އިންޒާރު ދޭތީ އެންޑީއޭގެ ސީއީއޯ މަގާމުން އިސްތިއުފާ ދެއްވައިފި

މަސްތުވާތަކެތި ބޭނުންކުރާ މީހުން މެދުވެރިކޮށް، ބަޔަކު އަޑީގައި ތިބެގެން އިންޒާރު ދެމުންދާތީ ކަމަށް ބުނެ ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ސީއީއޯގެ މަގާމުން ހަސަން ޝަހީލް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އެންޑީއޭގެ ބޯޑުގެ ޗެއާމަން އަބްދުލް ހަމީދަށް ފޮނުއްވި ސިޓީއެއްގައި ޝަހީލް ވިދާޅުވީ އެ އެޖެންސީގައި މިހާތަނަށް މަސައްކަތް ކުރަމުން އައީ ކިތަންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިވި ކަމުގައި ވިއަސް އިހްލާސްތެރިކަމާ އެކު ކަމަށާއި އެ މަސައްކަތުގައި ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ނުވަތަ ވަކި ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށާއި ގާނޫނާ ހިލާފަށް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.
ޝަހީލް ވިދާޅުވީ ނަމަވެސް މަސްތުވާތަކެތި ބޭނުންކުރާ، އެކަމަށް ދެވި ހިފާފައި ތިބި ބައެއް މީހުން މެދުވެރިކޮށް މިހާރު ސީދާ އޭނާއަށް އަމާޒުކޮށް، ސޯޝަލް މީޑިއާގައި ސާބިތު ނުހިފޭ ހުތުރު ވާހަކަތައް ފަތުރައި ބަދުނާމުކޮށް ފުރައްސާރަކުރުމާއި މަގުމަތިން ދިމާކޮށް އިންޒާރު ދެމުންދާ ކަމަށެވެ.
އަޅުގަނޑު އެންޑީއޭގެ ސީއީއޯއެއްގެ ގޮތުގައި މަސައްކަތްކުރާތާ ފަސް އަހަރުވެފައިވާއިރު، ކުރިން މިފަދަ ބައެއްގެ ފަރާތުން މިފަދަ ކަމެއް ކުރިމަތިވެފައެއް ނުވެ އެވެ.
- ހަސަން ޝަހީލް
އެހެން ނަމަވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުން މެދުވެރިކޮށް ކޮންމެވެސް ނުފޫޒެއް އޮތްބަޔަކު ފޮރުވިފައި ތިބެގެން އެބައެއްގެ މަގުސަދުތަކެއް މިހާރު ހާސިލްކުރުމަށްޓަކައި އޭނާގެ އަބުރު ކަތިލައި އަދި އިންޒާރު ދީ ހެދުމަކީ މިހާރު އެ މަގާމުގައި ހުންނަން ޖެހިލުންވާ ކަމެއްކަމަށް ޝަހީލްގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
އޭނާ ވިދާޅުވި ގޮތުގައި މަގާމުން ދުރުކޮށް އެ ބަޔަކު ބޭނުންވާ މަގުސަދު ހާސިލްކުރުމަށް އެފަދަ ބަޔަކު ބޭނުންކޮށްގެން ކޮންމެ ފަދަ ނުރައްކަލެއް ވެސް ކުރިމަތިކޮށްފާނެ ކަމަށް ބެލެވެ އެވެ.
މިދިޔަ ޖޫން މަހު ވެސް، ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ އެޖެންސީން އިސްތިއުފާ ދިނުމަށް ސިޓީ ހުށަހެޅުއްވި ކަމަށާއި އެކަމަކު އެންޑީއޭއާ ގުޅުންހުރި ބެލެނިވެރި އިސްފަރާތްތަކުގެ އެދިވަޑައިގަތުމުން އެ ސިޓީ އޭރު އަނބުރާ ނެންގެވިއަސް މި ހާލަތުގައި އެންޑީއޭގެ ސީއީއޯގެ މަގާމުގައި ހުންނަން އުޒުރުވެރިވެވަޑައިގަންނަވާތީ އިސްތިއުފާ ދެއްވީކަމަށް ޝަހީލްގެ ސިޓިގައި ވަނީ ވިދާޅުވެފަ އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ އަނބުރާ މުޖުތަމައުއަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ އެންޑީއޭގެ ސީއިއޯއަކަށް ޝަހީލް ހަމަޖެއްސެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސެޕްޓެމްބަރު 2014 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ