ފޮތް މައުރަޒަށް އެކަށީގެންވާ ތަރުހީބެއް ލިބޭ: ގައުމީ ޔުނިވަސިޓީ

ލިޔުންތެރިންގެ ދުވަހާ ގުޅިގެން އަންގާރަދުވަހުގެ ރޭ ދަރުބާރުގޭގައި ހުޅުވި ފޮތް މައުރަޒަށް އެކަށީގެންވާ ތަރުހީބެއް ލިބެމުން އަންނަ ކަމަށް ގައުމީ ޔުނިވަސިޓީން މިއަދު ބުނެފި އެވެ.
ޔުނިވަސިޓީގެ އޮފިޝަލަކު ވިދާޅުވީ މި ދުވަސްވަރާ އަޅާބަލާއިރު އެކަށީގެންވާ އަދަދަށް މީހުން ޒިޔާރަތްކުރަމުން އަންނަ ކަމަށެވެ. ފޮތް މައުރަޒު ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
ލިޔުންތެރިންގެ ފޮތް މައުރަޒު ބާއްވަނީ ލިޔުންތެރިން އެއް ތަނަކުން ބައްދަލުވެ، ދިވެހި ބަހުން ލިއެފައި ހުންނަ ފޮތްތައް ހެޔޮ އަގުގައި ވިއްކައި ފޮތް ކިއުމުގެ ޝައުގު އުފެއްދުމަށެވެ.
ގައުމީ ޔުނިވަސިޓީގެ އޮފިޝަލް ވިދާޅުވި ގޮތުގައި މި އަހަރުގެ ފޮތް މައުރަޒުގައި 15 ފަރާތަކުން ބައިވެރިވެ 18 ފޮތެއް އަލަށް ނެރެފައިވެ އެވެ. އޭގެ ތެރޭގައި ޔުނިވަސިޓީގެ ދަށުން ހިންގާ ބަހާ ބެހޭ މަރުކަޒުން ނެރުނު ދެ ފޮތެއް ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގައުމީ ޔުނިވަސިޓީން ބުނި ގޮތުގައި ބަހާ ބެހޭ މަރުކަޒުން މި އަހަރު އަލަށް ނެރެފައި ވަނީ މުހަންމަދު އަމީން ލިއުއްވި "އެ މައުޟޫ އާއި މި މައުޟޫ" އަދި އިބްރާހިމް ލުތުފީ ލިއުއްވާފައިވާ "ތާރީހް ދީބާ މަހަލް" އެވެ.
ލިޔުންތެރިންގެ ފޮތް މައުރަޒެއް ފުރަތަމަ ބާއްވާފައި ވަނީ ޖުލައި ،8 2001 ގަ އެވެ. ދަރުބާރުގޭގައި މިހާރު ކުރިއަށް ދަނީ ލިޔުންތެރިންގެ 10 ވަނަ ފޮތް މައުރަޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ