ހަމަނުޖެހުންތަކަށް މަޖިލީހުން ގޮތެއް ނުނިންމާ މަޖިލީހުގެ ރައީސް ބަސް ވިދާޅުވުމަކީ ހަމަޖެހޭ ކަމެއް ނޫން: މަޖިލީހުގެ އިދާރާ

ރާއްޖޭގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުކުރުމަށްޓަކައި މަޖިލީހުގެ ކަމާއި ބެހޭ ކޮމެޓީތަކުން ވަކިގޮތެއް ނިންމާފައި ނުވަނީސް އެކަމާއި ބެހޭގޮތުން މަޖިލީހުގެ ރައީސް އެއްވެސް ޚިޔާލެއް ފާޅުކުރުމަކީ ގާނޫނީގޮތުން ހަމަޖެހޭ އުސޫލެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން އުފެދިފައިވާ ހަލަބޮލިކަން ހައްލުކުރަން މަޖިލީހުގެ ކޮމެޓީތަކުން މަސައްކަތް ކުރަމުން ގެންދާކަމަށެވެ.
އެގޮތުން މިދިއަ ހަފުތާގެ ތެރޭގައި ގައުމީ ސަލާމަތުގެ ކޮމެޓީން ދެ ބައްދަލުވުމެއް ބާއްވާފައިވާއިރު މިއަދު ވެސް ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީން ބައްދަލުވުމެއް ބާއްވައި އެ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައާއި ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހާއި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު އެ ކޮމެޓީއަށް ހާޒިރުކުރަން ނިންމާފައިވާ ކަމަށް މަޖިލީހުގެ ބަޔާނުގައި ވެއެވެ.
މަޖިލީހަކީ އެކަކު އެކަނި ނިންމުންތައް ނިންމޭނެ ތަނެއް ނޫންކަމަށާއި މަޖިލީހުގެ ނިންމުންތައް ނިންމާ ބަޔަކީ މަޖިލީހުގެ މެންބަރުން ކަމަށް ގާނޫނު އަސާސީގެ 71 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން މަޖިލީހުގެ އެންމެހައި ކަންކަން ހިންގުމުގެ ބާރު މަޖިލީހުގެ ރައީސް އަށް ލިބިގެންވަނީ ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދާއި މަޖިލީހުގެ ނިންމުންތަކާއި އެއްގޮތަށް ކަމަށްވާއިރު ކޮމެޓީގައި ހިނގާ އެއްވެސް ކަމަކާއި މެދު މަޖިލީހުގެ ރައީސް ޚިޔާލު ފާޅުކުރުމަކީ މަޖިލީހުގެ ގަވާއިދުގެދަށުން މަޖިލީހުގެ ރައީސް އަށް ކުރެވޭނެ ކަމެއް ނޫންކަމަށް ވެސް އެބަޔާނުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ