ޕީޖީ އޮފީހުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުން އުނިކުރި ފައިސާ ދީފި

އިގްތިސާދީ ހާއްސަ ހާލަތެއް އައިސްގެން އުޅޭ ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުން ނޮވެމްބަރާއި ޑިސެމްބަރު މަހު އުނިކޮށްފައިވާ 15 ޕަސެންޓް ފައިސާ މިދިޔަ މަހުގެ މުސާރައާ އެއްކޮށްދީފި އެވެ.
ޕީޖީ އޮފީހުގެ މުވައްޒަފުންގެ މުސާރަ އިން ކެނޑި ބައި ދީފައި މި ވަނީ، މުސާރައިގެ މައްސަލައިގައި 14 ވަކީލަކު ދައުވާކޮށް، މުސާރަ ކަނޑާފައި ވަނީ އެގްރިމެންޓާ ހިލާފަށް ކަމަށާއި ކެނޑި މިންވަރު 30 ދުވަހުގެ ތެރޭގައި ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރު ކުރިތާ 26 ދުވަސް ފަހުންނެވެ.
ޕްރޮސެކިއުޓަރު ޖެނެރަލް އަހުމަދު މުއިއްޒު މި ވަގުތު ރާއްޖޭގައި ވަޑައިގެން ނޫޅުއްވާތީ މިކަމާ ބެހޭ ގޮތުން އެމަނިކުފާނުގެ ބަހެއް ވަނީ ލިބޭ ގޮތެއް ނުވި އެވެ. އަދި ޕީޖީގެ ނައިބު ހުސެއިން ޝަމީމަށް ގުޅުމުން ވިދާޅުވީ ހަވީރަށް މައުލޫމާތު ނުދެއްވާ ކަމަށެވެ. ފަހަކަށް އައިސް އޭނާ ހަވީރަށް މައުލޫމާތު ދެއްވަނީ ބައެއް މައްސަލަތަކުގަ އެވެ.
މުސާރައިގެ މައްސަލައިގައި ދައުވާ ކުރެއްވުމުގައި އިސްކޮށް އުޅުއްވި ޕީޖީ އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ ހުސައިން ޝަހާމަތު މިއަދު ވިދާޅުވީ، ދައުވާ ކުރި މުވައްޒަފުންގެ އިތުރުން އެހެން މުވައްޒަފުންނަށް ނޮވެމްބަރާއި ޑިސެމްބަރު މަހުގެ މުސާރައިން ކެނޑި މިންވަރު ޖަމާކޮށްދީފައިވާ ކަމަށެވެ. އަދި ދައުވާ ކުރުމުގައި ބައިވެރިވެފައިނުވާ ވަކީލަކު ވެސް ވިދާޅުވީ މި މަހުގެ މުސާރަ ޖަމާކުރި އިރު އޭނާ އަށް ވެސް މުސާރައިން ކެނޑި ބައި ޖަމާކޮށްދީފައިވާ ކަމަށެވެ.
އިގްތިސާދީ ހާއްސަ ހާލަތެއް އައިސްގެން އުޅޭ ކަމަށް ބުނެ މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ސަރުކާރުން ވަނީ މުސްތަގިއްލު މުއައްސަސާތައް ވެސް ހިމެނޭ ގޮތަށް ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުން 15 ޕަސެންޓު އުނިކޮށްފަ އެވެ. ނަމަވެސް ހުރިހާ މުސްތަގިއްލު މުއައްސަސާތަކެއްގެ މުސާރަ ވަނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން އިއާދަކޮށްފަ އެވެ.
މުސާރައިގެ މައްސަލައިގައި ސަރުކާރުގެ ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުން ހަޅުތާލުކޮށް މަސައްކަތް ހުއްޓާލައި ޕެޓިޝަންތަކެއް ވެސް ވަނީ ތައްޔާރުކޮށްފަ އެވެ. އަދި ސިވިލް ސާވަންޓުންގެ މުސާރަ އިއާދަ ކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީން) ނިންމުމުން ވެސް ފިނޭންސް މިނިސްޓްރީން ވަނީ ކުރީގެ މުސާރަ ދިނުމަށް އިންކާރުކޮށްފަ އެވެ. އެ މައްސަލައިގައި ސީއެސްސީން ފިނޭންސާ ދެކޮޅަށް ކުރާ ދައުވާ ކޯޓުގައި މިހާރު ވެސް އެބަ ކުރިއަށްދެ އެވެ. މި ދައުވާ ކުރިއަށް ދަނިކޮށް، ސީއެސްސީން ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ބުނެ އެ މައްސަލަ ބަލައި ދިނުމަށް ފިނޭންސް މިނިސްޓްރީން ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ