ޖަމީލު އެވެ، ރައީސް ނަޝީދުއާ ޒާތީވިޔަސް ތިއީ "ބޮޑުވަރު"!

ދިވެހިރައްޔިތުންގެ އެ މީހަކަށް އެންމެ ތާއީދު ކުރާ އެއްބޭފުޅަކީ މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމާމެދު ޝައްކު ކުރުމުގެ ޖާގައެއް ނެތެވެ. އަދި އަމުދުން މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާއި ރައީސް ނަޝީދުއާ މިދެބޭފުޅުންނަކީ މިއަދު ދިވެހި ރައްޔިތުން އެންމެބޮޑަށް ލޯތްބާއި އިހުތިރާމް ހޯއްދަވާފައިވާ ދެބޭފުޅުންކަމާމެދު ޝައްކުކުރުމުގެ ޖާގަ ހަމަ އެއްގޮތަކަށް ވެސް އޮތްކަމަކަށް ނުފެނެ އެވެ.
އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބު ބޮޑު ތަފާތަކުން ރައީސް ސޯލިހު ކާމިޔާބު ކުރެއްވިއިރު، ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުން އެންމެ ފުރަތަމަ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ، ރައީސް ނަޝީދު އެވެ. އެއީ 2008 ގަ އެވެ. ފަސް އަހަރު ދުވަހަށް ރައްޔިތުން ރައީސް ނަޝީދުއާ ހަވާލުކުރި އެވެރިކަން ތިން އަހަރުގެ ތެރޭގައި ވަނީ ބަޣާވާތަކުން ވައްޓާލާފަ އެވެ. އެކަމުގެ އެންމެ އަޑީގައި ތިއްބެވި ބޭފުޅުންނަނީ މިއަދުވެސް ރައީސް ނަޝީދުއާ ޒާތީގޮތުން ޖައްސާލައިގެން އުޅުއްވާ ބޭފުޅުންނެވެ. އެކަން ވަރަށް ސާފުކޮށް، އެބޭފުޅުންގެ އަމަލުތަކުންނާއި ދައްކަވާ ވާހަކަތަކުން ރައްޔިތުންނަށް އެދަނީ ހާމަވަމުން ނެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު، ދެން އުފެއްދި ސަރުކާރުގެ ހޯމް އެފެއާރޒު މިނިސްޓަކަށް އައްޔަން ކުރެއްވީ ޑރ. މުހައްމަދު ޖަމީލު އަހުމަދު އެވެ. އޭނާގެ ހޯމް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަކަށް ހުންނަވަނިކޮށް، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލި އެވެ.
އަފްރާޝީމް އަވަރާހަރަކޮށްލުމުގައި "ފޮރުވިފައިވާ ސިއްރަކީ" ވާކަން ދިވެހި ރައްޔިތުން ގަބޫލު ކުރެއެވެ. ބަޣާވާތުގެ ސަރުކާރާއި އެސަރުކާރާ ގުޅުންއޮތް ސިޔާސީ ލީޑަރުންގެ މައްޗަށް އޭރުވެސް އަދި މިހާރުވެސް ތުހުމަތުގެ އިނގިލި ދިއްކުރެވެ.
ޑރ، އަފްރާޝީމް އަލީގެ މަރުގެ މައްސަލައަށްފަހު، އެތައްބަޔަކު ވީނުވީއެއް ނޭނގި މަރާލެވި، ތޫނު އެއްޗެހިން ހަމަލާދީ މަރާލެވި، މީހުން ވަގަށް ނެގުން ފަދަ ގިނަ ޖަރީމާތަކެއް މިގައުމުގައި ވަނީ ހިނގާފަ އެވެ.
ރައީސް ނަޝީދުގެ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށްފަހު، އެމަނިކުފާނުގެ މައްޗަށް އޭރުގެ ސަރުކާރުގެ ސިޔާސީ ލީޑަރުންގެ ނުފޫޒުން ޝަރީއަތް ކުރެވި ޖަލަށްލިއިރު، ރައްޔިތުންގެ އެމަނިކުފާނަށް ކުރާ އިތުބާރު ހައްތަހާ ދިޔައީ އިތުރުވަމުންނެވެ. އެކަން އެނގޭ އެންމެ ސާފު ހެއްކަކީ، ރައީސް ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު، އެމަނިކުފާނުގެ މައްޗަށް އަބްދުﷲ ގާޒީ ހައްޔަރުކުރި ކަމަށްބުނާ މައްސަލައިގެ ދައުވާކޮށް، ޖަލަށްލުމުންވެސް، ޖެހިގެންއައި ރިޔާސީ އިންތިހާބުގައި ބޭރުގެ ޕްރެޝަރުން ނަމަވެސް، އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެން ދިއުމާއި، އެދައުވާ އެމަނިކުފާނުގެ މައްޗަށް އުފުލާފައިއޮތް އިރުވެސް، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު އެރިޔާސީ އިންތިހާބުގައި ބޮޑު ކާމިޔާބެއް ހޯއްދަވާފައިކަމެވެ. އެމްޑީޕީން އެބުނާ "އައްނިގެ ގަނޑުކޮށްއޮތް 105،000 ވޯޓް" ހޯދެއްވި އެވެ. އަނެއްކާ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަކީ ސުޕްރީމް ކޯޓުން ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެންނެވުމަށް ކޮށައިދިން މަގުގެތެރެއިން ތިން ފަހަރު ރިޔާސީ އިންތިބު ބާއްވައިގެން، ސުޕްރީމް ކޯޓުގެ އަމުރުތަކުން އެމަނިކުފާނަށް އަދިޔާ ކުރެއްވި ވެރިކަމެކެވެ. ރައީސް ޔާމީންއަށް ވެރިކަން ލިބިވަޑައިގަތުގައި ސުޕްރީމް ކޯޓުގެ އަމުރުތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިލެއްވި ކަމަށް ހުދު ރައީސް ޔާމީންވެސް ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން، ރައީސް ޔާމީންގެ ރަނިންމޭޓަކަށް ހުންނަވާ، އެއިންތިހާބު ކާމިޔާބު ކުރެއްވި، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ ވަރަށް ސާފުކޮށް، "އިންތިހާބު ވިޔަސް ހަވާލު ނުކުރައްވާނެމޭ" ވިދާޅުވެފަ އެވެ. އޭނާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖަސްޓިސް މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅަކަށްވެ، އަދި އޭގެ ފަހުން އެކުލަވާލެވުނު، ސުޕްރީމް ކޯޓުގައި ފަނޑިޔާރުންގެ ތެރޭގައި އޭނާގެ ގާތް އެކުވެރިން ތިއްބެވުމުން އެފަދަ އުއްމީދެއް އޮތީމާ ވިދާޅުވި ވާހަކަ ފުޅަކަށް ވެސް ވެދާނެ އެވެ.
ރާއްޖޭގައި އަދުލްއިންސާފު ގާއިމު ކުރުމުގެ ވާހަކަ ތާއަބަދު ދައްކަވަނީ ރައީސް ނަޝީދު އާއި އެމްޑީޕީ އެވެ. ޖުޑީޝަރީ އިސްލާހު ކުރާ ވާހަކަ ދައްކައިގެން އެމަގަށް އަމަލު ކުރުމުގެ މަގުޗާޓެއް އެކުލަވާލައިގެން، ރައްޔިތުންގެ އިތުބާރު ހޯއްދަވައިގެން ނުކުންނަވާ، ކޮންމެފަހަކު، ރާއްޖޭގައި އިސްކޮށް ހަރަކާތްތެރިވާ އެމްޑީޕީއާ ދެކޮޅު ސިޔާސީ ވަކިބަޔަކަށް "ބުނަން ނޭނގޭ" ގޮތްތަކެއް ވާކަހަލަ އެވެ.
މިއަދު މިފެންނަނީ ބެލެވޭ ގޮތުގައި އެމީހުންގެ "ފަހު ތަޅާލުންގަނޑު" އެވެ.
ރިޔާސީ އިންތިހާބުގައި ރައްޔިތުން ކެންތެރިކަމާއެކު ނިކުމެ، ވޯޓު ފޮށިތައް ފުރާލައި، އިބްރާހީމް މުހައްމަދު ސޯލިހުއާ ވެރިކަން ހަވާލުކުރި އެންމެ ބޮޑު އެއް ބޭނުމަކީ ޖުޑީޝަރީ އިސްލާހު ކުރުމުގެ ބޭނުމުގަ އެވެ. ދެން ޖެހިގެން އައި މަޖިލިސް އިންތިހާބުގައި އެމްޑީޕީން ބުނަމުން ދިޔައީ، އެމީހުންނަށް މަޖިލީހުގެ މެޖޯރިޓީ ދޭންޖެހޭ ސަބަބުތައް ބައިވަރު ކަމަށެވެ. އޭގެ އެންމެ ކުރީގައި އޮތީ ޖުޑިޝަރީ އިސްލާހު ކުރުމެވެ.
ޖުޑީޝަރީ އިސްލާހު ކުރަން ރައްޔިތުން ރުހި ގަބޫލުވެ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް އެވަނީ ވޯޓު "ބޯކޮށް" ވޯޓު ދީފަ އެވެ. މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެމްޑީޕީއަށް ދިންއިރު، އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ވިއްކާނެ އެއްޗެއް ނެތިގެން ކުރެއްވި ކަމަކީ، އެމްޑީޕީއާއި ރައީސް ނަޝީދުއަށް ރައްދު ދިނުމުމެވެ. ބަރުލަމާނީއަށް ބަދަލުކުރަނިއްޔޭ ކިޔައިން، ރައްޔިތުން ހެއްދޭތޯ އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމަނިކުފާނުގެ އެޑްވައިޒަރު ޖަމީލު އެވެ.
މިއަދު މިފެންނަނީ، ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ހަވާލުކުރި ޖުޑީޝަރީ އިސްލާހު ކުރުމުގެ މަސައްކަތް ކުރަން ފެށުމުން އެކަމަށް ހުރަސް އަޅާ "ބައިގަނޑު" ތެދުވި ތެދުވިތަނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދިވެހި ރައްޔިތުން އިތުބާރެއް ނުކުރެ އެވެ. މިހާރުގެ އުއްތަމަ ފަނޑިޔާރު، ޑރ. އަބްދުﷲ ދީދީ، އުއްތަމަ ފަނޑިޔާރުކަމަށް ވަޑައިގެންނެވި ގޮތާއި، އެކޯޓުގެ ފަނޑިޔާރުކަން ކުރު މުއްދަތެއްގައި ބޮޑެތި ކުރިއެރުންތަކާއެކު ލިބިލެއްވި އަބްދުﷲދީދީއާ އަދި ސުޕްރީމް ކޯޓުގައި ދެންތިއްބެވި ފަނޑިޔާރުންނާމެދު ރައްޔިތުން ސުވާލު އުފައްދަ އެވެ. އެކޯޓަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ އެވެ.
ރައީސް ނަޝީދުގެ މައްޗަށް 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރުމާއެެކު، ކްރިމިނަލް ކޯޓުގައި ހުންނެވި ގާޒީ އަބްދުﷲދީދީ، ކުރު މުއްދަތެއްގައި ހައިކޯޓުގެ އިސް ފަނޑިޔާރުކަށް ބަދަލުވެ، މާގިނަ ދުވަހެއް ނުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބަދަލުވެވަޑައިގެންނެވުމަކީ އިއްތިފާގެއް ނޫންކަމާއި، އެއީ ޖުޑީޝަރީގެ ތެރެއިން ކުރީގެ ސަރުކާރުން ހިންގި ޖަރީމާތުގެ ތެރެއިން ހިންގާފައިވާ ކަންތައްތަކެއްކަމާމެދު ސުވާލު އުފެދެ އެވެ.
ގާނޫނުއަސާސީން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ، ހަމަ ގާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ށެވެ.
އެގޮތުން، ސުލޫކީ މައްސަލަތަކެއް ފެންމަތިވެފައިވާ، ސުޕްރީމް ކޯޓު ފަނޑިޔާރު އަބްދުﷲ ދީދީ ސުލޫކީ މައްސަލާގައި އޭނާގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލުންގެ ތެރޭގައި ޖަމީލު ހުންނަވައި، އެތަހުގީގަށް ހުރަސް އަޅަމުންދާތަން އަދި އެމަންޒަރު ވަގުތުން ވަގުތަށް ދިވެހި ރައްޔިތުން އެދަނީ ބަލަމުންނެވެ.
އެންމެ ހައިރާންވާންޖެހޭ ކަމަކީ، ރައީސް ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު، ވެރިކަމަށް ވަޑައިގެންނެވި، ޑޜ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ވެރިކަމުގައި، އެމަނިކުފާނުގެ މަންދޫބެއްގެ ގޮތުގައި ޖޭއެސްސީގެ މެމްބަރުކަމުގައި އިންނަވަަނިކޮށް، ގޭންގް މާރާމާރީއެއްގެ މައްސަލައިގައި ޖޭއެސްސީގެ މެމްބަރުކަމުން ވަކިކުރެއްވި، އަދި ޓެރަރިޒަމްގެ ދައުވާކުރި، މުހައްމަދު ސަލީމް (ރޭނީސް ސަލީމް)، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭތީއެވެ.
ނަމަވެސް ސަލީމުގެ މައްޗަށް އުފުލި އެދައުވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އަންބުރާ ގެންގޮސްފަ އެވެ. އަދި މީގެ އަހަރެއްކުރިން ސަލީމަކީ ކުރީގެ ރައީސް ޔާމީން ޖޭއެސްސީއަށް އައްޔަންކުރެއްވި ބޭފުޅެކެވެ.
ޖޭއެސްސީ މިއަދު ފަނޑިޔާރު އަބްދުﷲ ދީދީގެ ތަހުގީގު ހިންގިއިރު، ޖަމީލާއި ސަލީމް ވަނީ ރައީސް ނަޝީދުގެ ނަންނަފުޅު ތަކުރާރުކޮށް، ވިދާޅުވެ، އެމަނިކުފާނާ "ޒާތީ ގޮތުން ޖައްސާލުމުގެ" ކަންތައްތަކެއް ހިންގަވާފަ އެވެ. ޖޭއެސްސީ މިއަދު ހިންގި ތަހުގީގަކީ ރައީސް ނަޝީދުއާ ގުޅުމެއް އޮތް މައްސަލައެއް ވެސް ނޫނެވެ.
ޖޭއެސްސީގެ މެމްބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި، ކޯފާ އިސްކުރައްވައި ޖަމީލުއާއި ރޭނީސް ސަލީމް، ރައީސް ނަޝީދުއާ ގުޅޭގޮތުންނާއި ކޮމިޝަނުގެ މެމްބަރުންނާ ގޮޅޭގޮތުން އަޑު ގަދަކޮށް، ވާހަކަ ދެއްކެވުމުން، އެބޭފުޅުންނަށް އިތުރަށް މަލާމާތް ރައްދުވުން ނޫން އިތުރުކަމެއްވި ތޯއެވެ.
ޖަމީލް އެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބާތިލުކޮށް، އަލުން އިންތިހާބު ބާއްވައިގެންނާއި ސުޕްރީމް ކޯޓުގެ އަމުރުތަކުގެ އެހީތެރިކަމާއެކުނަމަވެސް، މަނިކުފާނަކީ ރާއްޖޭގެ ނައިބު ރައީސްކަން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ދިވެހި ރައްޔިތުން ޖުޑީޝަރީ އިސްލާހު ކުރުމަށް ހަވާލުކޮށްފައިވާ ފަރާތްތަކަށް އެކަން ކުރުމަށް ދޫކޮށްލައްވާށެވެ. މަނިކުފާނު ރައީސް ނަޝީދު ދެކެ ކިތައްމެ ކޯފާ ވިޔަސް، އަދި ރައީސް ނަޝީދުއާ ކިތައްމެވަރަކަށް ޒާތީވިޔަސް، ޖުޑިޝަރީ އިސްލާހު ކުރުމަށް އެއްބާރުލުން ދިނުން ބުއްދިވެރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ