ޕީޕީއެމް ނޫނީ މިޤައުމަށް ހެޔޮއެދޭ ޕާޓީއެއްނެތް: ޢަބްދުއްރަޙީމް

ޕީޕީއެމްނޫނީ މިގައުމަށް ހެޔޮއެދޭ ޕާޓީއެއް ރާއްޖޭގައި ނެތްކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީ ގެ "މަގޭ ރާއްޖެ ކެމްޕޭން" އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެމްޑީއެން ނަމަކަށް ކިޔުނު ޖަމާއަތަކުން ނެރުނު ރިޕޯޓެއްގައި އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަ ކުރުމުން ވެސް އިސްވެ އެކަމާ ދެކޮޅަށް ތެދުވީ ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުން ވަނީ ނަމެއްގައި އެމްޑީއެން އުވާލާފައި ކަމަށެވެ. އެހެންނަމަވެސް އެޖަމާއަތުން މިހާރުވެސް ސޯޝަލް މީޑިއާގައި ޙަރަކާތްތެރިވަމުންދާ ކަމަށާއި އޭގެ އިތުރުން އެ ޖަމިއްޔާއިން ނޫސްބަޔާންތައް ވެސް ނެރެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ލާދީނިއްޔަތުން މިގައުމު ސަލާމަތް ކުރުމަށްޓަކައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓުލާން ޖެހޭ ކަމަށެވެ. ޕީޕީއެމްގެ ކައުންސިލަރުން ގައުމުގައި ލާދީނިއްޔަތު ފަތުރާ ވޯކްޝޮޕްތައް ބޭއްވުމާއި ބަނގުރާ އާންމު ކުރުމުގެ ފުރުސަތެއް އެއްވެސް ބަޔަކަށް ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިސަރުކާރަށް ދޮޅު އަހަރު ވެގެންދިޔައިރު ރައްޔިތުންނަށް ވެފައިވާ އެއްވެސް ވަޢުދެއް ފުދިފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ފެއްޓެވި އެއްވެސް މަޝްރޫއެއް މިހާރު ކުރިއަށް ނުދާ ކަމަށާއި ހުރިހާ މަޝްރޫއެއް ވަނީ ހުއްޓުފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެހެން ކަމުން ސަރުކާރުން ބޭނުންހާ ގޮތެއް ހަދަންދެން ދިވެހި ރައްޔިތުން ނުތިބޭނެކަމަށާއި މިގައުމުގެ މާޒީން އެކަން ފެންނަން އެބައޮތް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މިއީ ވަކި ބައެއްގެ ގައުމެއް ނޫންކަމަށާއި މިއީ އެންމެންގެ ގައުމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ޢަބްދުއްރަހީމް ވަނީ ޕީޕީއެމްގެ ޓީކެޓުގައި ލޯކަލްކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ވާދަކުރައްވާ ކެންޑިޑޭޓުން ހޮވުމަށްފަހު ވާންޖެހޭނީ ދިވެހިގައުމުގެ ކައުންސިލަރުންނަށް ކަމަށެވެ. އަދި އެމީހުންވާންޖެހޭނީ ކޮންމެ ސަރުކާރެއް އޮތަސް ސަރުކާރާ ގުޅިގެން ތަރައްގީއަށްޓަކައި މަސައްކަތްކުރާ ބަޔަކަށް ކަމަށް ވެސް ވިދާޅުވިއެވެ. އެމީހުންވާންޖެހޭނީ ގައުމަށާއި އެމީހެއްގެ ރަށަށް ތަރައްގީއާއި އުފާވެރިކަން ގެނެސްދޭން މަސައްކަތްކޮށް މުޖުތަމައު އެކުވެރި ކުރުވާ ބަޔަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ