ވަޒީރުންގެ މަސްއޫލިއްޔަތުތައް އެހެން ބަޔަކާ ހަވާލުކޮށްގެން ކަންތައްކުރުމަކީ ގާނޫނީ އެތައް ސުވާލެއް އުފެދޭ ކަމެއް: ޕީއޭ

މި ނާޒުކް ދަނޑިވަޅުގައި ވަޒީރުން އައްޔަންކުރެއްވުމުގައި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުނުކުރައްވައި ވަޒީރުންގެ މަސްއޫލިއްޔަތު އެހެން ބަޔަކާ ހަވާލުކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މަސައްކަތްކުރެއްވުމަކީ ގާނޫނީ ގޮތުން އެތައް ސުވާލެއް އުފެދޭ ކަމެއްކަމަށާއި އެއީ ޑިމޮކްރެސީގެ އުސޫލުތަކާ ވެސް ހިލާފު ކަމެއްކަމަށް ޕީޕަލްސް އެލަޔަންސް (ޕީއޭ) އިން ބުނެފި އެވެ.
އެ ޕާޓީން ރައީސް ނަޝީދަށް އިއްޔެ ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ކެބިނެޓްގެ ހުރިހާ ވަޒީރުން މިދިޔަ މަހުގެ 29 ގައި އިސްތިއުފާ ދެއްވުމާއެކު މިނިސްޓްރީތައް ހިންގަމުންދަނީ ގާނޫނު އަސާސީގެ ރޫހާ ހިލާފަށް ކަމަށް ފާހަގަކުރެވޭ ކަމަށެވެ.
އެ ގޮތުން ޕީއޭގެ ސިޓީގައި ރައީސުލްޖުމްހޫރިއްޔާ އަދި ގާނޫނު އަސާސީން ހަވާލުކުރެވޭ ކަންތައްތައް ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރުންގެ މަޖިލީހެއް އޮންނަންވާނެ ކަމަށް ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ހ) ގައި ބުނާ ކަމަށެވެ. އަދި ވަޒީރުންގެ މަޖިލީހަށް އައްޔަންކުރާ ފަރާތްތަކުގެ ނަންތައް ހަތް ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ފޮނުވަންވާނެ ކަމަށް އެ މާއްދާގެ (ރ) ގައި ބުނެފައިވާއިރު (ނ) ގައި ވަނީ ވަޒީރުންގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ބަންޑާރަ ނާއިބެއް ހުންނަންވާނެ ކަމަށް ގާނޫނު އަސާސީގެ 133 ވަނަ މާއްދާގައި ބުނެފައިވާއިރު ބަންޑާރަ ނާއިބުގެ މަސައްކަތުގެ ދާއިރާ ވެސް ވަރަށް ތަފުސީލުކޮށް ބަޔާންކޮށްފައިވާކަން ޕީއޭގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ރައީސުލްޖުމްހޫރިއްޔާއަށާއި ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ގާނޫނު އަސާސީގެ 134 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން ވެސް ރައީސް ނަޝީދަށް ޕީއޭ އިން ފޮނުވާފައިވާ ސިޓީގައިވެ އެވެ. މި މާއްދާތަކުގެ އިތުރުން ގާނޫނު އަސާސީގެ 130 ވަނަ މާއްދާ އާއ 131 އަދި 132 ވަނަ މާއްދާ އަށް ވެސް ޕީއޭގެ ސިޓީގައި ރިއާޔަތްކޮށްފައިވެ އެވެ.
"ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް މި ހުރިހާ ކަމެއް ބަޔާންކޮށްފައި އޮތް ނަމަވެސް ސަރުކާރުގެ ހުރިހާ ވަޒީރުން އެއް ފަހަރާ އިސްތިއުފާ ދީފައިވާ މި ދަނޑިވަޅުގައި އާ ވަޒީރުން އައްޔަންނުކޮށް ސަރުކާރުގެ ވުޒާރާތައް ހިންގަމުންދާ ގޮތާއި އަދި ޕޮލިސީ ކަނޑައެޅުއްވުމުގައި ގެންގުޅުއްވާ އުސޫލާ މެދު ސުވާލު އުފެދެ އެވެ. މި ޕާޓީން ދެކޭ ގޮތުގައި ގާނޫނު އަސާސީގައި މިހާ ސާފުކޮށް ކަނޑައަޅާފައިވާ ކަމެއްގައި އަދި ވަޒީރުންނާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެ ނޫން ގޮތަކަށް އަމަލުކުރުމަކީ ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފު އަދި ކޮރަޕްޝަނަށް މަގު ފަހިވާ ފަދަ ކަމެކެވެ،" ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހުމަތާއި ރިޝްވަތުގެ ތުހުމަތުގައި މިހާރު ބަންދުގައި ހުންނެވި މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީންގެ ޕާޓީން ރައީސް ނަޝީދަށް ފޮނުވި ސިޓީގައިވެ އެވެ.
އެ ސިޓީގައި ޕީއޭ އިން އެދިފައިވަނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް އައްޔަންކުރައްވާފައިވާ އެއްވެސް ވަޒީރެއް މި ވަގުތު ސަރުކާރުގައި ނެތުމާއެކު އެ ހުރިހާ މިނިސްޓަރުން ހާއްސަކޮށް އެޓާނީ ޖެނެރަލްގެ އޮފީހާއި ހޯމް މިނިސްޓްރީ އަދި ޑިފެންސް މިނިސްޓްރީތައް ހިންގުމުގެ ކަންތައްތަކާއި ސިޔާސަތު ކަނޑައެޅުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލު ހާމަކޮށްދެއްވުން އެދިފަ އެވެ. އަދި ވަޒީރުން ނެތް މި ދަނޑިވަޅުގައި ސަރުކާރުން މިހާރު އަމަލުކުރުމުގައި ގާނޫނީ ލަފާ ހޯދަނީ ކޮން ފަރާތަކުންތޯ ވެސް ހާމަކޮށްދެއްވުމަށް ރައީސް ނަޝީދުގެ އަރިހުގައި ޕީއޭ އިން ވަނީ އެދިފަ އެވެ.
ވަޒީރުންގެ މަޖިލީސް އެއްކޮށް އިސްތިއުފާ ދެއްވިތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ސަރުކާރުން ބުނަމުންދަނީ ވަޒީރުންގެ މަޖިލިސް އަލުން އެކުލަވާލެއްވޭނީ އިދިކޮޅު ފަރާތްތަކާ ވާހަކަ ދައްކައިގެން ހައްލެއް ހޯއްދެވުމުން ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކާއެކު ސަރުކާރުން މިހާތަނަށް އެއް ބައްދަލުވުން ބާއްވާފައިވާ އިރު ދެ ފަރާތުން ވެސް ބުނެފައިވަނީ އެކަށީގެންވާ ނަތީޖާއަކާ ހަމައަށް ދެވިފައި ނެތް ކަމަށެވެ.
ގައުމީ ޕާޓީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެފައިވަނީ މާދަމާގެ ކުރިން ވަޒީރުންގެ މަޖިލިސް އެކުލަވާނުލައްވައިފި ނަމަ މިއީ ޣައިރު ގާނޫނީ ސަރުކާރެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ