ރާއްޖޭގެ ބެޑްމިންޓަން އަންހެން އަދި ފިރިހެން ޓީމުން ވެސް ލޯ މެޑަލް ހޯދައިފި

މޮރިޝަސްގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ބެޑްމިންޓަން ޓީމު އިވެންޓުން ދިވެހި އަންހެން އަދި ފިރިހެން ޓީމުން ވެސް ލޯ މެޑަލް ހޯދައިފި އެވެ. މޮރިޝަސްގެ އެކި ހިސާބުތަކުގައި މިހާރު އައިއޯއައިޖީގެ ގޭމްސްތައް ފޯރިއާ އެކު ކުރިއަށްދާ އިރު މިއަދު ކުޅުނު ޓީމް ބެޑްމިންޓަން އިވެންޓުގައި މިއަދު ކުޅުނު މެޗުތަކުން މޮޅުވެ ގައުމީ އަންހެން ޓީމުން ލޯ މެޑަލް ހޯދި އިރު މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗުތަކުން މޮޅުވެ ފިރިހެން ޓީމު ވެސް ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. އައިއޯއައިޖީގައި ދިވެހި ރާއްޖެ ތަމްސީލު ކުރާ ބެޑްމިންޓަން އަންހެން ޓީމުގެ ކުޅުންތެރިން ޓީމު އިވެންޓުން ލޯ މެޑަލް ހޯދުމަށްފަހު --- ފޮޓޯ// އެމްއޯސީ ވަރަށް ވެސް ވާދަވެރި ކުޅުމަކަށް ފަހު ރާއްޖެއަށް ރަން މެޑަލް ނޫނީ ރިހި މެޑަލް ނުލިބި ބީވެގެން ދިޔައީ ސެޓުގެ ތަފާތުން ކުރި ނުލިބިގެންނެވެ. މި އިވެންޓުގެ ރަން މެޑަލް ހޯދި ރިޔޫނިއަން އާއި ރިހި މެޑަލް ހޯދި މޮރިޝަސް ވެސް ޕޮއިންޓުގެ ގޮތުން އޮތީ ރާއްޖެއާ އެއްވަރުވެފަ އެވެ. މި ތިން ޓީމު ވެސް ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްފަ އެވެ. މި އިވެންޓުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ރިޔޫނިއަން އަތުން 4-1 ގޭމުން ބަލިވި ނަމަވެސް ދެ ވަނަ މެޗުން ރާއްޖެ ވަނީ މޮރިޝަސް އަތުން 3-2 އިން މޮޅުވެފަ އެވެ. މިފަހަރުގެ މުބާރާތް ބާއްވާ މޮރިޝަސް ގާތުން ރާއްޖެ ހޯދި އެ މޮޅަކީ 2011 ވަނަ އަހަރަށް ފަހު މި ގޭމްސްގައި މޮރިޝަސް ގާތުން ޓީމެއް ހޯދި ފުރަތަމަ މޮޅެވެ. ރާއްޖޭގެ ފިރިހެން ޓީމު ހޮނިހިރު ދުވަހު ކުޅުނު މެޗުތަކުން ރީޔޫނިއަން އާއި މޮރިޝަސް އަތުން ބަލިވި ނަމަވެސް އިއްޔެ ކުޅުނު މެޗުތަކުގައި ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އިއްޔެ މަޑަގަސްކަރަ އާއި ސީޝެލްސް އަތުން ރާއްޖެ މޮޅުވީ 4-1 ގޭމުގެ ތަފާތަކުންނެވެ. އައިއޯއައިޖީގައި ދިވެހި ރާއްޖެ ތަމްސީލު ކުރާ ބެޑްމިންޓަން ފިރިހެން ޓީމުގެ ކުޅުންތެރިން ޓީމު އިވެންޓުން ލޯ މެޑަލް ހޯދުމަށްފަހު --- ފޮޓޯ// އެމްއޯސީ ރަނގަޅު ތަމްރީނުތަކަކާ އެކު މި ފަހަރުގެ އައިއޯއައިޖީން ރަން މެޑެއްޔެއް ހޯދުމުގެ އަމާޒުގައި މަސައްކަތްކުރަމުން އައި ބެޑްމިންޓަން ޓީމަށް ދެން އެ ޓާގެޓަށް ވާސިލްވުމަށް އޮތް ފުރުސަތަކީ އޯޕަން ޑްރޯ ބައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ