ފްލެޓްތަކުގެ ކުލި ކުޑަކޮށް ދިނުމަށް އެދި ޓީޗަރުންގެ އާދޭސް

މުދައްރިސުންނަށް ހާއްސަ "އެދުރު ހިޔާ" ގެ ފްލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަށާއި، މި ހާލަތުގައި ފްލެޓްތަކުގެ ކުލި މައާފުކޮށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ޓީޗަރުން ހުށައެޅި ޕެޓިޝަނަށް މިހާތަނަށްވެސް ޖަވާބެއް ދީފައިނުވާތީ ޓީޗަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މުދައްރިސުންނަށް ބޯހިޔާވަހިކަން ހޯއްދާދިނުމުގެ ގޮތުން އިމާރާތްކުރި "އެދުރު ހިޔާ" އަކީ ރައީސް ޔާމީންގެ ސަރުކާރުގައި 14 މާޗް، 2014 ގައި ހުޅުވި އިމާރާތެކެވެ. 80 ފްލެޓް ހިމެނޭ މި އިމާރާތުގައި 75 ޓީޗަރުންނާއި އެ މީހުންގެ އާއިލާތައް ދިރިއުޅެމުން ގެންދެއެވެ. އަނެއް ފަސް ފްލެޓް ހާއްސަ ކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއަށެވެ.
ފްލެޓްތަކުގައި ދިރިއުޅޭ ޓީޗަރުން ވަނީ އެ ތަންތަނުގެ ކުލި ކުޑަކޮށްދިނުމަށާއި، ކޮވިޑްގެ ހާލަތުގައި ކުލި މައާފުކޮށް ދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށައަޅާފައެވެ. އެ ޕެޓިޝަންގައި ފްލެޓްގައި ދިރިއުޅޭ 75 ޓީޗަރުންގެ ތެރެއިން 65 ޓީޗަރުންގެ ސޮއިކޮށްފައިވެއެވެ. ނަމަވެސް އެ ޕެޓިޝަން ހުށައެޅިތާ އެތައް ދުވަހެއް ފާއިތުވެގެންދިޔައިރުވެސް މިހާތަނަށް ޖަވާބެއް ލިބިފައިނުވާ ކަމަށް ޓީޗަރުން ވަނީ ބުނެފައެވެ.
އަވަސްއާ ވާހަކަދެއްކި ބައެއް ޓީޗަރުން ބުނީ ޕެޓިޝަން ހުށައެޅީ މި ހާލަތުގައި ލިބެމުންދިޔަ އާމްދަނީއަށްވެސް ބަދަލު އައިސްފައިވާތީ ކުލި ދެއްކޭނެ ގޮތް ނުވުމުން ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރެއިން ގިނަ ޓީޗަރުންނަކީ ދިހަހާސް ރުފިޔާގެ މުސާރައެއް ލިބޭ ބައެއް. މިތަނުގައި ދެ ކޮޓަރީގެ ފްލެޓަކަށް ދައްކަނީ ހަހާސް ރުފިޔާ. އަޅުގަނޑުމެންނަށް އެނގޭ މިއީ މާލޭގެ ނިސްބަތުން ކުޑަ އަަދަދެއްކަން. ނަމަވެސް އަޅުގަނޑުމެންނަކީ ކުޑަކުޑަ މުސާރައެއް ލިބޭ ބަޔަކަށްވާތީ އަދި އިތުރު އާމްދަނީ ހޯދުމަށް ކުރަމުން އައި ޓިއުޝަން ދިނުމުގެ މަސައްކަތްވެސް ހުއްޓިފައިވާތީ މުސާރައިގެ ތިންބައިކުޅަ ދެބައިވަރު ކުއްޔަށް ހަރަދުކޮށްފައި ދެން އެެއްޗެއް ނޯންނާތީ އެންމެ ކުޑަމުނިން މި ހާލަތަށް ކުލި މައާފުކޮށްދޭތޯ ނުވަތަ ކޮންމެވެސް ލުޔެއްދޭތޯ އެ ހުށައެޅުން ރައީސަށް ހުށައެޅީ. އެއީ ޕެޓިޝަނެއްގެ ގޮތުގައިވެސް ހުށައެޅި ހުށައެޅުމެއް ނޫން."
ޓީޗަރުން ބުނީ ކުލީގެ މައްސަލާގައި މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެޑިއުކޭޝަން މިނިސްޓަރާ މަޝްވަރާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިހާތަނަށް ބައްދަލްވެފައިވަނީ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރަކާ ކަމަށާ އެހެން ކަމުން މިނިސްޓަރުގެ ސަމާލުކަމަށް އެކަން ގެނެވިފައިނުވާ ކަމަށެވެ. ނަމަވެސް ރައީސަށް ހުށައެޅި ޕެޓިޝަން މިނިސްޓްރީއަށްވެސް ކޮޕީ ކޮށްފައިވާނެ ކަމަށް ބުންޏެވެ.
"ވިލިގިލީގައިވެސް އެބަހުރޭ ޓީޗަރުންގެ ފްލެޓެއް. ނަމަވެސް މި ތަނުގައި ކުލި ތަފާތު، އެއީ މާލެ ވީމަ ވާގޮތެއް ކަމަށްވެސް ވެދާނެ. ނަމަވެސް އެކޮޅުގައި ދެ ކޮޓަރި ތިންހާހަށް މިކޮޅުގައި ދެ ކޮޓަރި ހަހާހަށްވީމަ އެ ތަފާތު ކުޑަކޮށްދޭތޯ މިދަންނަވަނީ. މިހާތަނަށް މިނިސްޓަރާ ބައްދަލެއް ނުވޭ. އެހެންވީމަ އެކަމަނާގެ ވިސްނުންފުޅެއް އަދި ނޭންގޭ."
މިވަގުތުވެސް ފްލެޓްގައި ދިރިއުޅޭ ބައެއް ޓީޗަރުންނަށް މިދިޔަ މަހުގެ ކުލިވެސް ނުދެއްކިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް މިމަހުުގެ ނިޔަލަށް ކުލި ނުދައްކައިފިނަމަ ޖޫރިމަނާ ކުރާނެކަމަށް ޓީޗަރުންނަށް ވަނީ އަންގާފައެވެ. އެގޮތުން ކުލި ނުދެއްކި ލަސްވާ ކޮންމެ ދުވަހަށް 50 ރުފިޔާގެ މަގުން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.
"އަޅުގަނޑުމެން ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސަނީ ވަޒީފާގެ ބޭރުން އެތައް މަސައްކަތެއް ކޮށްގެން. ލިބޭ މަދު ވަގުތުކޮޅު ހޭދަކުރަން ޖެހެނީ ދަރިވަރުންނަށް ޓިއުޝަންދޭން. އެހެން ނޫނީ ދެކޮޅު ޖެހޭނެ ގޮތެއް ނެތް. ނަަމަވެސް ޓިއުޝަން ނުދެވި މި ދެމަސް މި ދަނީ. އެެހެންވީމަ ކުލި ދެއްކުމުގައި އުނދަގޫތަކެއް މި ދިމާވަނީ. އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެންގެ މިކަންބޮޑުވުންތަކަށްވެސް ސަރުކާރުން ހައްލެއް ހޯދާދިނުމަށް."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ