ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ސަސްޕެންޑް ކޮށްފި

ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާ ގުޅިގެން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އާއިޝަތު ސޫޒަން ހަނީފު ސަސްޕެންޑް ކޮށްފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޕާމަނަންޓް ސެކްރެޓަރީއާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކެއް ބެލުމަށާއި، ސިވިލް ސާވިސް ކޮމިޝަނުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމްގައި ހިންގި ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަކުރެވުނު ކަންތައްތަކާ ގުޅިގެން، އިދާރީ ގޮތުން ބަލަންޖެހޭ މައްސަލަތައް ބަލައި ނިމެންދެން މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޕާމަނަންޓް ސެކްރެޓަރީ އާއިޝަތު ސޫޒަން ހަނީޕް މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަށް މުސާރަ ލިބޭގޮތަށް ސަސްޕެންޑް ކުރެވިފައިވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންންޓް ސެކެޓްރީ ސަސްޕެންޑް ކޮށްފައި ވާއިރު، ޓޫރިޒަމް މިނިސްޓްރީގެ ފައިނޭންޝަލް ކޮންސަލްޓަންޓް އައިޝަތު ވަފާ މުހައްމަދު މަނިކު އިސްތިއުފާ ހުށަހެޅުއްވި ހަބަރުވެސް ވަނީ ފެތުރިފައެވެ. ނަމަވެސް "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވަފާ ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވާފައި ނުވާނެ ކަމަށާއި އިސްތިއުފާއަށް ހުށަހަޅުއްވާފައިވެސް ނުވާނެ ކަމަށެވެ.
ކޮވިޑާ ގުޅިގެން ހެދި ޓޫރިޒަމްގެ އޮޑިޓުގައި ވަނީ އެ މިނިސްޓްރީގެ މައްޗަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. ޓޫރިޒަމް އޮޑިޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޮވިޑާ ގުޅިގެން ޓޫރިޒަމުން ހޭދަކުރި 26 މިލިއަން ރުފިޔާގެ 99 ޕަސަންޓް ހޭދަކޮށްފައި ވަނީ އެ މިނިސްޓްރީގެ މެންޑޭޓުން ބޭރުންނެވެ. އަދި ސިއްހީ އާލާތްތައް ގެނައުމުގައާއި، މެޑިކަލް ޓީމު ގެނައުމުގެ އިތުރުން ކަރަންޓީން ފެސިލިޓީ ހެދުމުގައި ވެސް ކޮރަޕްޝަން އެކުލެވިގެންވާ ކަމުގެ ތުހުމަތު ކޮށްފައި ވެއެވެެ.
މީގެ އިތުރުން އެކަންކަން ފޮރުވުމަށްޓަކައި އެ މިނިސްޓްރީން ސައްހަ ނޫން ލިޔެކިއުން އުފައްދާފައިވާ ކަމުގެ ތުހުމަތުވެސް އެ އޮޑިޓުގައި ވަނީ ކޮށްފައެވެ.
ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓް އާންމިކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހެވެ. އަދި ހެލްތް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާއި ގުޅިގެން އޮޑިޓް އޮފީހުން ރިޕޯޓެއް އާންމުކޮށްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ކޮވިޑް-19އިން ރައްކާތެރި ވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި އެ މިނިސްޓްރީން ތަކެއްޗާއި ހިދުމަތް ހޯދުމަށްފަހު ގަވާއިދާ އެއްގޮތަށް އެކަންތައް ކޮށްފައިވާކަން ދެއްކުމަށް ލިޔުންތައް އުފައްދާފައިވާ ކަމުގެ ތުހުމަތު ކޮށްފައެވެ.
އަދި ކޮވިޑް-19އިން އަރައިގަތުމަށް އެމެރިކާއިން ގެނައި ދުނިޔޭގެ ފެންވަރުގެ ރެސްޕޮންސް އެންޑް ކޯޑިނޭޝަން މެޑިކަލް ޓީމާ ގުޅޭ ގިނަ މައްސަލަތަކެއް ވާކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު، ކޮވިޑް-19އިން ރައްކާތެރި ވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ވަނީ ދައްކައިފައެވެ.
މީގެ އިތުރުން ދަށް ފެންވަރުގެ އެން95 މާސްކަށް އެ މިނިސްޓްރީން އިތުރު 1 ލައްކަ ރުފިޔާ ހޭދަކުރި ކަން ހާމަވެފައިވާއިރު، ޓޫރިޒަމުން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ފެންނަން އޮތީ އެ މިނިސްޓްރީގެ މެންޑޭޓާ ނުގުޅޭ ބޮޑެތި ހަރަދުތަކެއް ކޮށްފައިވާކަން ވަނީ ހާމަވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ