ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމަށް، ޗައިނާގެ ރައީސް އުތުރު ކޮރެއާއަށް

ބެއިޖިން (ޖޫން 20): ޗައިނާ އާއި އުތުރު ކޮރެއާގެ ގުޅުން ރަނގަޅު ކުރުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް އުތުރު ކޮރެއާއަށް މިއަދު ވަޑައިގެންފި އެވެ. މިއަދު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ ބައްދަލު ކުރައްވާނެ ޝީ އަކީ ފާއިތުވި 14 އަހަރު ތެރޭ އެގައުމަށް ވަޑައިގެންނެވި ޗައިނާގެ ފުރަތަމަ ލީޑަރެވެ. އެއީ ދެ ގައުމުން ޑިޕްލޮމެޓިކް ގުޅުންތައް ގާއިމު ކުރިތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި އިންތިޒާމުކޮށްފައިވާ ދަތުރެކެވެ. ދެ ދުވަހަށް ދެމިގެންދާ އެދަތުރުގައި އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމާއި އެގައުމުގެ އިގުތިސާދާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެ އެވެ. ޝީ އުތުރު ކޮރެއާއަށް ވަޑައިގަންނަވަނީ އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ގައުމުގެ އިގުތިސާދު ނާޒުކު ހާލަތެއްގައި އޮއްވަ އެވެ. އެގައުމާ ދެކޮޅަށް ފިޔަވަޅު އަޅާފައި ވަނީ ނިއުކްލިއާ އަދި މިސައިލް ޕްރޮގުރާމުގެ ސަބަބުންނެވެ. ޗައިނާއަކީ އުތުރު ކޮރެއާއާ އެކު އެންމެ ގިނައިން ވިޔަފާރި ކުރާ ގައުމެވެ. އަދި އުތުރު ކޮރެއާއާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަށް ޗައިނާއިން ތާއިދު ކުރި ނަމަވެސް އެގައުމުން ވަނީ ކޮރެއާއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދިނުމަށް އެދިފަ އެވެ. ފާއިތުވި ދެ އަހަރު ތެރޭގައި ޝީ އާއި ކިމް ވަނީ ޗައިނާގައި ހަތަރު ފަހަރު ބައްދަލު ކުރައްވާފަ އެވެ. އަދި މިއީ ދެ ބޭފުޅުން އުތުރު ކޮރެއާގައި ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ