އޭވީސީގެ އިންޒާރު: މުއާމަލާތް ކުރަންވާނީ ލަތީފްއާ

ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނުން އުފައްދާފައިވާ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީގެ ބަދަލުގައި، މުއާމަލާތް ކުރައްވާނީ ވީއޭއެމްގެ އިންތިޚާބީ ރައީސް މުހައްމަދު ލަތީފްއާ ކަމަށް ބަންގްލަދޭޝްގެ ވޮލީބޯޅަ ފެޑެރޭޝަނަށް އޭވީސީން އަންގައިފި އެވެ.
އޭވީސީން މިގޮތަށް ބަންގްލަދޭޝްގެ ވޮލީބޯޅަ ފެޑެރޭޝަނަށް އެންގީ އަންހެނުންގެ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕް ބެއްވުމުގެ ފުރުސަތު މިފަހަރު ބަންގްލަދޭޝްއަށް ދީފައިވާތީއެވެ.
އޭވީސީގެ ރައީސް ސޮއިކުރައްވައި ބަންގްލަދޭޝްގެ ވޮލީބޯޅަ ފެޑެރޭޝަނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ރާއްޖޭގެ ވޮލީބޯޅައަށް ސަރުކާރުން އެކުލަވާލައިފައިވާ ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަންނަނަށް ދުިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ އެފްއައިވީބީން ނިންމާފައިވާ ކަމަށާއި، އެހެންކަމުން އޭވީސީއާ ގުޅޭ މުބާރާތެއްގައި އެ ކޮމިޓީއާ މުއާމަލާތް ކުރެވިގެންނުވާނެ ކަމަށެވެ.
ނޯމަލައިޒޭޝަން ކޮމިޓީގެ ބަދަލުގައި ލަތީފްއާ މުއާމަލާތް ކުރުމަށާއި، ނޫންނަމަ އަންހެނުންގެ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕަށް އޭވީސީ އާއި އެފްއައިވީބީން އެހީނުވާނެ ކަމަށްވެސް ވަނީ އަންގާފައެވެ.
ރާއްޖޭގެ ވޮލީބޯޅައިގެ ހާލަތު ގޯސްވެފައިވާއިރު، ސްޕޯޓްސް ކޮމިޝަނުން ބާއްވަން އުޅުނު ވީއޭއެމްގެ އިންތިޚާބު ބަލައިނުގަންނާނެ ކަމަށް އެފްއައިވީބީން ވަނީ ބުނެފައެވެ. އެއާއެކު ސްޕޯޓްސް ކޮމިޝަނުން ވަނީ ވީއޭއެމްގެ އިންތިހާބު ފަސްކޮށްފައެވެ. އިންތިޚާބު ފަސްކުރުމަށްފަހު ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމް ވިދާޅުވީ ވީއޭއެމް ހިންގުމުގެ ކަންކަމުގައި މިހާރު ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރެއް ނޯންނާނެ ކަމަށާއި، އެހެން ނަމަވެސް އެސޯސިއޭޝަން ހުއްޓިފައި ނޯންނާނެ ގޮތަކަށް ކަންތައް ރާވާނެ ކަމަށެވެ. އެގޮތުން ވީއޭއެމް ހިންގުމަށްޓަކައި ދެން ކުރިޔަށްދާނެ ގޮތެއް ނިންމުމަށްޓަކައި ނޯމަލައިޒޭޝަން ކޮމިޓީ ން ކަޑައެޅި 8 ކްލަބާއެކު މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އެފްއައިވީބީން ވަނީ ވީއޭއެމްގެ ހިންގުން އިންތިޚާބީ ރައީސް މުހައްމަދު ލަތީފުގެ ލީޑަޝިޕާ ހަވާލުކުރުމަށް ގޮވާލާފައެވެ. އެކަމަކު މިހާތަނަށް އެގޮތަށް ސްޕޯޓްސް ކޮމިޝަނުން އަމަލުކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ