ރޫޓު ފިހާރައިގެ ފައިސާ ފޭރެން އުޅުނު މީހުންނަށް ދައުވާކޮށްފި

ދުންފަތާއި ސިނގިރޭޓު ވިޔަފާރި ކުރާ ރޫޓު ފިހާރައިގެ ފައިސާ ބޭންކަށް ޖަމާކުރަން ދަނިކޮށް މަގުމަތިން ފޭރެން އުޅުނު މައްސަލާގައި ފަސް މީހަކަށް ދައުވާކޮށްފިއެވެ.
އެގޮތުން މި މައްސަލައިގައި ދައުވާކޮށްފައިވަނީ ލ. ގަން، ތުނޑި، ކީމިޔާގެ، ޢަބްދުﷲ ރާޝިދާއި، ގއ. ވިލިނގިލި، ކަނީރުމާގެ، މުޙައްމަދު މުސްޢަބު ޒުބައިރާއި، ކ. މާލެ، ދަފްތަރު ނަންބަރު ރސ 3678، ޙުސައިން ޢަބްދުލް މަޖީދާއި، ކ. މާލެ، ވ. ޕިންކްވިލާ، އަޙްމަދު އަމީރުގެ އިތުރުން، ރ. ރަސްމާދޫ، އޯކިޑްމާގެ، މުޙައްމަދު ޢަޒްމީނުގެ މައްޗަށް ކަމަށެވެ.
މީގެތެރެއިން ހަތަރު މީހެއްގެ މައްޗަށް އުފުލީ ފޭރުމުގެ ކުށުގެ ދައުވާ އެވެ. ފަސްވަނަ މީހާގެ މައްޗަށް އުފުލީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
މިދިޔަ އޮކްޓޫބަރު މަހު ހިނގި މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވިއިރު، އާއްމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ފައިސާ ޖަމާކުރަން ރޫޓްގެ ވޭނެއް ބޭންކުގެ ކުރިމައްޗަށް މަޑުކޮށްލައި ވޭނުގެ ދޮރު ހުޅުވާލުމާއެކު އެވަގުތު އެ ސަރަހައްދުގައި ދެ ސައިކަލަކުން ގޮސް ތިބި ހަތަރު މީހަކު ވަނީ ވޭނު ކައިރީގައި ތިބި އެ ފިހާރައިގެ މުވައްޒަފުން އެތަނުން ދުރަށްލައި ފައިސާ ފޭރެން މަސައްކަތްކޮށްފައެވެ.
ސައިކަލުގައި ދިޔަ 4 މީހުންގެ ތެރެއިން 3 މީހަކު ތިބީ ހެލްމެޓް އަޅައިގެންނެވެ. އަނެކަކު ހުރީ މާސްކެއް އަޅައިގެންނެވެ.
ފައިސާ ފޭރެން މަސައްކަތް ކުރުމުން އެސަރަހައްދުގައި ތިބި ގިނަ ބަޔަކު އެތަން ދޫކޮށްދާ މަންޒަރު ފެންނައިރު
ވެހިކަލުން ފޭބި މީހުންގެ ފޮނުވާލުމަށާއި އެމީހުންގެ ކިބައިން ފައިސާ ސަލާމަތްކުރުމަށް ބޭންކް އޮފް ސިލޯންގެ ސެކިއުރިޓީން މަސައްކަތްކުރާ މަންޒަރު ވެސް ފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ