ޖިންސުގެ ތަފާތަށް ބިނާކޮށް އަނިޔާ ކުރުން ނިމުމަކަށް ގެންނަން ރާއްޖެ ދެމި އޮންނާނެ: ޝިދާތާ

އިންސާނީ ކާރިސާތަކުގައި ޖިންސީ ގޮތުންނާއި ވަކި ޖިންސަކަށް ވީތީ ކުރިމަތިވާ އަނިޔާތައް ނިމުމަކަށް ގެނައުމަށްޓަކައި ބޭނުންވާ ސިޔާސަތުތައް ނެގެހެއްޓުމުގައި ރާއްޖެ ދެމި އޮންނާނެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ޝިދާތާ އެކަން ހާމަކުރެއްވީ ނޯވޭގެ ވެރިރަށް އޮސްލޯގައި ކުރިއަށްދިޔަ "އެންޑިން ސެކްޝުއަލް އެންޑް ޖެންޑާ-ބޭސްޑް ވަޔަލެންސް އިން ހިއުމެނިޓޭރިއަން ކްރައިސިސް" ކޮންފަރެންސްގައި ދިވެހި ސަރުކާރުގެ ބަޔާން ހުށަހަޅުއްވަމުން އިއްޔެ އެވެ.
ނޯވޭ ސަރުކާރާއި، ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) އަދި އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) އިން އިންތިޒާމުކޮށްގެން ބާއްވާ އެ ކޮންފަރެންސްގެ އަމާޒަކީ އަނިޔާގެ ޝިކާރައަކަށް ވެގެންދާ ފަރާތް ވަކި ޖިންސަކަށް ނިސްބަތް ވީތީ އޭނާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގެންގުޅޭ ތަފާތުކުރުން ނައްތައިލުމާއެކު، ހަމަނުޖެހުމުގެ ޙާލަތްތަކުގައި އަނިޔާތަކުގެ ޝިކާރައަކަށް ވެގެންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އޮންނަ ފަރަގު ނައްތައިލުމާ ގުޅޭ ގޮތުން މަޝްވަރާކުރުމެވެ.
އެކި ގައުމުތަކުގެ ވަޒީރުން އަދި ސަފީރުންނާއި ގައުމުތަކުގެ މަތީ ފެންވަރުގެ މަންދޫބުންގެ އިތުރުން ބައިނަލްއަގުވާމީ އޭޖެންސީތަކާއި، މަދަނީ ޖަމައާތްތަކުގެ ވެރިން ވެސް ބައިވެރިވެވަޑައިގަތް އެ ކޮންފަރެންސްގައި މިނިސްޓަރު ޝިދާތާ ވަނީ އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަ ސިޔާސަތުތަކެއް އެކަށައަޅާފައިވާ ކަމަށާއި އެގޮތުން އެކި ބާވަތުގެ އަނިޔާ ލިބޭ އަންހެނުންނާއި ކުޑަ ކުދިންނަށް ވަގުތީ ހިޔާ ނުވަތަ މަރުކަޒުތަކުން ރައްކާތެރިކަން ފޯރުކޮށްދީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ