ސަފީރުންނަށް ރުހުން ދިނުމުގެ ކުރިން ކޮމިޓީން އިންޓަވިއު ކުރަނީ

ސަފީރުންނަށް ރުހުން ދިނުމުގެ ކުރިން ރައްޔިތުންގެ މަޖިލިހުގެ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން އިންޓަވިއު ކުރާ ގޮތަށް ނިންމައިފިއެވެ.
މަޖިލިހުގެ ކޮމިޓީތަކުން މީގެކުރިން އާންމުކުރާ އުސޫލުގައިވާ ގޮތުން ސަފީރުންނަށް ރުހުން ދެނީ އިންޓަވިއުނުކޮށެވެ. ސަފީރުން ކަނޑައަޅަނީ ރައްޔިތުންގެ މަޖިލިހަށް ރައީސް ފޮނުއްވަވާ ނަންތައް ދިރާސާކޮށް ކޮމިޓީން މަޖިލިހުގެ ތަޅުމަށް ފޮނުވުމަށް މެމްބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.
ކޮމިޓީ ބައްދަލުވުމުގައި ވިލުފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ރާއްޖެ ތަމްސީލް ކުރާ އެންމެ އިސް ފަރާތްތަކުގެ ގޮތުގައި ސަފީރުން ބޭރުގެ ގައުމުތަކުގައި ތިބޭ އިރު، އެކަމަށް އެކަށީގެންވާ މީހެއްތޯ ބެލުމުގެ ޒިންމާ ގާނޫނުއަސާސީން އޮންނަނީ ރައްޔިތުންގެ މަޖިލިހަށް މަތިކޮށްފައިވާ ކަމަށެވެ.
އެކި ގައުމުތަކަށް މިހާރު ކަނޑައަޅާފައި ތިއްބެވި ސަފީރުން އިންޓަވިއު ނުކުރި ނަމަވެސް ދެން އިތުރަށް ސަފީރަކު ކަނޑައަޅުއްވާ ކަމުގައިވާ ނަމަ އެ ކޮމިޓީން އިންޓަވިއު ކުރުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަފީފް ވަނީ ސަފީރުން ހޮވުމަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުގެ ކުރިން ކޮމެޓީ އިން ސަފީރުންނާ އިންޓަވިއު ކުރަން ހުށަހަޅުއްވައިފައެވެ.
ކޮމެޓީ މެންބަރުންގެ އަޣުލަބިއްޔަތުން އަފީފްގެ ހުށަހެޅުއްވުން ވަނީ ފާސްވެފައެވެ. ރޭ ބައްދަލުވުން ނިންމާލުމުގެ ކުރިން ވަނީ މިހާރު ސަފީރު ކަމަށް އައްޔަން ކުރުމަށް މަޖިލީހަށް ނަން ހުށަހަޅުއްވާފައިވާ ފަރާތްތައް އިންޓަވިއު ކުރުމަށް ފަށާނެ ކަމަށް އިއުލާންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ