ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭން ދޭ އެއްބާރުލުން ބަލައިގަންނަން: ޗައިނާ ސަރުކާރު

ބައިނަލްއަގުވާމީ ފެންވަރުގައި ދިވެހިރާއްޖެއިން ޗައިނާއަށް ދެމުންދާ އެއްބާރުލުން ބަލައިގަންނަ ކަމަށާއި ދިވެހިރާއްޖެއަކީ ޗައިނާގެ އެކުވެރިއެއް ކަމަށް ޗައިނާގެ ސަރުކާރުން ބުނެފިއެވެ.
3 އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު، ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު މިއަދު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ޗައިނާގެ ސަރުކާރު ތަމްސީލު ކުރައްވާ ވާހަކަދައްކަވަމުން އެ ގައުމުގެ ވައިސް މިނިސްޓާ އޮފް ފޮރިން އެފެއާޒް ލޫ ޝައުހުއީ ވިދާޅުވީ ދިވެހިރާއްޖެއަކީ ޗައިނާގެ މުހިންމު ބައިވެރިއެއް ކަމަށެވެ.
ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން ވާޗުއަލް ޕްލެޓްފޯމެއްގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ޗައިނާގެ އޮފިޝަލު ވިދާޅުވީ ދިވެހިރާއްޖެއާއި ޗައިނާއިން މިވަގުތު ހިއްސާ ކުރަމުން ދަނީ ބަދަހި އަދި ގާތް ގުޅުމެއް ކަމަށާ، ބައިނަލްއަގުވާމީ ފެންވަރުގައިވެސް މިކަން އޮތީ މިހެން ކަމަށެވެ.
މި ރޫހުގައި ވާހަކަދައްކަވަމުން ލޫ ޝައުހުއީ ވަނީ، ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ޗައިނާއިން އެދޭކަންވެސް ހާމަކުރައްވާފައެވެ.
މިއަދުގެ މަޝްވަރާތަކަކީ ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ ދޭދޭ ގުޅުންތަކާ ބެހޭ މަޝްވަރާތަކުގެ 7 ވަނަ ބުރުގެ ބައްދަލުވުމެވެ.
މަޝްވަރާތަކުގައި ވާހަކަ ދެއްކި އިތުރު މައުލޫތަކުގެ ތެރޭގައި ދޭދޭ މަސްލަހަތު އެކުލެވޭ ދާއިރާތަކުން ދެ ގައުމުގެ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ބަދަހި ކުރުމާއި، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިގެން ދިއުން ހުއްޓުވުމާއި، އިގުތިސޯދު ނެގެހެއްޓުމާއި، ދަރަނި މައާފު ކުރުމާ ގުޅުން ހުރި މައުލޫތައް ހިމެނޭ ކަމަށް ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓްރީއިން މައުލޫމާތު ދެއެވެ.
މިއަދުގެ މަޝްވަރާތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ މިނިސްޓާ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒް އަހުމަދު ހަލީލުއެވެ.
ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ ދޭދޭ ގުޅުންތަކާ ބެހޭ މަޝްވަރާތަކުގެ 6 ވަނަ ބުރުގެ މަޝްވަރާތައް ކުރިއަށް ގެންދިޔައީ 2017 ވަނަ އަހަރު، ދިވެހިރާއްޖޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ