ޕީއެސްއެމް އިން ދަނީ ރައީސް ޔާމީނާ މެދު ނުރަނގަޅު ތަސައްވުރެއް އުފައްދަން މަސައްކަތްކުރަމުން: ވަކީލުން

މަނީލޯންޑާ ކުރުމުގެ ކުށުގައި ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް، ފަސަ އަހަރަށް ކުރި ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމާ މެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފައްދަން ޕީއެސްއެމުން މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ތުހުމަތު ކޮށްފިއެވެ.
ރައީސް ޔާމީނާ ބެހޭގޮތުން ޕީއެސްއެމުން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ބުނެ، އެމަނިކުފާނުގެ ގާނޫނީ ޓީމުން މިއަދު ނެރުނުު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، މިދިޔަ ބުދަ ދުވަހު ހައިކޯޓުގައި ބޭއްވި އިސްތިއުނާފީ ޝަރީއަތުގައި، ކޯޓުގައި ރައީސް ޔާމީން ދޮގު ހައްދަވާފައިވާ ކަމަށް ބުނެ ޕީއެސްއެމުން ހަބަރު ފަތުރާފައިވާ ކަމަށެވެ.
ވަކީލުން ނެރުނު ބަޔާނުގައި ބުުނެފައި ވަނީ، އެދުވަހުގެ އަޑު އެހުމުގައި ވޮޑަމުލާ ކިޔާ ރަށެއް އޮންނަކަން އެމަނިކުފާނަށް ފުރަތަމަ ފަހަރަށް އެނގިވަޑައިގެންނެވީ ޝަރީއަތުން ކަމަށް ވިދާޅުވި ނަމަވެސް އޭގެ ފަހުން ވޮޑަމުލާއަކީ އެމަނިކުފާނާއި ގުޅުން އޮންނަ ރަށެއް ނޫން ކަމަށާއި އެރަށް ދީފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ނައިބު ރައީސަކަށް ހުންނެވި އަހްމަދު އަދީބުގެ ދެ ރައްޓެހިންނަށް ކަމަށް ވިދާޅުވީ، އެއީ ވަކީލުން ދެއްވި މައުލޫމާތުތަކަށް ބިނާކޮށްގެން ކަމަށެވެ.
"08 ޖުލައި 2020 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި އެ ރަށާ ގުޅޭ ގޮތުން އެ މަނިކުފާނު ހާމަކުރެއްވި މައުލޫމާތަކީ މި ދެންނެވުނު ރަށުގެ މައުލޫމާތު އެނގުނު ފަހުން އެ ރަށުގެ ކަންކަން ހިނގާފައިވާ ގޮތުގެ މައުލޫމާތު އެކިއެކި ފަރާތްތަކުން އަޅުގަނޑުމެން ހޯދި މައުލޫމާތު އެ މަނިކުފާނާ އަޅުގަނޑުމެން ހިއްސާކުރުމުން އެމަނިކުފާނަށް މިހާރު (ހައިކޯޓުގެ އަޑުއެހުންތައް ފެށުނު ފަހުން) ލިބިވަޑައިގެންފައިވާ މައުލޫމާތު ތަކެކެވެ. އެގޮތުން އެ ރަށް ކުއްޔަށްދީފައިވާ ފަރާތަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާތް ރައްޓެހިންތަކެއް ކަން މިހާރު އެނގިފައިވެއެވެ." ވަކީލުންގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެބަޔާނުގައި ބުނެފައިވަނީ، އެރަށް އޮންނަކަން ރައީސް ޔާމީނަށް ފުރަތަމަ ފަހަރަށް އެނގިވަޑައިގަތީ، މި މައްސަލައިގެ ޝަރީއަތް ކޯޓުގައި ކުރިޔަށް ދިޔައިރު ކަމަށް ކުރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފައިވާ ކަމަށެވެ.
އެހެންނަމަވެސް، އެއީ އެމަނިކުފާނު ހެއްދެވި އިތުރުފުޅެއް ނޫން ކަމަށާއި، މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދިޔައިރު، އެއްވެސް އިރެއްގައި ވޮޑަމުލާ ގެ ވާހަކަ ފާހަގަކޮށް، އެ ރަށާގުޅޭ ގޮތުން އެމަނިކުފާނާ އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށްވެސް ވަކީލުންގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި، ތަހުގީގު ނިންމައި ކުރިމިނަލް ކޯޓުގައި ދައުވާ އުފުލި އިރު ވެސް އެ ރަށުގެ ވާހަކައެއް ދައުލަތުން ފާހަގަކޮށްފައި ނުވާ ކަމަށާއި، އެ ރަށުގެ ވާހަކަ ދައުލަތުން ފާހަގަކޮށްފައި ވަނީ ދައުވާ އުފުލައި އަޑުއެހުމުގެ ފަހުން ބޭއްވުނު އެހެން އަޑުއެހުމެއްގައި، އިބްތިދާއީ މަރުހަލާގެ މެދަކާއި ހިސާބުން ކަމަށް ވެސް ބުނެފައި ވެއެވެ.
ވަކީލުންގެ ބަޔާނުގައި ބުނެފައިވަނީ ވޮޑަމުލާއާ ބެހޭގޮތުން ހައި ކޯޓުގައި ރައީސް ޔާމީން އިތުރުފުޅު ހެއްދެވިކަމަށް ދޭހަވާ ގޮތަށް ޕީއެސްއެމުން ހަބަރު ފަތުރާފައިވާ ކަމަށެވެ.
ނަމަވެސް މި މައްސަލައިގެ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި އެމަނިކުފާނު އިތުރުފުޅު ހައްދަވާފައި ނުވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ