ކައުންސިލަރުންގެ މައްސަލަ: ގާނޫނު އަސާސީ އިސްލާހު ކުރަން އެމްޑީޕީން ނިންމައިފި

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ކައުންސިލް އިންތިހާބު ބޭއްވެން ނެތުމުން އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލު ފާސްކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކޮށްފި އެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމެއްގައި ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލު ފާސްކުރަން އެމްޑީޕީގެ މެންބަރުންނަށް ތްރީލައިން ވިޕެއް ނުރެމަށް ނިންމީ އެ ގްރޫޕްގެ 42 މަޖިލީހުގެ މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވި އެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވަން ހަތަރު މެންބަރަކު ވޯޓުު ދެއްވި އެވެ.
ނުފެންނަ ކަމަށް ވޯޓު ދެއްވި މެންބަރުންނަކީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އާއި، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު އާއި، ފުވައްމުލައް އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އާއި، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އާއި، ހެންވޭރު އުތުރު ދާއިރާގ ެމެންބަރު އިބްރާހިމް މުއިއްޒު އާއި، މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން އާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)، އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމެވެ.
ވަކި ކޮޅަކަށް ވޯޓު ނުދެއްވާ މެންބަރުންނަކީ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު އާއި، ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު އއި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު، އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެވެ.
ގާނޫނު އަސާސީ އިސްލާހު ކުރަން ފެންނަ ކަމަށް އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވުމަށް ތްރީ ލައިން ވިޕެއް ނެރެން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން މިރޭ ފާސްކުރީ، މި މައްސަލާގައި މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވެފައި ވަނިކޮށެވެ. ބައެއް މެންބަރުން މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަން ދެކޮޅެވެ.
މި ކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ދެ ބިލެއް ވެސް އެބަ އޮތެވެ. ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލުގެ އިތުރުން އެމްޑީޕީ ޗެއާޕަސަން، މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ސަންސެޓް ގާނޫނުގެ ބިލެއް ވެސް އެބަ އޮތެވެ. މަޖިލީހުން ފުރަތަމަ ކުރީ އެ ބިލުގެ މަސައްކަތެވެ.
ނަމަވެސް ކައުންސިލަރުންގެ ދައުރު ދިގު ކުރެވޭނީ ގާނޫނު އަސާސީ އިސްލާހު ކޮށްގެން ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި، މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވުމުން ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލު އެޖެންޑާ ކުރި އެވެ. ބިލު އޮތީ އިބްތިދާއީ ބަހުސްގެ މަރުހަލާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ