ފްރާންސާއި އެމެރިކާގެ އެކުވެރިކަމުގެ ގަސް މަރުވުމުން، ފްރާންސުން އާ ގަހެއް ފޮނުވަނީ

ޕެރިސް (ޖޫން 12): ފްރާންސާއި އެމެރިކާގެ އެކުވެރިކަން ރަމްޒުކޮށްދޭ ގަސް މަރުވުމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އާ ގަހެއް ފޮނުވާނެ ކަމަށް ފްރާންސުގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ. މިދިޔަ އަހަރުގެ އޭޕްރިލް މަހު ވައިޓް ހައުސްގައި އެ އޯކް ގަސް އިންދީ ރައީސް މެކްރޮން އެމެރިކާއަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ. އެގަސް ގެންދިޔައީ ފުރަތަމަ ބޮޑު ހަނގުރާމައިގައި އެމެރިކާގެ 2،000 ސިފައިން މަރުވި ފްރާންސުގެ ބެލަ ވުޑްއިންނެވެ. އެގަސް އިންދުމުގައި މެކްރޮން އާއި ޓްރަމްޕް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މެކްރޮން ވަނީ އެއީ ފްރާންސް އާއި އެމެރިކާގެ ގުޅުންތައް ރަމްޒުކޮށްދޭ ގަހެއް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެގަސް އިންދިތާ މާގިނަ ދުވަހެއް ނުވެ، އޭގެ ސަބަބުން އެހެން ގަހަކަށް އެއްވެސް ނުރައްކަލެއް ވެދާނެތޯ ބެލުމަށް އެގަސް ކަރަންޓީނު ކުރި އެވެ. މެކްރޮން ވިދާޅުވި ގޮތުގައި ގަސް މަރުވީ ކަރަންޓީނުކޮށްފައި ވަނިކޮށެވެ. "އަޅުގަނޑުމެން އެހެން ގަހެއް ފޮނުވާނަން. އެއީ މާބޮޑު މައްސަލައެއް ނޫން. އެކަންވީ ގޮތަކީ، އެމެރިކާ އިން ސިއްހީ ސަބަބުތަކަށް އެގަސް ކަރަންޓީނު ކުރުމުން އޭތި މަރުވީ،" މެކްރޮން ވިދާޅުވި އެވެ. އެގަސް މަރުވި ހަބަރާ އެކު ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ އޭގެއިން ރަމްޒުކޮށްދެނީ މެކްރޮން އާއި ޓްރަމްޕްގެ ގުޅުން މިހާރު އޮތް ހާލަތު ކަމަށް ބުނެފަ އެވެ. އެގޮތުން ފަހަކަށް އައިސް އެދެ ބޭފުޅުންގެ މެދުގައި ދެބަސްވުންތައް އުފެދުނު ކަންތައްތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ޕެރިސް އެއްބަސްވުމާއި އީރާން ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ