ލީކްވި އޯޑިއޯގައި ވާހަކަ ދައްކާފައި ވަނީ މައުމޫނަށް އިހްތިރާމް ކުޑަކުރުމަކަށް ނޫން: ޔާމީން

ޝޯޝަލް މީޑިއާގައި ލީކުކޮށްގެން އުޅޭ އޯޑިއޯގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ބެހޭގޮތުން ދައްކަވާފައިވާ ވާހަކަތަކަކީ އެމަނިކުފާނަށް އިހްތިރާމް ކުޑަކުރުމަށް ދެއްކެވި ވާހަކަތަކެއް ނޫން ކަމަށް މައުމޫންގެ ކޮއްކޯފުޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ލީކުކޮށްލާފައިވާ އޯޑިއޯ އިން އިވޭ ގޮތުގައި، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުގެ އަރިހުގައި ޔާމީން ދެއްކެވީ މައުމޫންގެ ސަރުކާރުގައި ހުރި އޭނާ ހިތްހަމަނުޖެހޭ ކަންތައްތަކުގެ ވާހަކަތަކެވެ.
ޗެނަލް 13 އަށް ދެއްވި އިންޓަވިއުއެއްގައި، އެ އޯޑިއޯއާ ގުޅޭގޮތުން ޔާމީން ވިދާޅުވީ އެ އޯޑިއޯގައި ދެއްކެވީ ހަގީގީ ވާހަކަތަކެއް ކަމަށެވެ. އެ އޯޑިއޯގައި އޭނާ ވިދާޅުވެފައިވާ ވާހަކަތައް މިއަދު ދައްކަވަން ޖެހުނަސް ހަމައެގޮތަށް ދައްކަވާނެ ކަމަށާއި އެއީ ރައީސް މައުމޫނަށް ރައްދުކޮށް ދެއްކެވި ވާހަކަތަކެއް ނޫން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުގެ ފަރާތުން ނޯންނާނެ އޭގައި [އޯޑިއޯގައި] ހަގީގަތާ ހިލާފު އެއްވެސް ވާހަކައެއް ދައްކާފައި. އޭގައި އެހެރީ ހަގީގަތާ އެއްގޮތް ވާހަކަތައް. އަދި މިއަދު އެ ވާހަކަ ދައްކަން ޖެހުނަސް އެ އޯޑިއޯގައި އިވޭގޮތަށް އަޅުގަނޑު މިއަދު ވެސް ދައްކާނަން،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި އެ އޯޑިއޯގައި އަޑު އިވެނީ މީގެ ދެ އަހަރު ނޫނީ ތިން އަހަރު ކުރިން، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ސަން ޓްރެވަލް ސިޔާމް)ގެ ގޭގައި ބޭއްވި ރޯދަ ވީއްލުމެއްގައި ދެއްކެވި ވާހަކަތަކެކެވެ. އެ ދުވަހު އެތަނުގައި ތިބި ފަސް މީހުންގެ ތެރެއިން، ވާހަކަތައް ރެކޯޑްކޮށް، ލީކްކޮށްފައި ވަނީ ކާކުކަން ވެސް އެނގިވަޑައިގަންނަވާ ކަމަށް ޔާމީން ވިދާޅުވި އެވެ. ނަމަވެސް އެ މީހެއްގެ ނަން ވިދާޅުނުވެ ޔާމީން ވިދާޅުވީ "އޯޑިއޯ އާއްމުކޮށްފާނެ ކަމަށް ގަބޫލުކުރަން ފަސޭހައެއް ނޫން" ކަމަށެވެ.
މައުމޫން ސަރުކާރުގައި ހުރި، ޔާމީންގެ ހިތްހަމަނުޖެހުންތަކެއްގެ ވާހަކަ އެ ދުވަހު ދެއްކެވި ކަމަށް ޔާމީން ވިދާޅުވި އެވެ. އެ ދުވަހު ވާހަކަ ދެއްކެވީ ޑީއާރުޕީ އާއި އެ ނޫން ވެސް ސަރުކާރު ތެރޭގައި ހުރި ކަންކަމާ ގުޅޭގޮތުން ކަމަށާއި އެއީ ރައްޓެހިންގެ ތެރޭގައި ދެކެވުނު ވާހަކަތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެ ވާހަކަތަކަކީ ރައީސް މައުމޫނަށް ރައްދުކޮށްފައި ހުރި ވާހަކަތަކެއް ކަމަށް ނުވިއަސް އޭރު ވެރިކަމުގައި އަދި ޑީއާރުޕީގެ ޒައީމަކަށް ރައީސް މައުމޫން ހުންނެވުމާއެކު ސަރުކާރުގެ ތެރޭގައި ހިނގާ ކަންކަމުގެ ވާހަކަ ދައްކާއިރު މައުމޫންގެ ނަންފުޅު އަންނާނެ ކަމަށެވެ.
"މިސާލަކަށް ސިޔާމް ނޫނިއްޔާ ރިސޯޓް ގެންގުޅުއްވާ އެހެން ބޭފުޅުން ސަރުކާރު ތެރެއިން ކަންކަން ހާސިލްކުރައްވާއިރު އޭގައި ހުރަސްތަކެއް އެޅިގެންދާއިރު މި ބޭފުޅަކީ ޕާޓީގެ ނައިބު ޒައީމަކަށް ހުންނެވި ބޭފުޅަކަށް ވާނަމަ ހުރި ހިތްޕުޅު ހަމަނުޖެހުމުގެ ވާހަކަތަކުގައި ރައީސް މައުމޫންގެ ނަންފުޅު އަންނާނެ. ކެބިނެޓް ތެރޭގައި ދާ ކަންތައްތަކެއްގެ ވާހަކަ ދައްކާއިރު އަޅުގަނޑުގެ ހިތްހަމަނުޖެހުންތަކެއް ހުރިއްޔާ ރައީސް މައުމޫންގެ ނަންފުޅު އަންނާނެ،" ޔާމީން ވިދާޅުވި އެވެ.
ރޯދަ ވީއްލުމުގައި އެ ފަސް މީހުން ވާހަކަ ދެއްކެވީ، ޔާމީން ވިދާޅުވި ގޮތުގައި ރައީސް މައުމޫނާ އެންމެ އަރިސްކޮށް ސަރުކާރުގައި އުޅުއްވި ބޭފުޅުން އަމިއްލަ އަށް ވެރިކަމަށް ދައުވާކުރައްވާތަން ފެންނާތީ އެކަމާ ގުޅޭގޮތުންނެވެ.
އޭނާ ވިދާޅުވީ ކަންތައްތަކެއް އޭރު ހިނގައި ރައީސް މައުމޫންގެ ސަރުކާރު ވައްޓާލަން ސަރުކާރުގެ އެތެރެއިންނާއި ބޭރުން މަސައްކަތްތަކެއް ކުރެވެމުން ދިޔަ ކަމަށެވެ. އޭގެ ތެރޭގައި މައުމޫންގެ ކެބިނެޓާއި ޕާޓީ ތެރެއިން ވެސް އެ މަސައްކަތް ކުރި ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި މައުމޫން ބަލިކަށިކޮށްލެއްވުމަށް ނުވަތަ އިންތިހާބުގައި ވާދަކުރެއްވިޔަ ނުދޭން މަސައްކަތްތަކެއް ކުރަން ފެށީ 2004 ގަ އެވެ. އޮގަސްޓް 12 އަދި 13 ވަނަ ދުވަހު ފެނިގެންދިޔައީ އޭގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ގެނެވުނު އިންގިލާބެއް. މަސައްކަތްތަކެއް ކުރެވުނު...،" ޔާމީން ވިދާޅުވި އެވެ.
ސަރުކާރެއް ބަލިކަށިވާނީ އެ ސަރުކާރެއްގެ ވެރިއަކަށް ހުންނަ މީހާއާ ދެތެރޭ ސަރުކާރުގެ އިސްކޮށް ތިބި މީހުން ކުޑައިމީސްކޮށް ކަންކަން ކުރަން ފެށުމުން ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ