ޖަވާބުދާރީވުމަށް ފަނޑިޔާރު ދީދީއަށް ފަސް ދުވަސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީއަށް ކުރެވެމުންދާ ތުހުމަތުތަކަށް ލިޔުމުން ޖަވާބުދާރީވުމަށް ފަސް ދުވަހުގެ މުހުލަތެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ދީފިއެވެ.
އާންމުންނަށް ހުޅުވާލައިގެން މިއަދު ދަރުބާރުގޭގައި ކުރިޔަށް ގެންދިޔަ އެ ސުލޫކީ މައްސަލާގައި މިއަދުގެ އަޑުއެހުން ނިންމާލަމުން ޖޭއެސްސީން ވަނީ އެއީ ހުށަހަޅާފައިވާ ލިޔުންތަކަށް ޖަވާބެއް ދިނުމަށް ފަސް ދުވަހެއްގެ މުއްދަތެއް ދީފައެވެ.
އެ ލިޔުމަށް ރިއާޔަތްކޮށް އިތުރު އަޑު އެހުމެއް ބާއްވަން ފެންނަ ކަމަށް ކޮމިޝަނަށް ފެނިއްޖެ ނަމަ އިތުރު އަޑު އެހުމެއް ވެސް ބާއްވާނެ ކަމަށް ކޮމިޓީން ބުންޏެވެ. އަދި ޑޮކިއުމަންޓުތަކުގެ ސާފު ކޮޕީއެއް ވެސް ދެއްވާނެ ކަމަށް ކޮމިޓީއިން ބުންޏެވެ.
މިގޮތަށް ފަސް ދުވަސް ދިނުމަށް ޖޭއެސްސީން މައްސަލަ ބަލާ ކޮމެޓީން ނިންމީ ތުހުމަތު ކުރެވޭ މައްސަލަތަކަށް ޖަވާބުދާރީވުމަށް މަދުވެގެން އެއް ދުވަސް ދިނުމަށް ވަކީލުންގެ ފަރާތުން އެދިވަދައިގަތުމުންނެވެ. އަދި ފަނޑިޔާރު ދީދީ ވެސް ފަހު ފުރުސަތުގައި ފާހަގަ ކުރެއްވީ މުޅި މައްސަލާގެ ތަހުގީގު ކުރިޔަށް ދިޔަ އިރު ވެސް ހުރިހާ ވާހަކަތަކެއް ދެއްކެވީ ކޮމިޓީއިން ކަމަށާއި ތުހުމަތުވާ ފަރާތަށް ވާހަކަދައްކަން އެއްވެސް ފުރުސަތެއް ނުދޭ ކަމަށެވެ.
މިއަދުގެ މައްސަލާގައި ވާހަަކަފުޅުދައްކަވަމުން ޖޭއެސްސީގެ މައްސަލަ ބަލާ ކޮމެޓީގައި އިންނަވާ ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ ރިޝްވަތެއް ބަލައިގަނެގެން ނުވާނެ ކަމަށާއި އެފަދަ ކަމެއް ކުރާ ކަމަށް ވާނަމަ ހުއްޓުވާން ވާނެ ކަމަށް ސުލޫކީ މިންގަނޑުގައި ބުނެފައިވާ ކަމަށެވެ.
ނަމަވެސް ޑޮކިއުމަންޓުތަކުގައިވާ ގޮތުން އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވި މީހަކަށް ރާއްޖެއިން ބޭރަށް ދިޔުމަށް ޑޮލަރު ހޯދަން ފަނޑިޔާރު ދީދީ މެސެޖުކޮށްފައިވާ ކަމަށް ފުލުހުން ކުރަމުންދާ ތަހުގީގުން ފާހަގަކުރެވިފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި ޖޭއެސްސީން ކުރިމަތިކުރިވި ސުވާލުތަކަށް ދީދީގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ދީފައެއްނުވެއެވެ. އަދި މި މައްސަލަ މިހެން އޮވެމެ، ކޮމެޓީގެ ބައްދަލުވުންވެސް ހޫނުވެ ދެފަރާތުގެ ދެމެދުގައި ބަހުގެ ހަމަލާތަކެއް ދިޔައީ ރައްދު ކުރަމުންނެވެ. ޚާއްސަ ގޮތެއްގައި ފަނޑިޔާރު ޢަބްދުﷲ ދީދީގެ ވަކީލުންގެ ޓީމުގެ ފަރާތުންނެވެ.
މި ބައްދަލުވުމުގައި ފަނޑިޔާރު ދީދީގެ ފަރާތުން ވިދާޅުވަނީ ރައީސް ނަޝީދު މައްސަލައެއް ޖޭއެސްސީއިން ހުށާހަޅައިގެން ބަލާއިރު އެމަނިކުފާނުގެ ތިން ވަކީލުން ޖޭއެސްސީގެ ފަރާތުން އިންނެވުމަކީ އެއީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ފާހަގަކޮށްފަ އެވެ. އެހެންކަމުން އެ މީހުން ތަނާޒިލު ވާން ޖެހޭ ކަމާއި އެކަން ނުވާނަމަ އިސްތިއުފާ ދެއްވުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ