ވޯލްޑް ކަޕް ތެރޭގައި ކަބަލޭރޯ އަށް މަރުގެ އިންޒާރު

ލަންޑަން (މެއި 26) - ރަޝިއާގައި 2018 ވަނަ އަހަރު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގެ ތެރެއިން އޭނާ އަށް މަރުގެ އިންޒާރުދީފައިވާ މެސެޖުތަކެއް ލިބުނު ކަމަށް އާޖެންޓީނާގެ ތަޖުރިބާކާރު ގޯލްކީޕަރު ވިލީ ކަބަލޭރޯ ބުނެފި އެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުން 1-1 އިން އައިސްލެންޑާ ދެކޮޅަށް އެއްވަރުވި މެޗުގައި އާޖެންޓީނާގެ ގޯލު ބެލެހެއްޓީ ކަބަލޭރޯ އެވެ. ދެ ވަނަ މެޗުގައި މޮޅުވުން މަޖުބޫރު މެޗަކަށް ނުކުމެ ކްރޮއޭޝިއާ އަތުން 3-0 އިން ބަލިވުމުން ޓީމުން ކަބަލޭރޯގެ މަގާމު ގެއްލުނެވެ. އެކަން އެ ގޮތަށް ދިމާވީ ކަބަލޭރޯ އަށް ހެދުނު ބޮޑު ގޯހެއްގެ ސަބަބުންނެވެ. މެޗުގެ ދެ ވަަނަ ހާފުގައި ކަބަލޭރޯ ކުރިއަށްޖަހަން ފޮނުވާލި ބޯޅަ އެނބުރިގެން އައިސް ލިބުނީ އޭރިއާ ތެރޭގައި ހުސްކޮށްހުރި ކްރޮއޭޝިއާގެ ފޯވާޑް އަންޓޭ ރެބިޗް އަށެވެ. ބޯޅަ މަތީގައި އޮއްވައި އެއް ފަހަރުން ޖަހައި ރެބިޗް ވަނީ އެ ބޯޅަ ގޯލުގެ ކަނުގައި ތަތްކޮށްލައިފަ އެވެ.
"އަހަރެން ދުވަހަކު ވެސް އެ ގޮތަށް ކުރިން ބޯޅައިގައި ނުޖަހަން. އަހަރެން ޗިޕެއް ޖަހަން ކަމަށް މީހުންނަށް ހީވީ. ދެ ފޯވާޑުން އަންނާތީ ބޯޅަ ދުރަށް ޖަހަން އަހަރެން ބޭނުންވީ. އެކަމަކު އެ ބޯޅަ ލިބުނީ އަނެއް ޓީމުގެ ކުޅުންތެރިޔާ އަށް. އޭނަ ވަގުތުން ގޯލު ޖަހައިފި،" އާޖެންޓީނާގެ ނޫހަކަށް ކަބަލޭރޯ ބުންޏެވެ.
"އެ ގޯހަށް ފަހު މެޗުން ބަލިވީ. ޖެހިގެން އައި ދުވަހު އަހަރެންގެ ނަމްބަރު ބޭނުންވި އެންމެނަށް ލިބޭ. ވަރަށް ގޯސް މެސެޖުތަކެއް އަހަންނަށް ލިބުނު. މަރުގެ އިންޒާރު ވެސް އަހަންނަށް ދިން. އެ މެސެޖްތަކަށް ފަހު އަހަރެންގެ އާއިލާގެ ސަލާމަތަށްޓަކައި އަހަރެން ވަރަށް ވިސްނަން ޖެހުނު."
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނައިޖީރިއާ އާއި ދެކޮޅަށާއި ދެ ވަނަ ބުރުގައި ފްރާންސް މެޗުގައި އާޖެންޓީނާ ގޯލު ބެލެހެއްޓީ ފްރާންކޯ އަރްމާނީ އެވެ. ވޯލްޑް ކަޕަށް ފަހު އާޖެންޓީނާ މެޗަކުން ކަބަލޭރޯ ނުފެނެ އެވެ.
މީގެ ކުރިން ވެސް އާޖެންޓީނާ ގިނަ ކުޅުންތެރިންތަކެއް ވަނީ ބޮޑެތި މުބާރާތްތަކަށް ފަހު މަރުގެ އިންޒާރުގެ މެސެޖްތަށް ލިބުނު ކަމަށް ބުނެފަ އެވެ.
އުމުރުން 38 އަހަރުގެ ކަބަލޭރޯ މިހާރު ކުޅެމުން އަންނަނީ އިންގްލެންޑްގެ ޗެލްސީ އަށެވެ. ކުރިން މަލާގާ އާއި މެންޗެސްޓާ ސިޓީ އަށް ކުޅުނު ކަބަލޭރޯ ވަނީ ޗެލްސީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރު އެއް އަހަރަށް އާ ކޮށްފަ އެވެ. ކޮވިޑް-19 ގެ ސަބަބުން ފުޓްބޯޅަ ކެންސަލްކުރުމުގެ ކުރިން އެންމެ ފަހުން ކުޅުނު މެޗުތަކުގައި ކަބަލޭރޯ ކުޅުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ