އެމްއެމްއޭގެ އެންގުމާ އެއްގޮތަށް ނަގުދު ފައިސާ ނެގޭ އަދަދު ބީއެމްއެލްއިން ލިމިޓްކުރަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އެންގުމާ އެއްގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންނަށް ދުވާލެއްގެ މައްޗަށް ނަގުދު ފައިސާގެ ގޮތުގައި ގިނަ ވެގެން 200،000 ރުފިޔާ ނެގޭގޮތަށް ހެދުމަށް ނިންމައިފި އެވެ. އެމްއެމްއޭއިން މިމަހުގެ ކުރީކޮޅުގައި ބުނެފައިވަނީ މި މަހުގެ 31 އިން ފެށިގެން ނަގުދު ފައިސާގެ ގޮތުގައި އެންމެ ގިނަ ވެގެން ނެގޭނީ 200،000 ރުފިޔާ ކަމަށެވެ. އެކަމާ ގުޅިގެން މިއަދު ބީއެމްއެލް އިން ބުނެފައިވަނީ އެމްއެމްއޭގެ ނިންމުމާ އެއްގޮތަށް 31 ވާ ބުރާސްފަތި ދުވަހުން ފެށިގެން ކަސްޓަމަރުންނަށް ނެގޭނީ ދުވާލެއްގެ މައްޗަށް 200،000 ރުފިޔާ ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ އިލެކްޓްރޯނިކް ޓްރާންސްއެކްޝަންތަކަށް ބާރުއަޅައި ނަގުދު ފައިސާ ބޭނުންކުރުން މަދުކުރުމަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ. އެމްއެމްއޭއިން ދުވާލަކަށް ނަގުދު ފައިސާ ނެގޭ މިންވަރު ހިފަހައްޓާފައިވަނީ ފުރަތަމަ ފަހަރަށެވެ. އެހެންނަމަވެސް ރާއްޖޭގެ ބޭންކުތަކުން ވަނީ މީގެކުރީންވެސް އެގޮތަށް އަގުތައް ކަނޑައަޅައި ވަކި ލިމިޓެއްގައި ހަމަޖައްސާފައެވެ. އެހެންނަމަވެސް އަލަށް ގެނައި ބަދަލާއެކު ރާއްޖޭގެ ބޭންކުތަކުން ބޭނުންކުރަމުން އައި އަދަދުތަކަށް ބަދަލު ގެންނަން ޖެހޭނެއެވެ. ބީއެމްއެލް އިން ބުނާގޮތުގައި އަލަށް ގެންނަ ބަދަލާއެކު ވިޔަފާރިތަކަށް ނަގުދު ފައިސާ ބޭނުން ކުރުމުގައި އޮންނަ ދަތިތައް ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ