ވޯޓުލާން ރަޖިސްޓްރީކުރުން: ވޯޓުލާ ކާޑު ހޯދަން ނަސަންދުރަ އަށް ދިޔަ ބައެއް މީހުންނާ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ ހޫނު ޒުވާބުތަކ

ނަސަންދުރަ ޕެލަސް ހޮޓަލުގައި، ކުރިން ޓްރެންޑްސް ރެސްޓޯރަންޓް ހިންގި ބައިގައި ބުރާސްފަތި ދުވަހު ހެނދުނު 00: 10 ހާއިރު، ޒުވާނަކު ގޮނޑީގައި އިށީނދެލައިގެން އިނދެ އެތަނުން ފެނުނު ކޮންމެ މީހަކާ ޝަކުވާ ކުރަމުން ދިޔަ އެވެ.
"އަހަރެން މީ ރިސޯޓެއްގައި އުޅޭ މީހެއް. މިހާރު ދެ ދުވަސްވީ ވޯޓު ލާ ކާޑު ނުލިބިގެން އުޅޭތާ. އިއްޔެ ވެސް މިތަނަށް އައިން. މިއަދު ވެސް އިރުއެރީއްސުރެ މި އުޅެނީ މިކަމާ،" އޭނާ ބުންޏެވެ. "ކިހާ ބޮޑު އުނދަގުލެއް މީ. މީ ދޯ ވޯޓުލާން އުޅެން ޖެހޭ ހާލަކީ!"
އޭރު ހަމަ އެތާނގައި އެތަނަށް އެއްވެ ތިބި ބައެއް މީހުންނާ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަލީ ފާއިޒާ ދެމެދު ހޫނު ޒުވާބެއް ހިނގަމުން ދިޔަ އެވެ.
"ނުވަންޏާ އިސްތިއުފާ ދީފައި ގެއަށް ދޭ!" ތިރި ފާރުބުރިއެއްގެ މައްޗަށް އަރުއްވައިގެން ހުންނެވި އަލީ ފާއިޒާ ދިމާއަށް އެކަކު އަތް ހުރަމުން ބުންޏެވެ. "ވޯޓު އޮޅުވާލަން ކުރާ ކަމެއްތީ. ލާހިކެއް ނޫން އެހެން ވާކަށް މިފަހަރަކު."
އެތައް ބަޔަކު ތަފާތު ރާގުރާގަށް މަލާމާތްކޮށް ބަހުގެ ހަމަލަތައް ދިން އިރު، ބައެއް ފަހަރު "މައިތިރިވޭ" އޭ ވިދާޅުވުމުގެ އިތުރުން އަލީ ފާއިޒު އެކައްޗެއް ވެސް ވިދާޅެއް ނުވެ އެވެ. އެއަށް ވުރެ މަސްރަހު މާ ހޫނެވެ.
އޮކްޓޫބަރު 8 ވަނަ ދުވަހު މުޅި ރާއްޖޭގައި ބާއްވާ ތާރީހީ ވޯޓުގައި ބައިވެރިވުމަށް ޓަކައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުންނަ ނަމަ ހޮނިހިރު ދުވަހުގެ ކުރިން އެ ރަށެއްގައި ރަޖިސްޓްރީ ކުރަން ޖެހެ އެވެ. މިއީ، މުހިންމު ނިންމުމެއް ނަމަވެސް، ވަގުތު ނެތުމުން މިކަން ވެފައި ވަނީ ބޮޑު މައްސަލައަކަށެވެ. ބުދަ ދުވަހު ވެސް އަދި ބުރާސްފަތި ދުވަހުގެ ހެނދުނު ވެސް ނަސަންދުރައިގެ ތެރެއިން ފެނުނީ ހުސް ޒުވާބެވެ. މީހުން ލޭ ހޫނުވެގެން އުޅޭ މަންޒަރުތަކެވެ.
"އަހަރެމެން ރާއްޖެތެރޭ މީހުންނަށް ވޯޓު ނުލެވޭނެ ގޮތް ކަލޭމެން ހަދަންވީނު،" އެތަނުގައި ވަރަށް ރުޅިވެރިކަމާ އެކު ބަހުގެ ހަމަލަތައް ފޮނުވަމުން ދިޔަ މީހަކު ބުންޏެވެ.
ބުރާސްފަތި ދުވަހު ހެނދުނު ނަސަންދުރަ ޕެލަސް ހޮޓަލުގެ ހުރިހާ ދިމާއެއްގައި މީހުން ވަނީ ފުރިފަ އެވެ. ބައެއް މީހުން ބުނަނީ "އިންތިޒާމުތައް ދޯދިޔާ ވާނީ މިވަރަށް" ކަމަށާއި "މިއީ މިކަހަލަ ކަމެއް ކުރަން ޖެހޭ ގޮތެއް ނޫން" ކަމަށެވެ.
ހަގީގަތުގައި ނަސަންދުރައިގައި ބުރާސްފަތި ދުވަހު އެހާ ބާރުބޮޑުވެގެން ދިޔައީ ދެ ސަބަބެއް އޮވެގެންނެވެ. އެއް ސަބަބަކީ އިލެކްޝަނުން ގޭގެއަށް ގޮސް ފުރި ގިނަ ފޯމުތަކުގައި، ރެޖިސްޓްރޭޝަން ކާޑު ބަލާ އަންނަން 25 ސެޕްޓެމްބަރު 2008 ގެ ތާރީހު އޮތުމެވެ. އެހެންވެ، ވަރަށް ގިނަ މީހުން އެތަނަށް ކާޑު ބަލާ ގޮސް ތިއްބެވެ. އަނެއް ސަބަބަކީ ރެޖިސްޓަ ކުރުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ހޮނިހިރު ކަމަށްވާތީ، ގިނަ ބަޔަކު އެއްފަހަރާ ރަޖިސްޓްރީ ކުރަން ދިއުމެވެ. ނަސަންދުރައިގެ ބައެއް ދިމާތަކަށް ބަލާއިރު ދިގު ކިޔޫތައް ފެންނަން އޮތެވެ.
"މިކަންތައްތައް އިންތިޒާމުކޮށްފައި އޮތް ގޮތް ގޯހީ. ކޮންމެ ކަމަކަށް އެބަޖެހޭ ދިގު ކިޔޫއެއްގައި ޖެހެން. ފޯމު ފުރަން ވަކި ކިޔޫއެއް. ރެޖިސްޓްރޭޝަން ނަންބަރު ނަގަން ވަކި ކިޔޫއެއް. ކާޑު ބަލާ ވަކި ކިޔޫއެއް. މިހެން ކިހިނެއް މިތާނގައި ތިބެވޭނީ ހާއްސަކޮށް ރޯދަމަހު،" ނަސަންދުރައިގައި ހުރި މީހަކު ބުންޏެވެ.
ބުރާސްފަތި ދުވަހު ނަސަންދުރައިގެ ތެރޭގައި ފުލުހުން ވެސް ހަރަކާތްތެރިވި އެވެ. އެއްވެސް ހަމަނުޖެހުމެއް ނުހިނގަ އެވެ. އެހެން ނަމަވެސް، އެހިސާބަށް ކަންތައްތައް ނުދިޔައީ ހަމަކިރިޔާ އެވެ. އިލެކްޝަންސް ކޮމިޝަންގެ ފަސް މެމްބަރުންގެ ތެރެއިން އަލީ ފާއިޒާއި ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ޝާހިދު (ސާބެ) އަދި ކޮމިޝަންގެ މެމްބަރު ފުއާދު ތައުފީގު ވެސް އެތަނަށް ފަހުން ވަޑައިގެންނެވި އެވެ.
"އަޅުގަނޑުމެން މި ދަންނަވަނީ ތިޔަބޭފުޅުން ހަމަޖެހި، އިށީނދެވަޑައިގަންނަވާށޭ. އަޅުގަނޑުމެން ރަނގަޅު ގޮތަކަށް ތިކަން އިންތިޒާމު ކޮށްދޭނަމޭ،" ރުޅި ގަދަވެފައި ތިބި މީހުން މަިއތިރި ކުރެވޭތޯ ސާބެ މަސައްކަތްކުރައްވަމުން ވިދާޅުވި އެވެ.
"ތިހެން ބުނި އިއްޔެ ވެސް... ވީކަމެއް ހަރާން... ކަލޭމެން ކޮންމެ ކަމެއް ކުރިއަސް ނުކުރިޔަސް މަހަކު 25000ރ ލިބޭވިއްޔަ،" އެކަކު ބުންޏެވެ. "މިކަން ނުވަންޏާ ވާ ވަރުގެ ބަޔަކާ ހަވާލުކޮށްފައި އިސްތިއުފާ ދީބަލަ ނިކަން ނެރެންޏާ."
އަލީ ފާއިޒު، ސާބެ އަރިހު ވާހަކަ ދައްކަވަމުން ގެންދެވިތަން ވެސް ބައެއް ނޫސްވެރިންނަށް ފެނުނެވެ. އޭނާ ހުށަހެޅުއްވީ މައްސަލަ ވަގުތީ ގޮތުން ހައްލުކުރެވޭނެ ގޮތެކެވެ.
"އަޅުގަނޑަށް ފެންނަނީ ކާޑު ދޫކުރުން ވަގުތީ ގޮތުން ހުއްޓާލަން،" އަލީ ފާއިޒު ވިދާޅުވި އެވެ. އޭނާ އެތަނުގައި ތިބި މީހުންނާ މުހާތަބު ކުރައްވައި، އެހެން އިއުލާން ވެސް ކުރެއްވި އެވެ.
"އަޅުގަނޑުމެން ދެން ކާޑު ދޫކުރާނީ ރަނގަޅު އިންތިޒާމެއް ހަމަޖައްސައި، އެކަން އިއުލާންކޮށްފައި. ހުރިހާ ބޭފުޅުން ވެސް ދެން ގެއަށް ވަޑައިގަންނަންވާ،" އަލީ ފާއިޒު ވިދާޅުވި އެވެ.
ބައެއް މީހުން ގެއަށް ދިޔަ އެވެ. އެހެން ނަމަވެސް، ކުޑަ އިރުކޮޅެއްގެ ތެރޭގައި ދެން ފެނުނީ އަނެއްކާ ވެސް ކާޑު ހޯދަން ނަންބަރު ދޫކުރަން ފެށި ތަނެވެ. މިއީ، ކޮމިޝަނުގެ މެމްބަރުންގެ ތެރޭގައި ގުޅުމެއް ނެތް ކަމުގެ ހެއްކެކެވެ. ކާޑު ދޫނުކުރާނެ ކަމަށް އިއުލާންކޮށްފައި އޭގެ ކުޑައިރުކޮޅެއް ދޫކުރަން ފެށުމުން ބައެއް މީހުން ހިތްހަމަނުޖެހިގެން އަނެއްކާ ވެސް ވާހަކަތައް ދައްކަން ފެށި އެވެ.
"މި ކޮމިޝަންގެ ވެރިން ވެސް ފަހަރަކު ގޮތަކަށް ވާހަކަ ދައްކަވަނީ. އިއްޔެ މިތަނުން ބޭފުޅަކު ވިދާޅުވި ގެއަށް ކާޑު ފޮނުވައިދޭނަމޭ. މިއަދު ވިދާޅުވީ ނުފޮނުވޭނެޔޭ. ދަރުބާރުގެ އަށް އަންނާށޭ ބަލާ،" އެކަކު ބުންޏެވެ.
އިލެކްޝަންސް ކޮމިޝަންގެ އިސް ބޭފުޅަކު މެންދުރު ފަހު ވިދާޅުވީ ގޭގެއަށް މީހުން ފޮނުވައިގެން ފުރުވި ފޯމްތަކުގެ ރެޖިސްޓްރޭޝަން ކާޑު އެ ގެއަކަށް ފޮނުއްވައިދެއްވާނެ ކަމަށެވެ.
މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުންގެ އަދަދު 30000 އަށް ވުރެ ގިނަ ކަމަށް ވެ އެވެ. ރަޖިސްޓްރީ ކުރުމަށް މާލޭގެ އެކި ތަންތަނުގައި ޓެންޓްތައް ހަދާފައި އެބަހުއްޓެވެ. ރަޖިސްޓްރީ ކުރަން މީހުން ދާން ވެސް ދެ އެވެ. އެހެން ނަމަވެސް، މި ކުރު މުއްދަތުގެ ތެރޭގައި، 30000 މީހުން ރަޖިސްޓްރީ ކުރުމަކީ ވެދާނެ ކަމެއްތޯ އެއީ ބޮޑު ސުވާލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ