ރައީސް ނަޝީދު އިދިކޮޅު ލީޑަރާ ގުޅުއްވައިފި

ރައީސް މުހަންމަދު ނަޝީދު މިއަދު އިދިކޮޅު ލީޑަރު އަހުމަދު ތަސްމީން އަލީއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ސްޕޯކްސްޕާސަން ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ދެ ބޭފުޅުން ދެއްކެވި މާ ބޮޑު ތަފުސީލެއް އެނގިވަޑައިގެންފައި ނުވާ ކަމަށާއި އެހެން ނަމަވެސް، ކުރިމަގުގައި ޑީއާރުޕީ އާއި އެމްޑީޕީ ގުޅިގެން ރައްޔިތުންގެ ފައިދާ އަށް މަސައްކަތް ކުރައްވަން ރައީސް އެދިވަޑައިގެންނެވި ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ރައީސް ނަޝީދު އާއި ތަސްމީން އަކީ ކިޔަވާ ވިދާޅުވި އިރު ވެސް ވަރަށް އެކުގައި އުޅުއްވި ދެ ބޭފުޅުން. ފަހުން ލަންޑަންގައި ވެސް އުޅުއްވި އެކުވެރި ދެ ބޭފުޅުން. މިއަދުގެ ސިޔާސީ ހަގީގަތަކީ ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ އާއި އިދިކޮޅު ޕާޓީގެ ލީޑަރުންގެ ގޮތުގައި އެ ތިއްބެވީ އެ ދެ ބޭފުޅުންކަން،" ޑރ. ޝަހީދު ވިދާޅުވި އެވެ.
ސިޔާސީ މައިދާނުގައި، ހާއްސަކޮށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގާއިރު ވާދަވެރި ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ