ދަގްރާންޑޭ މޮޅުކޮށްދީފަ އެވެ. ދަގްރާންޑޭއިން މިފަހަރުގެ ލީގުގައި މިހާތަނަށް ހަމައެކަނި ބަލިވީ ގްރީންސްޓްރީޓްސް އަތުންނެވެ. އެ މެޗުން އެ ޓީމު ބަލިވީ 0-1 އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ