އަނެއްކާވެސް ލީކެއް: މިފަހަރު ނަހުލާ އާއި އަލީ ވަހީދުގެ ޒުވާބެއް!

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއާ ދެއްކި ވާހަކަތަކަށް ކަމަށް ބުނެ އޯޑިއޯއެއް މިރޭ ލީކުކޮށްލައިފިއެވެ.
މި އޯޑިއޯގައި ދައްކާ ވާހަކަތައް ބޮޑަށް ބިނާވެފައިވަނީ ނަހުލާ އަށް ތުހުމަތާއި ފުރައްސާރަ އަމާޒުކޮށް އަލީ ވަހީދު އެހެން ބަޔަކާއެކު ދެއްކި ވާހަކަތަކެއް ކަމަށް ބުނެ މީގެކުރިން ލީކުކޮށްލާފައިވާ އޯޑިއޯ އަށެވެ.
އެގޮތުން މިރޭ ލީކުކޮށްލި އޯޑިއޯގައި މިނިސްޓަރު ނަހުލާ ވަނީ އަލީ ވަހީދަށް އަމާޒުކޮށް "ކަންތައް ތި ކުރެއްވީ ވަރަށް ހަޑިކޮށް" ކަމަށް ވިދާޅުވެފައެވެ. އޭގެ ޖަވާބުގައި އަލީ ވަހީދު ވިދާޅުވެފައިވަނީ "އަޅުގަނޑެއް މެޑަމް އަދި ހަޑިކޮށް ކަމެއް" ނުކުރައްވަން ކަމަށެވެ.
ނަމަވެސް ނަހުލާ ވަނީ އެކަމަނާ އަށް ގުޅައި ސްޕީކަރަށްލުމަށްފަހު ރައްޓެހިން ބައިތިއްބައިގެން ވާހަކަ ދައްކާފައި ކަންތައް ކުރީ ހަޑިކޮށް ނޫން ކަމަށް ވިދާޅުވުމުން އެކަން ގަބޫލުކުރާނީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ. އަދި ފޯނު ކަނޑާލުމަށްފަހު އަލީ ވަހީދު ދެއްކި "ހުތުރު" ވާހަކަތަކާ މެދުވެސް ހިތްހަމަނުޖެހުން ފާޅުކޮށް، ނަހުލާ ވަނީ އެހެން ބުނެގެން ވެސް ނުވާނެ ނޫންތޯ ވިދާޅުވެފައެވެ.
ތަކުރާރުކޮށް މި އޯޑިއޯގައި އަލީ ވަހީދު ވަނީ އެއީ އެޑިޓުކޮށްފައި ހުރި އެއްޗެހި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ނަހުލާ ވަނީ އެއީ ރަނގަޅު ކޯލެއް ކަމަށާއި އޭނާގެ މައްސަލައަކީ އެހެން ބަޔަކު ތިއްބާ ސްޕީކަރަށް ލައިގެން ވާހަކަ ދެއްކުން ކަމަށްވެސް ވިދާޅުވެފައެވެ.
އަލީ ވަހީދު ދެއްކި ވާހަކަތައް ބައްލައިދެއްވުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން ނަހުލާ އެދިވަޑައިގެންވާ ކަމަށް މީޑިޔާތަކުގައި މިއަދު ރިޕޯޓުކޮށްފައިވާއިރު މިކަމާ ގުޅޭގޮތުން ރައީސް އޮފީހުން ވަކި އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ