ރައީސުލްޖުމްހޫރިއްޔާގެ އެވޯޑް ހަތަރު ދަރިވަރަކަށް، ހައި އެޗީވާސް ސްކޮލަޝިޕް 46 ދަރިވަރަކަށް

މިދިޔަ އަހަރު އޭލެވެލް ނިންމި ހަތަރު ދަރިވަރަކު ރައީސުލްޖުމްހޫރިއްޔާގެ އެވޯޑު ހާސިލުކޮށް، 46 ދަރިވަރަކު ހައި އެޗީވާސް ސްކޮލަޝިޕް ޙާސިލުކޮށްފި އެވެ.
މި އެވޯޑާއި ސްކޮލަޝިޕް ދިނުމަށް ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އެވޯޑު ލިބުނު ހަތަރު ދަރިވަރުންނަށް އެވޯޑު ދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ހައި އެޗީވާސް ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ޙަސަނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިފަދަ ސްކޮލަޝިޕުތަކުގައި ރާއްޖެއިން ބޭރަށް ތަޢުލީމު ޙާޞިލް ކުރުމަށްދާ ދަރިވަރުންނަކީ ޤައުމުގެ މަންދޫބުން ކަމަށެވެ. އެހެންކަމުން ދިވެހި ސަޤާފަތާއި އާދަކާދަތައް ބޭރު ޤައުމުތަކުގައި ދިރުވާ އާލާ ކުރުމުގެ ފުރުޞަތު މި ކުދިންނަށް އޮންނާނެ ކަމަށާއި އެކަން އެގޮތަށް ކުރެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިޔާގެ އެވޯޑް ލިބެނީ ޖީސީއީ އޭލެވެލް އިމްތިހާނުގައި ދިވެހި އިސްލާމް ހިމެނޭހެން ފަސް މާއްދާއިން އޭ ޕްލަސް ހާސިލްކުރާ ދަރިވަރުންނަށެވެ. އަދި ހައި އެޗީވާސް ސްކޮލަޝިޕް ލިބެނީ ޖީސީއީ އޭލެވެލް އިމްތިހާނުގައި އިނގިރޭސި ދިވެހި އަދި އިސްލާމް ހިމެނޭހެން ފަސް މާއްދާއިން އޭ ފާސް ހޯދާ ދަރިވަރުންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ