ތިއާގޯ ކޮވިޑަށް ޕޮޒިޓިވް، ދެ މެޗު ގެއްލޭނެ

ލިވަޕޫލް (ސެޕްޓެމްބަރު 30) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލާ ގުޅުނު ސްޕެއިނުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ކުރިއަށް އޮތް ދެ މެޗު ގެއްލިއްޖެ އެވެ.
އުމުރުން 29 އަހަރުގެ ތިއާގޯ މި މަހުގެ ތެރޭގައި ބަޔާން މިއުނިކް ދޫކޮށް ލިވަޕޫލާ ގުޅުނުތާ ދެ ދުވަސް ތެރޭ ވަނީ މި މަހު 20 ވަނަ ދުވަހު ޗެލްސީ އަތުން 2-0 އިން ލިވަޕޫލް މޮޅުވި މެޗުގެ ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައިފަ އެވެ.
ލީގުގައި ހޯމަ ދުވަހުގެރޭ އާސެނަލް އަތުން ލިވަޕޫލް 3-1 އިން މޮޅުވި މެޗަށް ފަރިތަކުރަމުން ދަނިކޮށް ތިއާގޯ އާއި ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ އަށް ފިޓްނަސްގެ މައްސަލައެއް ދިމާވެ ޕްރެކްޓިސްތަކެއް ގެއްލުނެވެ. އާސެނަލް މެޗުގެ ކުރިން ހެދި ފިޓްނަސް ޓެސްޓުން ފާސްވެ އެލިސަން ކުޅުނު ނަމަވެސް ތިއާގޯ ނުކުޅެ އެވެ.
ލިވަޕޫލުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިއާގޯ އަށް ކޮވިޑް ޖެހިފައިވާ ކަމަށާއި އޭނާ މިހާރު ހުރީ އައިސޮލޭޝަނުގައި ކަމަށެވެ. އަދި ކޮވިޑް-19 ގެ ޕްރޮޓޮކޯލްގެ ތެރެއިން ތިއާގޯ ކުރިއަށްދާނެ ކަމަށް ކްލަބްގެ ބަޔާނުގައިވެ އެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ކުރިއަށް އޮތް ދެ މެޗުގައި ތިއާގޯ ނުފެންނާނެ ކަމަށާއި އަލުން އޭނާ ފެންނާނެ ކަމަށް ބެލެވެނީ އަންނަ މަހު 17 ވަނަ ދުވަހު އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގައި ކަމަށެވެ. އެ މެޗު ކުޅޭނީ އަންނަ މަހު ކުރީކޮޅުގައި ގައުމީ ޓީމުގެ މެޗުތަކަށް މެދުކަނޑާލުމަށް ފަހު އެވެ.
ތިއާގޯ އަށް ގެއްލޭނީ މާދަމާރޭ ލީގު ކަޕްގައި އަމިއްލަ ދަނޑުގައި އާސެނަލާ ދެކޮޅަށް ކުޅޭ މެޗާއި އާދިއްތަ ދުވަހުގެރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ރަށުންބޭރުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އަންނަ މަހު އޮތް ސްޕެއިން ގައުމީ ޓީމުގެ މެޗުތަކަށް ވެސް ތިއާގޯ ނުނަގާނެ އެވެ.
ކުރިން ބާސެލޯނާ އަށް ވެސް ކުޅެފައިވާ ތިއާގޯ އަށް ކޮވިޑް ޖެހިފައިވީ ނަމަވެސް އޭނާގެ ފަރާތުން ބަލީގެ އަލާމަތްތައް މާ ބޮޑަށް ނުފެންނަ ކަމަށް ލިވަޕޫލްގެ މެޑިކަލް ޓީމާ ހަވާލާދީ އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ