މަރަޑޯނާ މަރުގެ ތަހުގީގު ކުރިއަށް، ގެއާއި ކްލިނިކް ރެއިޑް ކޮށްފި

އާޖެންޓީނާގެ ފުޓުބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ މަރާއި ގުޅިގެން ތަހުގީގުކުރަމުން އަންނަ މައްސަލައަކަށް، އޭނާގެ ގެއާއި އަމިއްލަ ކްލިނިކެއް ބަލައި ފާސްކޮށްފިއެވެ.
ފުލުހުން ބަލައި ފާސްކޮށްފައި ވަނީ މަރަޑޯނާގެ ޑޮކްޓަރު ކަމަށްވާ ލިއެޕޯލްޑޯ ލުކޭގެ ކްލިނިކެވެ. މިދިޔަ ހަފްތާގައި ހާޓް އެޓޭކެއް ޖެހިގެން މަރަޑޯނާ މަރުވެފައި ވަނީ އުމުރުން 60 އަހަރުއެވެ. އޭނާ މަރުވެފައި ވަނީ އޭގެ ދުވަސް ކޮޅެއް ކުރިން، ސިކުނޑީގެ ސާޖަރީއެއް ކޮށް، އެކަމުން ރަނގަޅުވެ، ގެއަށްވެސް ދޫކޮށްލިފަހުންނެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މިހާރު ތަހުގީގުކުރަމުން އަންނަނީ މަރަޑޯނާގެ މަރުގައި އެއްވެސް އިހުމާލެއް ހިނގާފައި ވޭތޯ ބެލުމަށެވެ. ނޫސްތަކުން ބުނެފައި ވަނީ މަރަޑޯނާގެ މަރާއި ގުޅިގެން އިތުރު މައުލޫމާތުތަކެއް ހޯދަން އޭނާގެ އަންހެން ދެ ދަރިންވެސް ބޭނުންވެފައިވާ ކަމަށާއި އާއިލާގެ ފަރާތުން ތަހުގީގަށް އެދިފައިވާ ކަމަށެވެ.
އާޖެންޓީނާއާއެކު 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި، އެގައުމުގެ "ހީރޯ"އެއް ކަމަށްވާ މަރަޑޯނާގެ މަރާއެކު ގައުމީ ހިތާމައިގެ ތިން ދުވަސް އިއުލާން ކޮށްފައިވެއެވެ. ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދި މަރަޑޯނާއަކީ މިހާތަނަށް ދުނިޔެ ދުށް އެންމެ ކުޅަދާނެ އެއް ފުޓުބޯޅަ ކުޅުންތެރިޔާއެވެ. ދަނޑުމަތީގައި ހުނަރުވެރިކޮށް ފެނުނު މަރަޑޯނާގެ ފަރާތުން ބައެއް އެހެން މައްސަލަތައް ފާހަގަ ވެފައިވެއެވެ. ހާއްސަކޮށް މަސްތުވާތަކެއްޗާއި، ރާބުއިމުގެ މައްސަލަތަކާ ހުރެ މަރަޑޯނާއަށް ވަނީ ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ.
މާ ބޮޑަށް ފަލަވެ، 130 ކިލޯއަށް ބަރުދަން އަރައިގެން ގޮސް، 2005 ވަނަ އަހަރު ބަރުދަން ލުއިކުރުމުގެ ސާޖަރީއެއް ހަދައި، މަރަޑޯނާ ވަނީ ތިން މަސް ދުވަހުގެ ލިކުއިޑް ޑައިޓެއްގައި އުޅެފައެވެ. 2007 ވަނަ އަހަރު ހެޕަޓައިޓަސްއަށް ފަރުވާ ދިނުމަށް މަރަޑޯނާ އެޑްމިޓް ކޮށްފައިވާ އިރު، އެ އަހަރު މަރަޑޯނާ ވަނީ ރާ ބުއިމާއި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލި ކަމަށް ރަސްމީ ޓީވީގައި އިއުލާން ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ