ބާންލީ އަތުން ބަލިވެ ސިޓީ ތައްޓާ ދުރަށް

ޖޯޖް 63 ވަނަ މިނިޓްގައި ޖެހި ލަނޑުން ބާންލީ އަތުން 1-0އިން ބަލިވެ ޕްރެމިއާ ލީގުގެ ތަށި ދިފާއު ކުރަން މެންޗެސްޓާ ސިޓީ ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސް އެޅިއްޖެ އެވެ.
ނަމަވެސް މިކަން ގަބޫލުކުރަން ކޯޗު މެނުއަލް ޕެލެގްރީނީ ދެކޮޅު ހަދަ އެވެ.
"ކިރިޔާ މެތެމެޓިކަލް ޗާންސެއް އޮތަސް އޭގެ މާނައަކީ އަކީ އަދި (ތަށި ހޯދުމުގެ) ފުރުސަތު އެބައޮތޭ. އެހެންވީމަ އަހަރުމެންނަށް އަދި ފުރުސަތު އެބައޮތް. މިވަގުތު ގޮތްތަކެއް ނިންމަން އަދި އަވަސް،" މިދިޔަ ސީޒަނުގެ ލީގު ސިޓީ އަށް ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.
މި ބައްޔާއެކު ސިޓީ ދެ ވަނާގައި އޮތީ ނާޒުކު ފައްތަރެއްގަ އެވެ. ސިޓީ އަށް ލިބިފައިވަނީ 29 މެޗުން 58 ޕޮއިންޓެވެ. މިއީ އެއްވަނާގައިވާ ޗެލްސީ އަށްވުރެ ފަސް ޕޮއިންޓް މަދު އަދަދެކެވެ. އަދި ޗެލްސީ އަށް ސިޓީ އަށް ވުރެ އިތުރަށް ދެ މެޗު ވެސް އެބައޮތެވެ. އަނެއްކޮޅުން ތިން ވަނާގައިވާ އާސެނަލް ވަނީ ސިޓީއާ އެންމެ ޕޮއިންޓަކަށް ގާތްކޮށްފަ އެވެ.
ޕެލެގްރީނީ ބުނީ ބާންލީ އަތުން ބަލިވީ ގޯސްތަކެއް ހެދިގެން ކަމަށާއި ނަމަވެސް ވަކިވަކި ކުޅުންތެރިންނަށް އިނގިލިދިގުކުރަން އޭނާ ބޭނުންނުވާ ކަމަށެވެ.
"އަހަރުމެންނަކީ ޓީމެއް. އެހެންވީމަ އެކެއް ނުވަތަ ދޭއް ނުވަތަ ތިން ކުޅުންތެރިންނަށް އިނގިލި ދިގުކުރަން އަހަރެން ބޭނުމެއްނުވޭ. އަހަރުމެން ކުޅުނީ އާދައިގެ ގޭމެއް. އަހަރުމެންނަށް އެކަށީގެންވާ ވަރަށް ގޯލުޖަހާނެ ފުރުސަތު ނުއުފެއްދުނު. އެކަމަކު މުޅި މެޗަށް ބަލާއިރު އަހަރުމެން ކުޅުނީ މާބޮޑަށް ގޯސް ކުޅުމެއްވެސްނޫން. އެމީހުން ނެގީ ގޯލަށް އެންމެ ޝޮޓެއް. އެބޯޅަ ގޯލަށް ވަނީ،" ޕެލެގްރީނީ ބުންޏެވެ.
ސިޓީ ބަލިކޮށް ބާންލީ ވަނީ 29 މެޗުން 25 ޕޮއިންޓް ހަމަކޮށްފަ އެވެ. އެ ޓީމު އޮތީ 20 ޓީމު ވާދަކުރާ ލީގުގެ 18 ވަނާގައި ރެލިގޭޝަން ޒޯނުގަ އެވެ. ނަމަވެސް ކޯޗު ސިއެން ބުނީ މި މޮޅާއެކު ކުޅުންތެރިންގެ އިތުބާރު ބޮޑުވާނެ ކަމަށާއި އޭނާގެ ޓީމުގެ އަމާޒަކީ އަންނަ ސީޒަނުގައި ވެސް ޕްރެމިއާ ލީގުގައި އޮތުން ކަމަށެވެ.
"އަދި މިއީ ހަމައެކަނި މެނޭޖަރު (ކޯޗު)ގެ މަސައްކަތެއް އެކަންޏެއްވެސްނޫން. ކުޅުންތެރިން ކުރާ ހިތްވަރާއި އެމީހުންގެ މަސައްކަތް އެކުލެވޭ،" ސިއެން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ