ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދަން އިންލަންޑް ރެވެނިއު އޮތޯރިޓީން ހާއްސަ މަސައްކަތްތަކެއް ފަށައިފި

ދައުލަތަށް އެކި ފަރާތްތަކުން ދައްކަން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާ ހޯދަން މޯލްޑިވްސް އިލަންޑް ރެވެނިއު އޮތޯރިޓީ (އެމްއައިއާރުއޭ) އިން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އެ އޮތޯރިޓީން މިއަދު ބުނެފި އެވެ.
"ހަވީރަށް" ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު މިއަދު ވިދާޅުވީ އެކިއެކި ދާއިރާތަކުން ދައުލަތަށް ދައްކަން ޖެހޭ ވަރަށް ގިނަ ފައިސާ ނުލިބި އެބަހުރި ކަމަށެވެ.
"އިންލަންޑް ރެވެނިއުއިން ކުރަމުން ގެންދިޔަ ކޮންޓްރެކްޓްގެ ދަށުން ނަގަމުން ދިޔަ ފީތަކާއި މިކަހަލަ އެއްޗެތި ބޮޑު ބައެއްގެ ގޮތުގައި މިއުޅެނީ. އެހެންވީމަ އަޅުގަނޑުމެން މިދަނީ ކޮންޓްރެކްޓްގެ ދަށުން ލިބެން ޖެހޭ ލާރިތަކާ އެއްޗެތި ނުލިބިގެން އެޅިފައި ހުރި ފިޔަވަޅުތަކާއި އަޅުގަނޑުމެން އެކަންތައް ކުރިޔަށް ގެންދަންވީ ގޮތް އަޅުގަނޑުމެން މިގެންދަނީ ޑިސްކަސް (މަޝްވަރާ) ކުރަމުން،" އޭނާ ވިދާޅުވި އެވެ.
ޔަޒީދު ވިދާޅުވީ އެ ފައިސާ ހޯދުމަށް ތަފުސީލްތައް ތައްޔާރުކުރަމުން ގެންދާ ކަމަށެވެ. އެގޮތުން ވަކިވަކި ފަރުދުންގެ ތެރެއިން ވެސް ވާހަކަދައްކަން ޖެހޭ މީހުންނާ ވާހަކަދައްކައި، އެ ފައިސާ ނުދެއްކި ހުރި ސަބަބު އޮޅުންފިލުވަމުން ގެންދާ ކަމަށެވެ.
"ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ނޫނީ އަޅުގަނޑުމެންނަށް ލިބޭ ގާނޫނީ ބާރުގެ ދަށުން ކުރެވެން އޮތް ގޮތަކަށް ކުރުމަށް މިހާރު ވިސްނުން މިހުރީ. މީޑިއާއިން އެންމެ ބޮޑަށް ޓޫރިޒަމް ދާއިރާއިން ލިބެން ހުރި ފައިސާ އަށް. އެހެނެއް ނޫން ވަރަށް ގިނަ ދާއިރާ އެބަހުރި،" އޭނާ ވިދާޅުވި އެވެ.
ޔަޒީދު ވިދާޅުވީ ދައުލަތަށް ފައިސާ ނުލިބި ހުރި ފައިސާތަކުގެ ތެރޭގައި ވެހިކަލް ފީ އާއި ބޮޑުކަންނެލި ރޯޔަލްޓީ އާއި ފޮރިން އިންވެސްޓްމަންޓް ރޯޔަލްޓީ އަލިމަސް އުފާ ސަރަހައްދުން ދޫކޮށްފައިވާ ބިންތަކުން ލިބެން ޖެހޭ ފައިސާ އާއި ފްލެޓްތަކުގެ ކުލި ވެސް އެބަހުރި ކަމަށެވެ.
"އަޅުގަނޑުމެން މި ދައްކަނީ ވަރަށް ]ފައިސާ ނުލިބި ހުރި ކަމަށް[. މި ލިސްޓްގައި އެބައުޅޭ 45 ވަރަކަށް ތަން ފައިސާ ނުލިބި،" އޭނާ ވިދާޅުވި އެވެ.
އެކިއެކި ކަންތައްތަކުން ދައުލަތަށް ލިބެން ޖެހޭ ވަރަށް ގިނަ ފައިސާ ނުލިބި ހުރި ކަމަށް ޔަޒީދު ވިދާޅުވި ނަމަވެސް އެއީ ކިހާ ފައިސާއެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ. އަދި އެ ފައިސާގެ އަދަދު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެ ތެރެއިން ހުރިހާ ބާވަތެއްގެ ފައިސާގެ ތެރެއިން އަދިވެސް ވަރަށް ގިނަ ކަންތައް ހުރެ ދާނެ. އެހާ ސިސްޓަމެޓިކް ކޮށް ނޫން އެކަން ކުރިން ބެލެހެއްޓިފައި ހުރީ. ސަރުކާރަށް ލިބެން ޖެހޭ ވަރަށް ބައިވަރު ފައިސާ އެބަހުރި،" ޔަޒީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ފައިސާ ހޯދުމަށް ހާއްސަ މަސައްކަތްތަކެއް ފަށަން ގަސްދުކުރާ ކަމަށެވެ. އަދި ނުދައްކާ ހުރި ފައިސާ އާއި ވަރަށް ގިނަ ދުވަސްވެފައިވާ ވަރަށް ކުދި ކަންތައްތަކުގެ ފައިސާ ވެސް ނުލިބި އެބަހުރި ކަމަށް ވެސް ޔަޒީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބަލަން ޖެހޭ ގާނޫނީ ފިޔަވަޅު އަޅައިގެން އަޅުގަނޑުމެންނަށް ހޯދެން ހުރީ. މިސާލަކަށް ޓޫރިޒަމް މިނިސްޓްރީއާ އެކު ހެދިފައި ހުރި ކޮންޓްރެކްޓްގެ ދަށުން ލިބެން ފައިސާ ނުދައްކާ ކަމަށް ވަންޏާ ކޮންޓްރެކްޓްގައި އަޅަން ޖެހޭ ފިޔަވަޅު އޮންނާނެ. އަޅުގަނޑުމެން މިގެންދަނީ ޓޫރިޒަމް މިނިސްޓްރީ އަށް އަންގަމުން އެ އެގޮތަށް ނުދައްކާ ހުރި ފަރާތްތަކާ ފިޔަވަޅު އަޅާށޭ،" އޭނާ ވިދާޅުވި އެވެ.
ޔަޒީދު ވިދާޅުވީ އިންލަންޑް ރެވެނިއު އޮތޯރިޓީގެ ގާނޫނުގެ ދަށުން، ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބަލަމުން ގެންދާ ކަމަށެވެ.
"އެންމެ ފުރަތަމަ އަޅުގަނޑުމެން ހަރުކަށިވުމުގެ ބަދަލުގައި ]ވާހަކަދައްކައިގެން އެ ފައިސާ ހޯދަން[. ހަމަ ގައިމުވެސް 2011 އިން ފެށިގެން ލިބެން ޖެހޭ ފައިސާ ނުލިބި އެންމެ ދުވަހެއްވި ނަމަވެސް އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅު އަޅާނަން،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ