ކޮވިޑްގެ ފުރަތަމަ ކޮމިއުނިޓީ ސްޕްރެޑާއިއެކު ގާޒާ ލޮކްޑައުން ކޮށްފި

ގާޒާގައި ފުރަތަމަ ފަހަރަށް ކޮމިއުނިޓީ ސްޕްރެޑަކާއިއެކު ކޮވިޑް-19 ފެތުރެން ފެށުމާއެކު ގާޒާ އެއްކޮށް ލޮކްޑައުން ކޮށްފި އެވެ.
މީގެ ކުރިން ޕޮޒިޓިވް ވެފައިވަނީ ގައުމުން ބޭރުން ކަރަންޓީނު ވުމަށް އައި މީހުންނެވެ. ނުވަތަ އެމީހުންނާ ކޮންޓެކްޓް ވެފައި ތިބި މީހުންނެވެ.
ހޯމަ ދުވަހު ހެލްތު މިނިސްޓްރީ އިން ބުނި ގޮތުގައި ޕޮޒިޓިވް ވެފައި ވަނީ އެއް އާއިލާގެ ހަތަރު މީހުންނެވެ. މި މީހުން ޕޮޒިޓިވް ވި ގޮތް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ކުރިޔަށް އޮތް 48 ގަޑި އިރަށް ގާޒާގެ މިސްކިތްތަކާއި، ވިޔަފާރިތަކާއި، ކެފޭ ރެސްޓޯރެންޓްތައް އަދި ސުކޫލުތައްވެސް ވަނީ ބަންދު ކޮށްފައެވެ.
ހަބަރު ލިބޭ ގޮތުގައި ގިނަ އަދަދެއްގެ މީހުން ވަނީ ފިހާރަތަކަށް ގޮސް ގިނަ އަދަދަކަށް ކާ އެއްޗިއްސާއި ސާފުތާހިރު ކަމަށް ބޭނުން ކުރާ ސާމާނު ގަނެފަ އެވެ. ނަމަވެސް ފުލުހުން ދަނީ ލައުޑް ސްޕީކަރު ތަކުން ގޭގައި މަޑުކުރުމަށް ގޮވާލަމުންނެވެ.
ގާޒާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ޕޮޒިޓިވްވިކަން އެނގުނީ ބޭންކަށް ދިޔަ އަންހެނެއް ޓެސްޓް ކުރުމުންނެވެ.
މާޗު މަހުން ފެށިގެން އިޒުރޭލާއި މިސްރު މަގުން ގާޒާ އަށް އަންނަ މީހުން ދަނީ 21 ދުވަހަށް ކަރަންޓީނު ކުރަމުންނެވެ. މިގޮތުން ކަރަންޓިނު ފެސިލިޓީތަކުން 109 މީހެއް ޕޮޒިޓިވް ވެފައިވާއިރު މީގެ ތެރެއިން 72 މީހުން ވަނީ ބަލިން ފަސޭހަ ވެފައެވެ. ގާޒާ ގައި ކޮވިޑް ޖެހިގެން މަރުވެފައިވަނީ އެންމެ މީހެކެވެ. އެއީ އެހެން ބައްޔަކަށް ފަރުވާ ކުރަމުންދިޔަ އަންހެނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ