މާދަމާ ހެނދުނަށް ފަސް ކުރި ޖަލްސާ މެންދުރު ފަހަށް ފަސްކޮށްފި

ކޮމިޓީތަކުގެ މައްސަލައިގައި މެންބަރުންގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުން ހައްލު ނުވެގެން ތިން ފަހަރަށް މިއަދު ޖަލްސާ ފަސްކޮށް، މާދަމާ ހެނދުނަށް އެޖެންޑާ ކުރި ޖަލްސާ މާދަމާ މެންދުރު ފަހަށް ފަސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިރޭ ބުނީ މިހާރު ދެން މާދަމާގެ ޖަލްސާ ފެއްޓޭނީ މެންދުރު ފަހު 13:00ގައި ކަމަށެވެ.
މަޖިލީހުގެ އަމީން އާއްމު އަހްމަދު މުހައްމަދު މިއަދު ވިދާޅުވީ، ތިން ފަހަރެއްގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ބާއްވަން މަސައްކަތް ކުރި ނަމަވެސް މެންބަރުންގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ހައްލެއް ނުލިބުމުގެ ސަބަބުން މިއަދުގެ ޖަލްސާ މާދަމާ ކުރިއަށް ގެންދަން ނިންމެވީ ކަމަށެވެ.
"ދެން މިއަދުގެ ޖަލްސާ ކުރިއަށް ގެންދާނީ މާދަމާ. މިއަދުގެ ޖަލްސާ ނިންމަވައިލެއްވީއެއް ނޫން. އެހެންކަމުން މާދަމާ ކުރިއަށް ދާނީ މިއަދުގެ ޖަލްސާ،" އަހްމަދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށިތާ ފަސް ވަރަކަށް މިނިޓް ތެރޭގައި ފުރަތަމަ މެދުކަނޑައިލީ، ކޮމިޓީތަކަށް މެންބަރުން ބެހުމާ މެދު އެމްޑީޕީ އާއި ޑީއާރުޕީގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުން ހައްލު ނުވެގެން، އެ މައްސަލަ މަޖިލީހުގެ ތަޅުމަށް އެޖެންޑާކޮށްފައި ވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ މެންބަރުން ނެންގެވި ނިޒާމީ މައްސަލައިގައި މެންބަރުންގެ މެދުގައި އަރައިރުން ބޮޑުވެގެން އެ މައްސަލައާ މެދު މަޝްވަރާ ކުރުމަށެވެ.
އަދި މެންދުރު 11:30 އާއި މެންދުރު ފަހު 1:00 އާއި 2:00 ގައި ޖަލްސާ ކުރިއަށް ގެންދިއުމަށް ކަނޑައެޅި ނަމަވެސް މަޝްވަރާތަކުން އަލިމަގެއް ނުފެނުމުގެ ސަބަބުން އެ ގަޑިތަކުގައި ޖަލްސާ ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.
ކޮމިޓީތަކަށް މެންބަރުން ބެހުމުގެ މައްސަލައިގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ސަބަބުން މި އަހަރުގެ މަޖިލީހުގެ ދެ ވަނަ ދައުރުގައި އުފެއްދުންތެރި އެއްވެސް މަސައްކަތެއް މަޖިލީހުން ކުރެވިފައެއް ނުވެ އެވެ. އަދި ބިލްތަކަށް ބަހުސްކުރުމާއި ގަރާރު ހުށަހެޅުން ފަދަ ކަންތައްތަކެއް މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންދިޔަ ނަމަވެސް މަޖިލީހުގެ ޖަލްސާތަކުގެ ގިނަ ވަގުތު ދަނީ ކޮމެޓީތަކުގެ މައްސަލާގައި މެންބަރުން ނަންގަވާ ޒިޒާމީ މައްސަލަތަކުގަ އެވެ.
މަޖިލީހުގައި ޕާޓީތަކުގެ ނިސްބަތަށް ބަލާ އިރު، އެމްޑީޕީއަށް މަޖިލީހުގެ 45 ޕަސެންޓް ލިބިފައިވާ އިރު ޑީއާރްޕީ/ޕީއޭ ކޯލިޝަން 39 ޕަސެންޓް މިހާރު މަޖިލީހުގައި ލިބިގެންދެ އެވެ. އެ ނިސްބަތުން މަޖިލީހުގެ ކޮންމެ ކޮމެޓީއެއްގެ 11 ގޮނޑީގެ ތެރޭއިން އެމްޑީޕީއަށް ފަސް ގޮނޑި ލިބެ އެވެ. ޑީއާރްޕީ/ޕީއޭ ކޯލިޝަނަށް ކޮންމެ ކޮމެޓީއަކުން ހަތަރު ގޮނޑި ލިބޭނެ އެވެ. އަދި ކޮންމެ ކޮމެޓީއެއްގައި ހިމެނޭ ބާކީ ދެ ގޮނޑި ބެހިގެންދަނީ މަޖިލީހުގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި ގަ އިތުރުން މިނިވަން އަށް މެންބަރުންގެ މައްޗަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދައިފިނަމަ ޑީއާރްޕީ/ޕީއޭ/ޖުމްހޫރީ ކޯލިޝަނަށް ކޮންމެ ކޮމެޓީއަކުން ފަސް ގޮނޑި ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ