ރައީސް ޔާމީން މާދަމާ ދުވާފަރަށް ވަޑައިގަންނަވަނީ

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރ. ދުވާފަރަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ ރައީސް ޔާމީން ދުވާފަރަށް ވަޑައިގަންނަވާނީ މާދަމާ ކަމަށާއި އަދި އިންޑިއާ ސިފައިން ބާލަން ގޮވާލުމަށް ހިންގާ "އިންޑިއާ އައުޓް" ކެމްޕޭންގައި ރައީސް ޔާމީން މާދަމާ އެ ރަށުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.
ގޭގޭގެ ފާރުތަކުގައި "އިންޑިއާ އައުޓް" ޖެހުމަށް ރައީސް ޔާމީން ގޮވާލައްވައިފައިވާ އިރު އެންމެ ފުރަތަމަ އެފަދައިން ފާރުތަކުގައި ލިޔަން ފެށީ ވެސް ދުވާފަރުގަ އެވެ. އެގޮތުން އިއްޔެ ހަވީރު ދުވާފަރުގެ ޒުވާނުން އިސްނަގައިގެން ވަނީ ފާރުތަކުގައި ލިޔަން ފަށައިފަ އެވެ.
ރައީސް ޔާމީން މިނިވަންވި ފަހުން "އިންޑިއާ އައުޓް" ގެ ހަރަކާތްތައް އަތޮޅުތަކުގެ ތެރެއަށް ފުޅާ ކުރައްވައި ރަށް ރަށަށް ވެސް ވަނީ ވަޑައިގަންނަވަން ފައްޓަވާފަ އެވެ. މާލެ އަތޮޅުގެ ރަށްތަކުން ދަތުރުފުޅުތައް ފައްޓަވައި މިހާރު ވަނީ ށ. އަތޮޅާއި ފ. އަތޮޅަށް ވެސް ވަޑައިގެންފަ އެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ބަލާން ރައީސް ޔާމީން ގޮވާލައްވަމުން ގެންދަވާތީ އެމަނިކުފާނު ހައްޔަރު ކުރުމަށް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ގެންދަވަނީ ގޮވާލައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ