ވިލިމާލޭ ހޮސްޕިޓަލުން ކުދިންތަކެއްގެ ގަޔަށް މުއްދަތުހަމަވެފައި ހުރި ވެކްސިން ޖަހައިފި

ވިލިމާލޭ ހޮސްޕިޓަލުން ކުދިންތަކެއްގެ ގަޔަށް މުއްދަތުހަމަވެފައި ހުރި ވެކްސިން ޖަހައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިކަން ހިނގާފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް މި މައްސަލަ މިއަދާހަމައަށް ވެސް ތިލަވެފައެއް ނުވެއެވެ. ވިލިމާލެ ހޮސްޕިޓަލުން ވެކްސިންޖެހި ކުއްޖެއްގެ ބެލެނިވެރިއެއް ބުނީ، ނޮވެމްބަރު މަހުގެ ތެރޭގައި ވެކްސިން ޖެހިފަހުން ވިލިމާލޭގެ ގިނައަދަދެއްގެ ބެލެނިވެރިން ގެންގޮސް މުއްދަތު ހަމަވެފައި ހުރި ވެކްސިނެއް ޖެހުނުކަން ބެލެނިވެރިންނަށް ވަނީ ހޮސްޕިޓަލުގެ ފަރާތުން އަންގާފައެވެ.
"ކުޑަކުދިންގެ ޑޮކްޓަރެއް މި ވިދާޅުވަނީ އޭގެން ގެއްލުމެއް ނުވާނޭ. އެހެން ވިއަސް ވަރަށް ދެރަވި މިހެންވީމަ. މުއްދަތު ހަމަވެފަ ހުރި ވެކްސިން ޖެހިފަހުން ދަރިފުޅުގެ ބިހޭވިއާ ޗޭންޖެއް އަޅުގަނޑަށް ފާހަގަވި،" ސީއެންއެމްއާއި ވާހަކަ ދެއްކި ބެލެނިވެރިއެއް ބުންޏެވެ.
އެ ބެލެނިވެރިއާ ބުނީ އެސްޓީއޯގެ ބެޗުގައި ހުރި ހުރިހާ ވެކްސިނެއް މުއްދަތު ހަމަވެފައިވާކަމަށް ވިލިމާލޭ ހޮސްޕިޓަލުގައި އޮތް ބައްދަލުވުމުގައި ބުނެފައިވާކަމަށެވެ. އަދި މިހާރު އަލުން "ރަނގަޅު ވެއްސިން" ޖަހާފައިވާކަމަށް އޭނާ ބުންޏެވެ. މައުލޫމާތު ލިބޭ ގޮތުގައި މުއްދަތު ހަމަވެފައިވަނިކޮށް ކުދިންގެ ގަޔަށް ޖަހާފައިވަނީ އެމްއެމްއާރު ވެކްސިންގެ ބެޗެކެވެ.
މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން ވިލިމާލޭ ހޮސްޕިޓަލުގެ ބެލެނިވެރި ހޮސްޕިޓަލް ކަމުގައިވާ އައިޖީއެމްއެޗުން ބުނީ އެފަދަ ހާދިސާއެއް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހިނގާފައިވާކަމަށެވެ. އަދި އެ މައްސަލަ ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަަށް މީޑިއާ އޮފިޝަލް ވިދާޅުވެއެވެ. ނަމަވެސް މި ވެކްސިން ޖަހާފައިވަނީ ކިހާ ކުދިންނެއްގެ ގަޔަށްކަމެއް ހާމައެއް ނުކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ