މުގާބިލާ - 21

(22 ފެބްރުއަރީ 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)
ޝައިޠާނާ ދާން ހިނގައިގަތް ވަގުތު ރިޟްވާންގެ ޚިޔާލަށް އައީ އޭނާގެ ކުރިމަތީގައި މިހާރު އޮތް މައްސަލައެވެ. ދަރަނީގެ މައްސަލައެވެ. "އަހަރެން މި ވަގުތު ބޭނުންވާ ކަމެއް އެބައޮތް."
ޝައިޠާނާ އެނބުރި އޭނާޔާ ދިމާއަށް ބަލައިލިއެވެ. "އާނ... އަވަހަށް ބުނޭ."
ރިޟްވާން ޔަގީންކަން ނެތް ކަހަލަ ގޮތަކަށް އަހައިލިއެވެ. "ކޮންމެ އެއްޗަކަށްވެސް އެދެވިދާނެތަ؟"
"އާނ. ކަލޭ އެދޭ ކޮންމެ ކަމެއް ވަގުތުން ކޮށް ދޭނަން. އެދޭ ކޮންމެ އެއްޗެއް ވަގުތުން ލިބޭނެ."
"އެހެން ވެއްޖެއްޔާ އަހަރެން ބޭނުން ވަނީ ދިހަ ކުރޯޑު ރުފިޔާ."
"އަން... މި އޮތީ." ޝައިޠާނާ އޭނާއާ ދިމާއަށް އެ ދިއްކޮށްލީ ކަރުދާސްކޮޅެކެވެ. "މިއީ ދިހަ ކުރޯޑު ރުފިޔާގެ ޗެކެއް. ބޭންކަށް ގޮސް ފައިސާ ނަގާ. އެކަމަކު ހަނދާން ކުރާތި. ކަލޭގެ އެންމެ ބޮޑު ދުޝްމިނަށް ވިހި ކުރޯޑު ރުފިޔާގެ ޗެކެއް ލިބޭނެ."
ރިޟްވާން ޗެކު އަތުލައިގެން ބަލައިލިއެވެ. އެއީ ސިޓީ ބޭންކުގެ ޗެކެކެވެ.
"އަހަރެން ދެން ދަނީ. އިތުރު ކަމެއް ބޭނުމިއްޔާ މަސް ދުވަސް ފުރިހަމަ ވުމުގެ ކުރީން އަހަންނަށް އަންގައިލާ. އަންގާނޭ ގޮތް ކުރިން ބުނެފިން." މިހެން ބުނެފައި ޝައިޠާނާ ދޮރާ ދިމާއަށް ހިނގައިގެންފިއެވެ. ވަން ގޮތަށް ދޮރުގެ ތެރެއިން ފުރޭނިގެން ގޮސް ގެއްލިއްޖެއެވެ.
ރިޟްވާން ދޮރާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. ދޮރު ހުރީ ހަމަ ހުރި ގޮތަށް ތަންޑު އަޅުވައިފައެވެ. އެ ދޮރުގެ ތެރެއިން މީހަކު ފުރޭނިގެން އެތެރެއަށް ވަދެފައި ހަމަ އެ ގޮތަށް ނުކުމެގެން ހިނގައްޖެއެވެ. މިއީ ގަބޫލު ކުރާން ދަތި ކަމެކެވެ. އެއީ އޭނާއަށް ފެނުނު ހުވަފެނެކޭ އެތައް ފަހަރަކު ހިތަށް އެރިއެވެ. އެކަމަކު އަތުގައި އޮތް ޗެކަކީ ހަގީގަތެކެވެ. އެހެންވީމާ އެއީ ހަގީގަތުގައިވެސް ހިނގި ކަމެއްކަން ކަށަވަރެވެ. ޝައިޠާނާއަކީ އެކަހަލަ ކޮންމެ ކަމެއްވެސް ކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މަލްޢޫނެކެވެ.
އޭނާ އަނެއްކާވެސް ޗެކަށް ބަލައިލިއެވެ. އޭގައިވާ އެވާ ފައިސާ ލިބިދާނޭ ކަމާމެދު މިހާރުވެސް އޭނާއަށް ޝައްކެވެ. ކޮންމެ ގޮތަކަށް ވީ ނަމަވެސް މި ވަގުތު އޭނާއަށް ދިރިހުރެވޭނޭ ކަމާމެދު ލިބިފައިވާ ހަމައެކަނި އުއްމީދަކީ އެ ޗެކެވެ. އެއީ ދޮގު ޗެކަކަށް ނުވެއްޖެއްޔާ ކިތަންމެހައިވެސް ރަނގަޅެވެ. އެކަން އެނގޭނީ ހެނދުނު ބޭންކު ހުޅުވުނީމައެވެ.
* * *
ރިޟްވާން އެ ދުވަހަކު އޮފީހަކަށް ނުދެއެވެ. އެގާރަ ޖެހުމާއެކު ދިޔައީ ބޭންކަށެވެ. އެގާރަ ޖަހާންދެން ވިސްނައި ފިކުރު ކުރާން ގޭގައި ހުރީއެވެ. ޗެކަކީ އެންމެ ފަހުގެ އުއްމީދަށް ވުމާއެކު އެ އުއްމީދުވެސް ފެނަށް ހިނގައިދާނެތީ ބިރުގަތީއެވެ. އޭނާގެ ހިތަށް އެރިއެވެ. މިހެން ބިމަށް ތުން ހަރައިގެން އިނަކަސް ޗެކުގެ ތެދުދޮގު ކަށަވަރެއް ނުވާނެއެވެ. އެކަން ކުރެވޭނީ ބޭންކަށް ގޮސްގެންނެވެ.
ބޭންކަށް ދިއުމުގެ ކުރީން އޭނާ ދަރަނިވާރަށް ފޯނު ކުރިއެވެ. އަދި އިރުއޮއްސުމުގެ ކުރީން ފައިސާ ދޭނޭ ކަމަށް ބުންޏެވެ.
އޭނާާ ބޭންކާ އަރައި ހަމަވީ ވަގުތު ސުލައިމާން ބޭންކުން ނުކުތްތަން ފެނުނެވެ. އޭނާގެ މޫނުމަތީން ފެންނަނީ އުފާވެރިކަމުގެ އަސަރެވެ. ބިންމަތީގައި ފައި ހަރެއްވެސް ނުލައެވެ. އެއީ ހެއު ފާލެކެވެ. ސުލައިމާނަކަށް އޭނާ ނުވެސް ފެނުނެވެ. ނުކުމެގެން އެ ދިޔަ ގޮތަށް ހިނގައްޖެއެވެ.
ރިޟްވާންގެ ހިތްހަމަ ޖެހިއްޖެއެވެ. ސުލައިމާނަކީ އޭނާގެ އެންމެ ބޮޑު ދުޝްމިނުކަންވެސް ޔަގީން ވެއްޖެއެވެ. ޗެކަށް ފައިސާ ލިބޭނޭކަންވެސް ކަށަވަރު ވެއްޖެއެވެ. ސުލައިމާންގެ މޫނުމަތީން ފެނުނު ކުލަވަރާއި ހަރަކާތް ހުރި ގޮތުން އޭނާގެ ހުރިހައި ޝައްކެއް ފިލައިފިއެވެ.
އޭނާގެ ފުރިހަމަ އިއުތިމާދާއެކު ބޭންކަށް ވަދެއްޖެއެވެ. ކައުންޓަރެއްގެ ކައިރިއަށް ލެފިލައި ޗެކު ދީފިއެވެ. ޗެކަށް ބަލައިލުމަށް ފަހު ކައުންޓަރުގައި އިން ކުއްޖާ ވަރަށް އަދަބުވެރިކަމާއެކު ބުންޏެވެ. "އެ ފަރާތަށް މެނޭޖަރުގެ ކޮޓަރިއަށް ވަޑައިގަންނަވާ. މި ޗެކަށް ފައިސާ ދޫކުރާނީ އެ ތަނުން."
އެ ކުއްޖާ ވާހަކަ ފައްޓަމުން މެނޭޖަރު ގާތަށް ދާށޭ ބުނީމާ ރިޟްވާން ވަރަށް ބިރުގަތެވެ. ކޮންމެވެސް ނުބައެއް އުޅެނީއޭ ހިތަށް އެރިއެވެ. އެކަމަކު ފަހުން ބުނި ވާހަކައިގެ ސަބަބުން މުޅީން ހިތްހަމަ ޖެހިއްޖެއެވެ.
އޭނާ މެނޭޖަރުގެ ކޮޓަރިއަށް ވަނީވެސް އިހެކޭ އެއްގޮތަށް ފުރިހަމަ އިއުތިމާދާ އެކީގައެވެ. މެނޭޖަރު ތެދުވެ އޭނާޔާ ސަލާން ކުރިއެވެ. "އިށީނދެވަޑައިގަންނަވާ."
ރިޟްވާން ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެއްޖެއެވެ.
"ޗެކުގެ ފައިސާ އަޅުގަނޑު ދޫކުރަންވީ ކިހިނެއްތޯ؟" މެނޭޖަރު އަހައިލިއެވެ.
"ތިޔަ ވިދާޅުވީ އެއްޗެއް އަޅުގަނޑަކަށް ނޭނގުނު."
"އަޅުގަނޑުމެންނަކީ ބޭންކުގެ ޚިދުމަތް ހޯއްދަވާ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ބަޔަކީމު." މެނޭޖަރު ބުންޏެވެ. "ޗެކަކީ ވަރަށް ބޮޑު ޗެކެއް. ވަރަށް ގިނަ ފައިސާ. ވިދާޅުވެއްޖެއްޔާ ހަމަ މި ވަގުތު ނަގުދު އަރުވައިފާނަން. އެކަމަކު އެއީ މަނިކުފާނަކަށް ރައްކައުތެރި ގޮތަކަށް ނުވާނެ. މި ތަނަށް ވަޑައިގަންނަވާށޭ ދެންނެވީ އެހެން ވެގެން."
"އެހެން ވެއްޖެއްޔާ ތިޔަ ބޭފުޅުންނަށް ކޮށްދެއްވޭނޭ ކަމަކީ ކޮބައިތޯ؟" ރިޟްވާން އަހައިލިއެވެ.
"އެންމެ ފުރިހަމަ ޚިދުމަތް އަރުވާ ބޭންކަކީ އަޅުގަނޑުމެންގެ ބޭންކު." މެނޭޖަރު ބުންޏެވެ. "ވިދާޅުވީ ކޮންމެ ގޮތަކަށް އަޅުގަނޑުމެން ހަދައިދޭނަން."
"ތިޔަ ބޭފުޅާއަށް ފެނިވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ؟"
"އަޅުގަނޑަށް ފެންނަނީ މަނިކުފާނުގެ އެކައުންޓެއް މި ބޭންކުގައި ހުޅުއްވާން." މެނޭޖަރު ބުންޏެވެ. "މި ވަގުތަށް ކޮންމެހެން ބޭނުންފުޅުވާ ވަރަކަށް ނަގުދު ފައިސާ ނަންގަވާ. ބާކީ އެކައުންޓުގައި ބަހައްޓަވާނީ. އަދި އަޅުގަނޑުމެން ބައިނަލްއަގުވާމީ ކާޑެއްވެސް އަރުވާނަން. އެއީ ހުރިހައި އެއަރލައިނަކާއި ހޮޓަލަކާއި ފިހާރައަކުން ގަބޫލު ކުރާ ކާޑެއް. ކާޑުގެ ބޭނުން ކުރައްވައިގެން ނަގުދު ފައިސާއާ ނުލައި ވިޔަފާރި ކުރެއްވޭނެ. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކާޑު ބޭނުން ކުރެއްވޭނެ. ނުރައްކާތެރި ކަމަކުން ރައްކާތެރިވެ ވަޑައިގެންނެވޭނޭ ގޮތަކީ މިއީ."
"މީހަކު އެ ކާޑު ވަގަށް ނަގައިފިއްޔާ ވާނީ ކިހިނެއްތޯ؟ ނޫނީ ގެއްލިއްޖެއްޔާ..."
"އެއީ މައްސަލައެއް އޮތް ކަމެއް ނޫން. އެހެން އެއްވެސް މީހަކަށް އެ ކާޑުގެ ބޭނުމެއް ނުކުރެވޭނެ."
"އެންމެ ރަނގަޅު. އެހެންވީމާ ނަގުދު ދެ ލައްކަ ރުފިޔާއާއި ކާޑާ ދެއްވާ." ރިޟްވާން ބުންޏެވެ. "އެކައުންޓު ހުޅުވަން އަޅުގަނޑު ހަދަން ޖެހޭ ގޮތަކީ ކޮބައިތޯ؟"
"މާ ބޮޑު ކަމެއް ނޫން. ފޯމެއް ފުރުއްވައިފައި ކާޑެއްގައި ސޮއި ކޮށްލެއްވީމާ އެ ނިމުނީ." މެނޭޖަރު މޭޒުގެ ވަތްގަނޑު ހުޅުވައިލަމުން ބުންޏެވެ.
ބައިގަޑިއެއްހައި އިރު ފަހުން ބޭންކުން ނުކުތްއިރު އޭނާގެ ފައިވެސް ބިންމަތީގައި ނުޖެހެއެވެ. އެންމެ ފުރަތަމަ އޭނާ ކުރި ކަމަކީ ދަރަނި އަދާކުރުމެވެ. އޭގެ ފަހުން ދިޔައީ އޮފީހަށެވެ. މޭޒުދޮށުގައި އިނދެގެން އިސްތިއުފާގެ ސިޓީ ލިޔުމަށް ފަހު އާފާޤާ ހަވާލު ކޮށްލިއެވެ.
އާފާޤް ބޯ ކަަހައިލިއެވެ. "މި ވަނީ ކިހިނެއް؟ އަނެއް މީހާގެ އިސްތިއުފާ..؟"
"ކިހިނެއްވީތޯ؟" ރިޟްވާން އަހައިލިއެވެ. "އެހެން މީހަކުވެސް އިސްތިއުފާ ދިނީތޯ؟"
"އާނ. ރިޟްވާންގެ އެކުވެރި ސުލައިމާން މިއަދަކު އޮފީހަކަށް ނާދޭ. އޭނާ ފޮނުވީ އިސްތިއުފާގެ ސިޓީއެއް."
ރިޟްވާންގެ މެޔަށް ހީވީ މީހަކު ފެން އެއްޗެއް އަޅައިލީ ހެންނެވެ. ސުލައިމާނަށް ވިހި ކުރޯޑު ރުފިޔާ ލިބޭނޭކަން އޭނާއަށް އޮތީ އެނގިފައެވެ. އެހެންވީމާ ސުލައިމާން މިހާރު އޭނާއަށްވުރެ މާ ބޮޑު މުއްސަންޖަކަށް ވީއެވެ. "ތިޔަ ކަމާ އަޅުގަނޑު ކުރާނީ ކީއްތޯ؟"
"ވެގެން އުޅޭ ގޮތެއް ބުނެދީ. ކަލޭމެން ދެމީހުން އެއް ދުވަހަކު އިސްތުއުފާ ދޭން ޖެހުނީ ކީއްވެގެން؟" އާފާޤް އަހައިލިއެވެ.
"ސުލައިމާންގެ ވާހަކަ ދައްކާކަށް އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑު މި އިސްތިއުފާ ދިނީ މާ ރަނގަޅު ވަޒީފާއެއް ލިބުނީމާ."
"ގަވާއިދުގައި އޮންނަ ގޮތުން ނަމަ ވަޒީފާއިން ވަކި ވެވޭނީ ފަނަރަ ދުވަސް ކުރިން ސިޓީލައިގެން. އެހެން ނުހެދީމާ ވަކިކުރާއިރު ފަނަރަ ދުވަހުގެ މުސާރަ ކަނޑާނެ."
"އެއީ މައްސަލައެއް ނޫން. މުސާރަ އަކަށް އަޅުގަނޑު ނުވެސް އެދޭނަން. އިސްތިއުފާ ގަބޫލު ކުރައްވާ. މުސާރައަށް ކޮންމެ ގޮތެއް ހެއްދެވިޔަސް ހެޔޮ. ބޭނުންފުޅިއްޔާ އާފާޤް ނަންގަވާ."
"ތަންކޮޅެއް މަޑުމަޑުން ވާހަކަދައްކާ." އާފާޤް ހަތަރު ފަރާތަށް ނަޒަރު ހިންގައިލަމުން ބުންޏެވެ. "އިސްތިއުފާ ގަބޫލު ކުރާނެ."
"އެހެން ވެއްޖެއްޔާ އަޅުގަނޑު ދިޔަޔަސް އެންމެ ރަނގަޅުތޯ؟"
"އާނ. އަހަރެން ޢަދްނާނާ ހަވާލުކޮށްފައި ލިޔުމެއް ފޮނުވާނަން. އޭގައި ސޮއިކޮށްލާތި."
ރިޟްވާން އޮފީހުން ނުކުމެއްޖެއެވެ.
* * *
އޭނާގެ ސަބަބުން އޭނާގެ އެންމެ ބޮޑު ދުޝްމިނަށް ފައިދާއެއް ކުރުމަކީ ވަރަށް ބޮޑަށް ހިތުގައި ޖެހުނު ކަމެކެވެ. ދިހަ ކުރޯޑު ރުފިޔާ ލިބުމަކީ ވަރަށް ބޮޑު އުފަލެކެވެ. އެކަމަކު ސުލައިމާނަށް އޭގެ ދެގުނަ ލިބުނުކަން އެނގުނީމާ އެ އުފާ ކުޑަވެގެން ހިނގައްޖެއެވެ.
މިހާރު އޭނާއަށް ރަސްކަލެއްގެ ފެންވަރުގައި ދިރިއުޅެވޭނެއެވެ. އެހެންވީމާ ސަރުކާރުން ދީފައި ހުރި ފުލެޓުވެސް ފެނުނީ މީދާ ހޮރެއްގެ ސިފައިގައެވެ.
ބޭންކުން ދިން ކާޑުގައި ހުރި ވަރެއް ބަލައިލާން ވެގެން އޭނާ ގެއިން ނުކުންނާން އުޅުނުތަނާ ސުލައިމާނާއި ޢަދްނާނާ ދެމީހުން އަތުވެއްޖެއެވެ. ދެމީހުންވެސް ތިބީ ވަރަށް އުފާވެފައެވެ. ސުލައިމާން އައި ގޮތަށް އައިސް އޭނާގެ ގައިގައި ބައްދައިލިއެވެ. "އެކުވެރިޔާ. މިއަދު އަހަރެން މިހިރީ ވަރަށް އުފަލުން. ކަލޭވެސް ދެން ވަޒީފާ އަދާކުރާނޭ ކަމެއް ނެތް. ތިން މީހުން އުފަލުގައި އުޅޭނީ."
"މީނާވެސް މިއަދު އިސްތިއުފާ ދީފި." ޢަދްނާން ބުނެލިއެވެ.
"އަހަންނަށް ވަރަށް ރަނގަޅު ވަޒީފާއެއް ލިބިއްޖެ." ރިޟްވާން އަވަސްއަވަހަށް ބުނެލިއެވެ.
"އެހެންތަ؟ އެކަމަކު ވަޒީފާ އަދާކުރާނެ ކަމެއް ނެތް."
"ކިހިނެއްވީ؟ ބޭންކެއް ފަޅައިލީތަ؟" ރިޟްވާން ޝައުގުވެރިކަމާއެކު އަހައިލިއެވެ.
"ތަނެއް ފަޅައިލީކީއެއް ނޫން. ފައިސާ ދެފައިމަތީގައި ހިނގާފައި އަހަރެންގެ ގެއަށް އައީ. ވިހި ކުރޯޑު ރުފިޔާ... ހިނގާ ބާޒާރަށް. ކަލޭ ބޭނުން އެއްޗެއް ގަނެދޭނަން."
(ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ