ސިފައިންގެ މީހާ ރަހީނުކުރި މީހުން ފައިސާ ނަގަން އޭޓީއެމްތަކަށް ދިޔަ!

މިދިޔަ މަހު 17 ވަނަ ދުވަހުގެ ރޭ ފައިސާ ހޯދުމަށްޓަކައި ސިފައިންގެ މީހަކު ރަހީނުކޮށް އަނިޔާކުރުމަށް ފަހު އެއްލާލި ކަމަށް ބުނާ މައްސަލައިގައި ހައްޔަރު ކުރި މީހުން އޭޓީއެމަށް ފައިސާ ނަގަން ދިޔަ ކަން ހާމަވެއްޖެއެވެ.
މިއަދު މި މައްސަލައިގައި ތިން މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެއީ މ. ފްރީޒް، އުމުރުން 29 އަހަރުގެ މުހައްމަދު ޖައިލަމް ފިރާގު އާއި ފެހިގެ، ގއ. ކަނޑުހުޅުދޫ، އުމުރުން 21 އަހަރުގެ އަހްމަދު ސަނީން އަދި ވިނަރެސް، ހދ. ނޭކުރެންދޫ، އުމުރުން 18 އަހަރުގެ އާދަމް ވިޝާންއެވެ.
މި މީހުންގެ ތެރެއިން ޖައިލަމްގެ ކޯޓު އަމުރުގައިވާ ގޮތުން އޭޓީއެމްތަކުން "ފައިސާ ނެގި މީހާ" ގޮވައިގެން ޖައިލަމް އެ ތަންތަނަށް ދިޔަކަން އޭނާގެ ބަހުންނާއި ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ)ގެ ބަހުން އެނގެއެވެ. ޖައިލަމް އޭޓީއެމް ތަކަށް ދިޔައީ ކާކު ގޮވައިގެން ކަން ކޯޓު އަމުރުގައި ހާމަކޮށްފައެއް ނުވެއެވެ. އަދި ނަގާފައި ވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ވެސް ކޯޓު އަމުރުގައި ހާމަ ކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި ހައްޔަރު ކުރި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން ކޯޓު އަމުރު ނެރުނީ ޖައިލަމްގެ ބަންދަށް ފަސް ދުވަސް އަދި އަނެއް ދެ މީހުންގެ ބަންދަށް ހަތް ދުވަސް ދިނުމަށެވެ.
އެމީހުން ގެތެރެއިން ވިޝާމަކީ ކުށުގެ ރިކޯޑެއް ކުރިން ވެސް އޮތް މީހެކެވެ.
ކޯސްޓުގާޑުގައި މަސައްކަތްކުރާ ސްޓާފް ސާޖަންޓް ހަސަން ފަހީމް، 37، ކިޑްނެޕް ކުރި މައްސަލަ ފެންމަތިވީ، މިދިޔަ މަހުގެ 17 ގައެވެ. އޭރު އޭނާގެ އާއިލާ އިން ބުނީ، އޭނާ މާލޭ މަގުމަތިން ހިފަހައްޓައި ފައިސާގެ ބޭނުމުގައި ކިޑްނެޕްކުރީ ކަމަށެވެ. ނަމަވެސް އެކަން ދޮގުކޮށް ފުލުހުން ބުނެފައި ވަނީ ހަސަން ފަހީމް ރަހީނު ކުރީ މާލެއިން ކަމަށް ނުބެލެވޭ ކަމަށާއި، އެކަން ހިނގާފައި ވަނީ އޭނާގެ ޒާތީ ދިރިއުޅުމާ ގުޅުން ހުރި ކަމެއްގެ ތެރެއިން ކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ