ޑީއާރްޕީގެ އަހަރީ ދުވަސް ފާހަގަ ކުރަން ޒެޑްފެކްޝަނުން ބާއްވާ ޖަލްސާ ބުރާސްފަތި ދުވަހުގެރޭ

ޑީއާރްޕީގެ ހަ ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ހާއްސާ ހަރަކާތްތަކެއް މާލޭގައި ކުރިއަށް ގެންދަން ނިންމައި، އަހަރީ ޖަލްސާއެއް އަންނަ ބުރާސްފަތި ދުވަހު ރޭ ހެދިގޮނޑު ދޮށުގައި ބާއްވަން ޒެޑް ފެކްޝަނުން ނިންމައިފި އެވެ.
އަންނަ ބުރާސްފަތި ދުވަހު ޑީއާރްޕީއަށް ހަ އަހަރު ފުރުމުގެ މުނާސަބާގައި ހާއްސަ ހަރަކާތްތަކެއް ޒެޑްފެކްޝަނުން މާލޭގައި ހިންގަން ނިންމާފައި ވަނީ އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ އިސް ނެގުމާއެކު އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެމުން ޒެޑް ފެކްޝަނުގެ މުހައްމަދު ހުސައިން ޝަރީފު )މުންދު( މިއަދު ވިދާޅުވީ އަހަރީ ދުވަސް ފާހަގަ ކުރަން ބުރާސްފަތި ދުވަހުގެ ރޭ ހެދިގޮނޑުދޮށުގައި ބާއްވާ ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ ޕާޓީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް ކަމަށެވެ. އަދި އެ ޖަލްސާގައި އެމަނިކުފާނު ޑީއާރްޕީގެ މެންބަރުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާއިރު އިދިކޮޅު އެހެން ޕާޓީތަކަށް އެ ޖަލްސާގައި ބައިވެރިވާން ދައުވަތު އަރުވާފައިވާނެ ކަމަށެވެ. މީގެ އިތުރުން އަދި މަޖިލީހުގެ އިދިކޮޅު މެންބަރުންނާއެކު މަސައްކަތް ކުރައްވާ މިނިވަން މެންބަރުން ވެސް ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މުންދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހާއްސަ ޖަލްސާއަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަށް ދައުވަތު ނުދެއްވާނެ ކަމަށާއި ސަބަބަކީ ޑީއާރްޕީގެ އަހަރީ ދުވަހެއް ފާހަގަ ކުރާއިރު، ވަކިން ހާއްސަކޮށް ލީޑަރަށް ދައުވަތު ދެއްވަން ނުޖެހޭތީ ކަމަށެވެ.
ޑީއާރްޕީގެ ޒުވާނުން ގޮފީގެ ނައިބު ރައީސް އަދި މައުމޫންގެ ދަރިކަލުން ޣައްސާން މައުމޫން ވިދާޅުވީ ޕާޓީގެ އަހަރީ ދުވަސް ފާހަގަ ކުރަން މޯލްޑިވްސް ބްލަޑް ޓްރާންޒްފިއުޝަން ސާވިސް )އެމްބީޓީއެސް(އާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް މާލޭގައި ކުރިއަށް ގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ބޭނުން ޑީއާރްޕީގެ ޒުވާނުން ގޮފީގެ އިސް ނެގުމަކަށް ކުރާ މި މަސައްކަތަކީ ރާއްޖޭގެ ތާރީހުގައި ފާހަނގަކޮށްލެވޭ ކަމަކަށް ވެގެންދިއުމަށް. އެއީ އެންމެ ގިނަ މީހުން ލޭ ދީފައިވާ މުނާސަބަތަކީ މީ ކަމަށް ހަދަން އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރާނަން،" ޣައްސާން ވިދާޅުވި އެވެ.
ޣައްސާން ވިދާޅުވީ ލޭ ހަދިޔާ ކުރައްވާ ބޭނުންފުޅުވާ ފަރާތްތަކުން 7562222 ނަންބަރަށް އެސްއެމްއެސް ކުރައްވައި ނަން ނޯޓް ކުރެއްވުމުން، ލޭ ހަދިޔާ ކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައްކަށް ލުއެއް ލިބިގެންދާނެ ކަމަށެވެ. އަދި ނަންނޯޓް ނުކުރައްވާ ފަރާތްތަކުން ވެސް އަންނަ އާދީއްތަ ދުވަހު ހެނދުނު 9:00 ފެށިގެން އެމްބީޓީއެސްއަށް ގޮސް ލޭ ހަދިޔާ ކުރެވޭނެ ކަމަށެވެ.
ޒެޑް- ޑީއާރްޕީން ބުނީ ޕާޓީގެ އަހަރީ ދުވަހާ ގުޅުވައިގެން އަންނަ ބުރާސްފަތި ދުވަހު މެންދުރު 11:00 ޖަހާއިރު ޒައީމް މައުމޫންގެ އޮފީސް )ޒެޑް ޑީއާރްޕީގެ ރަސްމީ އޮފީސް( ހުޅުވާނެ ކަމަށެވެ. އަދި ހ. ސަކީނާ މަންޒިންގެ އިމާރާތުގެ އަށް ވަނަ ފަންގިފިލާގައި އެ އޮފީސް ހުޅުއްވައި ދެއްވާނީ ވެސް މައުމުން ކަމަށް ޒެޑް ފެކްޝަނުން ބުންޏެވެ.
އަންނަ ހޮނިރު ދުވަހުގެ ރޭ ޑީއާރްޕީގެ މައި ޖަހަގަ )ޒެޑް ޑިއާރްޕީގެ ޖަގަހަ(ގައި މިއުޒިކް ޝޯއެއް ބާއްވަންވެސް ވަނީ ހަމަޖައްސައިފަ އެވެ. އެ ޝޯގައި މަޝްހޫރު ބޮޑުބެރު ގުރޫޕް "ހަރުބީ" ގެ ހަރަކާތްތައް ފެނިގެންދާނެ ކަމަށް އެ ފެކްޝަނުން ބުންޏެވެ. އަދި އެ ޝޯގައި ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް ޑީއާރްޕީން ބުނެ އެވެ.
ޒެޑް ފެކްޝަނުން ޑީއާރްޕީގެ އަހަރީ ދުވަސް މާލޭގައި ފާހަގަ ކުރާއިރު، ޑީއާރްޕީގެ ލީޑާޝިޕުން ނިންމާފައި ވަނީ އެ ޕާޓީގެ އަހަރީ ދުވަސް ށ. ފުނަދޫގައި ފާހަގަ ކުރާށެވެ.
ޑީއާރްޕީގެ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ވަނީ ޖުލައި، 21، 2004 އަހަރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ