ޙަޤީޤީ ޙާދިސާ: ކުޑައިރު ދަރިން ފެނުނީމާ ބޮލުގަ ރިއްސި ބައްޕަ، މައިމީހާ އެކަނި ދަރިން ބޮޑެތިކުރީމާ ދަރިން އަތުން ފައިސާ ހޯދަންވީމާ ވަރަށް ލޯބިވޭ!

މިވާހަކައަކީ ގިނަ ބައަކަށް އަޑުއަހަން ފަސޭހަ ވާހަކައަކަށްނުވެދާނެއެވެ. ނަމަވެސް އަޅުގަނޑަށް ކުރަންޖެހުނު ތަޖުރިބާއެވެ. 
އަޅުގަނޑުމެންގެ ކައިވެންޏަށް 7 އަހަރުވީއިރު 3 ދަރިން ވަނީ ލިބިފައެވެ. ފިރިމީހާއަކީ ހެނދުނު 7 ޖަހާއިރު މަސައްކަތުދާ މީހެކެވެ. މެންދުރު ކާން ލިބޭ ވަގުތުގައިވެސް ގެއަކަށް ނާދެއެވެ. ގެއަށް އަންނާނީ ރޭގަނޑު 8 ޖެހުމުންނެވެ. ވީމާ ދުވާލުގެ ވަގުތުގައި ދަރިންނަށް ބައްޕައެއް ނުފެންނާނެއެވެ. 
އެހެންކަމާއިއެކުވެސް ގެއަށް އަންނައިރު ދަރިން ހޭލައިތިބިނަމަ ޝަކުވާކުރެއެވެ. ނުނިންދެވީ ކީއްވެތޯ ސުވާލުކުރެއެވެ. ސަބަބެއްކަމަށް ބުނަނީ "ބޮލަށް އުނދަގޫވުމެވެ." އެހެންވެ އިރު އޮއްސުމުން މަޣްރިބް ނަމާދުކުރުމަށްފަހު ކާންދީ ކުދިން ނިންދަވަން މަސައްކަތްކުރަމެވެ. ނަމަވެސް ބައެއް ރޭރޭ ކުދިން ނުނިދަނީއެވެ. ނުނިދައިފިރެއަކު އަޅުގަނޑަށް އެއްޗެތިގޮވުމަކީ ޢާންމު ކަމެކެވެ. 
އެ ޙާލުގައި އަޅުގަނޑު 10 އަހަރު ހޭދަކުރީމެވެ. ދެން އެހިސާބުން އަޅުގަނޑުގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ދަރިން ބޮޑެތިވެ 7 އަހަރުވުމުން ގަދަކަމުން ކޮންމެ ރެއަކު އިރުއޮއްސޭތަނުން ނިންދެވުމަކީ ކުރެވޭނެ ކަމެއް ނޫންކަން އަޅުގަނޑަށް ހީވަނީ ކޮންމެ މަންމައަކަށްވެސް ޤަބޫލުކުރެވޭނެ ހެންނެވެ. 
އެމައްސަލައަށް ޙައްލެއް ލިބޭތޯ ވާހަކަދެއްކުމުން އަޅުގަނޑަށް ނުބައި ބަސްތައް ބުނުން ނޫން ކަމެއް ނުކުރެއެވެ. އެހެންވެ ކޮންމެ ޙާލެއް ޖެހުނު ނަމަވެސް ވަރިވެ އެކަނި ދިރިއުޅެން ނިންމީމެވެ. އަދި އާދޭސްކޮށްގެން ވަރިވީމެވެ. 
ވަރިކުރުމަށްފަހު އަޅުގަނޑުމެން 4 މައިން ދުނިޔޭގައި ތިބިތޯވެސް ބަލައި ނުލައެވެ. އެކަމާ ޝަކުވާ ކުރާކަށްވެސް ނުގުޅަމެވެ. ދިރިއުޅުނީ އަޅުގަނޑުގެ ގޭގައިކަމަށްވުމުން ކުލިދައްކާކަށް ނުޖެހެއެވެ. އަސާސީ ބޭނުންތައް ފުއްދައިދިނީ 2 ބޭބެއެވެ. 
އެޙާލުގައި 5 އަހަރުވީފަހުން ބައްދަލުވި މީހަކާއި ކައިވެނިކުރީމެވެ. ބޭބެމެންނާއި ފިރިމީހާގެ އެހީތެރިކަމާއިއެކު ދަރިން ބޮޑެތިވެ ކިޔަވައި ނިމި ވަޒީފާއަދާކުރަން ފެށުމުން ކުއްލިއަކަށް ބައްޕައަށް ދަރިންތައް ފެނިއްޖެއެވެ. ކޮންމެ ދުވަހަކުހެން ކުދިން ދެކޭހިތުން ނުހުރެވިގެން އަންނަން ފަށައިފިއެވެ. އަމިއްލަ ބޭނުންތަކުގެ އިތުރުން ފަހުން ހޯދާފައިތިބި ކުދިންގެ ބޭނުންތައް ފުއްދަންވެސް ދަރިން އަތުން ފައިސާ ހޯދަން ފަށައިފިއެވެ. ކުދިން ކުޑައިރު ގެއަށް އަންނައިރަށް ކުދިން ނުނިންދެވޭނަމަ ރުޅިގަދަވިނަމަވެސް މިހާރު ކުދިން ހޯދަން އަންނައިރު ގޭގައި ކުދިން ނެތްނަމަ ރުޅި އައިސް މޫނުކުނިކުރެއެވެ. 
މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަތައް ޙިއްޞާ މިކުރަނީ އަޅުގަނޑުގެ ދަރިން އެދަރިންގެ ބައްޕައަށް އެހީވާތީ ކަންބޮޑުވެގެނެއް ނޫނެވެ. ކަންބޮޑުވަނީ ބައްޕައިން ދަރިން އުކާލާތީއެވެ. ވަރިކުރުމަށްފަހު ދަރިން ދުނިޔޭގައި ތިބިތޯވެސް ބަލާނުލައި އެތައް އަހަރެއް ފާއިތުވާފަހުން ދަރިން ފެންނަގޮތްވާތީއެވެ. ކުޑައިރު އެކުދިން ފެނުމުން ބޮލަށް އުނދަގޫވެފައި ބޮޑެތިވެ ފައިސާ ހޯދަން ފެށުމުން ދަރިން ދެކެލޯބިވާކަމަށް ހެދޭތީއެވެ. 
އަޅުގަނޑުގެ ދަރިންނަށް ބައްޕަގެ ޙަޤީޤަތް އެނގެއެވެ. ނަމަވެސް އެކުދިން ބައްޕަ އާއި ގުޅުން ބާއްވަނީ އެކަމުން ލިބެން އޮތް ޘަވާބު ހޯދުމަށެވެ. ﷲ ވާގިފުޅާއިއެކު އަޅުގަނޑު ދަރިން ތަރުބިއްޔަތުކޮށްފައިވާނީ ﷲ އަށް ބިރުވެތިވާން ދަސްކޮށްދިނުމާއިއެކުގައެވެ. 
- މަރްޔަމް މަނިކެ / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ