އެމްއެމްޕީއާރުސީގެ މައްސަލަ މިހާރު ވުޖޫދަކު ނެތް، ޔާމީން މިނިވަން ކުރޭ: ޕީޕީއެމް/ޕީއެންސީ

އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާ އަށް ޚިޔާނާތްތެރިވި ކަމަށް ބުންޏަސް އެއީ މިހާރު ވުޖޫދުގައި ނެތް މައްސަލައެއްކަން ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުން ސާބިތު ވެއްޖެ ކަމަށާއި އެހެންވެ، އެ މައްސަލައިގައި ކުށެއް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލައިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަންޖެހޭ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.
ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސްގެ އަހުމަދު އަދީބުގެ މައްޗަށް ކުރި ހުރިހާ ދައުވާތަކެއް ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލުމުން އޭނާ ވަނީ މިހާރު މިނިވަން ވެފަ އެވެ.
ދައުވާތައް ކޯޓުން ބޭރުކޮށްލުމާ އެކު، އަދީބު މިނިވަންވެއްޖެ https://t.co/AibcOro5eZ— Mihaaru (@Mihaarunews) July 14, 2020
އަދީބު މިނިވަންވުން--ކްރިމިނަލް ކޯޓުގެ އެ ހުކުމަށް ފަހު، އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައަކީ ވުޖޫދުގައި ނެތް މައްސަލައަކަށް ވާތީ އެ މައްސަލައިގެ ތުހުމަތު ކުރެވޭ އެންމެން މިނިވަން ވާންޖެހޭ ކަމަށެވެ.
"އެމްއެމްޕީއާރުސީގެ މައްސަލާގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށް ވަންޏާ، އަދި އެއްވެސް މީހަކު އެ މައްސަލާގައި ހައްޔަރުކޮށްފައި ވަންޏާ، އެ ހުރިހާ އެންމެން މިހާރު އެ ތިބީ މިނިވަން ކުރަން ޖެހިފައި. އެ މީހުންގެ މައްޗަށް ކުށެއް ސާބިތުވާނެ އެއްވެސް ދަލީލެއް މިހާރަކު ނެތް،" ކޯލިޝަންގެ ލީޑާޝިޕާއެކު ބޭއްވި ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
ދައުވާތަކަށް އިއުތިރާފްވުމުގެ އެއްބަސްވުމެއް އަދީބާއި ދައުލަތާ ދެމެދު ހަދާފައި އޮވެ އެވެ. އެކަމަކު އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އަދީބު ވިދާޅުވެފައި ވަނީ އޭރު އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އޭނާ ޖަލުގައި ހުންނެވިއިރު ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށް އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އައިޝަތު ބިޝާމާއި އޭރުގެ ބައެއް ފުލުހުންގެ އިސްވެރިން ޔަގީންކަން ދެއްވުމުން ކަމަށެވެ. އެހެންކަމުން އެ އެއްބަސްވުން ސައްހަ ނޫން ކަމަށް ކޯޓުން މިއަދު ކަނޑައެޅި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރުސީގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލި ދައުވާއަކީ އޭރުގެ ޕީޖީ ބިޝާމާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް އުފެއްދެވި މައްސަލަ އެކެވެ. އެހެންކަމުން އެ ދެ ބޭފުޅުންގެ މައްސަލަ ތަހުގީގު ކުރުމަށާއި އެމްއެމްޕީއާރުސީގެ މައްސަލައިގައި ޔާމީންގެ މައްޗަށް ފަހުން އުފުލި ދައުވާތައް އަނބުރާ ގެންދިއުމަށް ވެސް އަބްދުއްރަހީމް ގޮވާލެއްވި އެވެ.
"މިއީ ބަޔަކު ޒާތީ ހަސަދައެއް ފިލުވުމަށްޓަކައި ކުރިއަށް ގެންދާ ކަމެއް. ހާއްސަ ގޮތެއްގައި މުހައްމަދު ރިޔާޒާއި ޕީޖީއަކަށް އޭރު ހުންނެވި ބިޝާމާ ދެ ބޭފުޅުން އިސްވެ ތިއްބަވައިގެން އުފައްދާފައިވާ މައްސަލައެއް ކަމަށް އަޅުގަނޑުމެންނަށް މިހާރު ގަބޫލު ކުރެވެނީ. އެއީ މިއަދު ސާބިތުވި ކަމަކީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަ ދައްކަވަނީ-- ފޮޓޯ: ޕީޕީއެމް
އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓުގެ ނިންމުމާއެކު މިއަދު އެނގުނީ ޔާމީން ޖަލުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަން ކަމަށެވެ. ޔާމީންގެ މައްޗަށް އުފުލީ ބާތިލް ދައުވާއެއްކަން ކްރިމިނަލް ކޯޓުގެ ނިންމުމުން އިތުރަށް ޔަގީން ވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޯޓެއްގެ ތެރެއިން މި ޔަގީން ވެގެން ދިޔައީ ރައީސް ޔާމީންގެ މައްޗަށް އުފުލައިގެން މިއުޅެނީ ސައްހަ ދައުވާއެއް ނޫންކަން. އެއީ ބާތިލް ދައުވާއެއްކަން. އެހެންވީމާ މިހާރުން މިހާރަށް ރައީސް ޔާމީން ދޫކޮށްލުމަށް އަޅުގަނޑުމެން ސަރުކާރަށާއި ކަމާބެހޭ ފަރާތްތަކަށް ގޮވާލަން،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދަށްކަމުން ދިޔަ ވާހަކަ އަށް މި އޮތީ ރަސްމީ ސިފައެއްގައި ޖަވާބު ލިބިފައި. އޭގެ މާނައަކީ ކްރިމިނަލް ކޯޓުން އެމްއެމްޕީއާރުސީގެ މައްސަލަ ނިމިގެން ދިޔަ ގޮތުން ޝަރުއީ ނިޒާމުން އެ އޮތީ އެމްއެމްޕީއާރުސީ މައްސަލާގައި މިހާތަނަށް ހިނގާފައި ހުރި ހުރިހާ ކަންތައްތަކަކީ ބާތިލް ކަންތައްތަކެއްކަން. އެހެންވީމާ ރައީސް ޔާމީން ހިފަހައްޓަން ޖެހޭ އެއްވެސް ސަބަބެއް މިހާތަނަށް ނެތް."
ޔާމީން ޖަލަށް ލުމަކީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި، ޔާމިން ސިޔާސީ ދާއިރާ އިން ދުރަށް ގެންދިއުމަށް ކުރާ އަނިޔާއެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން މިހާރު ޖަލުގައި ހުންނެވީ ޔާމީން އެކަންޏެވެ. އެމައްސަލައިގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަދީބު މިއަދު މިނިވަންވިއިރު އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔަތު ވެސް ހުރީ ގޭ ބަންދުގަ އެވެ. ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ކުށްސާބިތު ކުރަން ދައުލަތުގެ ފަރާތުން ހެކީގެ ގޮތުގައި އަދީބާއި ޒިޔަތު ހުށަހެޅި އެވެ. އެ ދެ ބޭފުޅުން ވަނީ ކޯޓުގައި ޔާމީންގެ އެންގުމަށް ހިޔާނާތްތެރިވި ކަމަށް އެއްބަސްވެފަ އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ އިތުރުން ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނާ މައްސަލާގައި 33 އަހަރަށް އަދީބު ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރިން ހުކުމްކުރި އެވެ. އެކަމަކު އެ ހުކުމްތައް ފަހުން ހައި ކޯޓާއި ސުޕްރީމް ކޯޓުން އޮތީ ބާތިލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ