ގެރެންޓީއަކާ ނުލައި އެޑްވާންސް ފައިސާ ދެވޭ ގޮތަށް މާލިއްޔަތު ގަވާއިދު އިސްލާހުކޮށްފި

މަޝްރޫއުތައް ހިންގާ އިރު އެޑްވާންސަށް ފައިސާ ދޫކުރާނީ ގެރެންޓީއެއް ބެހެއްޓުމަށް ފަހު ކަމަށް މާލިއްޔަތު ގަވާއިދަށް 2020ގައި ގެނައި އިސްލާހު ބަދަލުކޮށް، ސަރުކާރުގެ ކުންފުނިތަކަށް ލުޔެއް ދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.މާލިއްޔަތު ގަވައިދުގެ އެޑްވާންސް ފައިސާ ދޫކުރުމުގެ އުސޫލަށް ބަދަލު ގެނެސްފައިވަނީ 2020 ވަނަ އަހަރު ވެންޓިލޭޓަރުތައް ގެނައުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރި ހިސާބުންނެވެ. އޭރު ފައިސާ ދޫކުރަން ޖެހޭނީ ޕާފޯމަންސް ގެރެންޓީއެއް ބަހައްޓާފައި ކަމަށް އޮތަސް ވެންޓިލޭޓަރަށް އެޑްވާންސް ފައިސާ ދޫކުރީ އެ އުސޫލާ ހިލާފަށެވެ.މާލިއްޔަތު ގަވައިދަށް ގެނައި ހަވަނަ އިސްލާހު ގެޒެޓްކޮށް އިއްޔެ ވަނީ އަމަލުކުރަން ފަށާފަ އެވެ.އިސްލާހުގައި ބުނެފައިވަނީ ބީލަމަށް ނުލާ ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތަކަށް އެޑްވާންސަށް ފައިސާ ދިނުމުގައި ފިނޭންސް މިނިސްޓަރުގެ ހުއްދައާ އެކު އެޑްވާންސް ޕޭމަންޓް ގެރެންޓީ އެއް ނެތި ފައިސާ ދޫކުރެވިދާނެ ކަމަށެވެ. މާލިއްޔަތު ގަވައިދުގެ 10.67 ގައި އެޑްވާންސަށް ފައިސާ ދޭނެ މިންގަނޑުތައް ބަޔާންކޮށްފައިވެ އެވެ. އެގޮތަށް ފައިސާ ދޫކުރަނީ، އެގައިދުގައިވާ ގޮތުން ޕްރޮކިއުމަންޓެއްގެ އަގުގެ 250،000ރ އަށްވުރެ ބޮޑެތި އަދަދުތައް ހިމެނޭ މަޝްރޫއުތަކެވެެ. އަދި ހާއްސަ ހާލަތެއްގައި މެނުވީ، އެގޮތަށް ދޫކުރެވެނީ މަސައްކަތުގެ ޖުމްލަ އަގުގެ %15 އަށްވުރެ ބޮޑު ނުވާ އަދަދަކަށް ކަން ގަވައިދުގައި ބުނެ އެވެ.މިގޮތަށް ފައިސާ ދޫކުރެވޭނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ.ޖުމްލަ އަގުގެ %15އަށް ވުރެ ބޮޑުކޮށް އެޑްވާންސަށް ފައިސާ ދެވޭނެ ހާއްސަ ހާލަތަކީ، ގައުމީ ސަލާމަތާ ގުޅޭ ކަމެއް ނުވަތަ އިމަޖެންސީ ހާލަތެއްގައި ރައްޔިތުންގެ ގިނަ ބަޔަކަށް ހިދޔމަތް ދޭން ޖެހޭ ފަދަ ކަމެއްގައި އެގޮތަށް އެކަން ކުރަން ޖެހޭ ސަބަބު ބަޔާންކޮށް، މިނިސްޓްރަށް ހުށަހަޅައިއި، މިނިސްޓަރުގެ ހުއްދަ ލިޔުމަކުން ލިބިގެން ކަމަށްވެސް ގަވައިދުގައި ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ