ސަރުކާރާ، ޓީއެމްއޭ އެއްބަސްވާގޮތަކަށް ޓާމިނަލް ކަންކަން އަވަހަށް ނިންމަންޖެހޭ: ނަޝީދު

ދިވެހި ސަރުކާރާއި، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް އެއްބަސްވެވޭ ގޮތަކަށް ސީޕްލޭން ޓާމިނަލްގެ ކަންކަން އަވަހަށް ނިންމުން ވަރަށް މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރި އަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލް އިން ބޮޑު ޖާގައެއް ދޭން ނިންމާފަ އެވެ. ނަމަވެސް އިއްޔެ މާލިއްޔަތު ކޮމެޓީގައި އެ ކުންފުނީގެ ސީއީއޯ އެމްޔޫއެމް ފައުޒީ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން 19،000 އަކަމީޓަރުގެ ބިމުގެ ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. އެހެން ކަމުން އެގޮތަށް އަމަލުކޮށް ދިނުމަށެވެ.
ނަމަވެސް އެއީ މާލިއްޔަތުގެ ގަވާއިދާ ހިލާފު ކަމެއް ކަމަށް ބުނެ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް މަޖިލީސް މެންބަރުންނާއި، ސިޔާސީ ބައެއް ބޭފުޅުންވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.
ރައީސް ނަޝީދު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ދެވަނަ ރަންވޭ ހުޅުވާ އެއާޕޯޓް ބާރަށް ހިންގަން ފެށުމަށް ދިވެހި ސަރުކާރާއި، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް އެއްބަސްވެވޭ ގޮތަކަށް ސީޕްލޭން ޓާމިނަލްގެ ކަންކަން އަވަހަށް ނިންމުން ވަރަށް މުހިންމު ކަމަށެވެ.
"ޓީއެމްއޭއަށް ޓާމިނަލް ދިނުމުގައި ގޯސްކަމެއް ހިނގާފައިވާނަމަ އެކަން ކުރި މީހަކަށް/ބަޔަކަށް ދައުވާ އުފުލުން އެއީ އެހެން ކަމެއް." ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އިއްޔެ ދެއްކި ވާހަކަތައް ސާފުކޮށް ދިނުމުގެ ގޮތުން ޓީއެމްއޭ އިން ނެރެފައިވާ ނޫސް ބަޔާނުގައި ބުނީ އާ ޓާމިނަލް ޓީއެމްއޭ އަށް ދެވޭނެ މުއްދަތާއި ޖާގަ އާއި ކުލި އަދި ކޮންޓްރެކްޓުގެ މުއްދަތާއި ގުޅޭ ގޮތުން ލިޔުމުން ވެފައިވާ އެއްބަސްވުމެއް އޮތުމަކީ ބެއިން ކެޕިޓަލް އިން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ 500 މިލިއަން ޑޮލަރަށް ގަތުމަށް އެންމެ ބޮޑު ސަބަބުކަން އެ ކުންފުނިން ސަރުކާރަށް ސާފުކޮށް ދީފައިވާނެ ކަމަށެވެ.
"މި އެއްބަސްވުމުގެ ސަބަބުން ޓީއެމްއޭގެ ވިޔަފާރި ފުޅާކުރަން ފުރުސަތު އޮތްކަމުގެ ޔަގީންކަން ލިބި، ޓީއެމްއޭގެ އޮޕަރޭޝަނުގެ ހަރަދުތައް ސާފުކޮށް އެނގިގެން ދިޔަ އެވެ. ލިޔުމުން ވެފައިވާ މި އެއްބަސްވުން ދޫކޮށްލަން ދިވެހި ސަރުކާރުން ނިންމައިފިނަމަ ބެއިން ކެޕިޓަލް އިން ކޮށްފައިވާ އިންވެސްޓްމަންޓުގެ އަގަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ އެވެ. މީގެ ސަބަބުން ކުރި އަށް އޮތް ތަނުގައި ރާއްޖޭގައި އިންވެސްޓް ކުރުމަށް ތިބި ބޭރުގެ އިންވެސްޓަރުން ކަންބޮޑު ވާނެ އެވެ،" ޓީއެމްއޭ އިން ބުނެފައިވެ އެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި ޓާމިނަލްގެ މައްސަލާގައި ވޭތުވެދިޔަ ހަ އަހަރުތެރޭގައި 100 އަށް ވުރެ ގިނަ މުއާމަލާތް ލިޔުމުންނާއި އަނގަ ބަހުން ކުރެވިފައިވާ ކަމަށެވެ. މީގެތެރޭގައި އެމްއޭސީއެލް އާއި ޓީއެމްއާ ދެމެދު ވެވި ދާނެ އެއްބަސްވުމެއްގެ ޑްރާފްޓް ވެސް ބަދަލު ކުރެވިފައި ވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ޓީއެމްއޭ އިން ބުނެފައިވާ ގޮތުގައި ބޭރުގެ އޮޑިޓް ފާމެއް ކަމަށްވާ އާނަސްޓް އެންޑް ޔަންގް އިން ކޮށްފައިވާ އޮޑިޓުން އެނގޭ ގޮތުގައި މިދިޔަ އަހަރު ލައުންޖު ހިންގައިން އެ ކުންފުންޏަށް ލިބިފައިވަނީ 2.8 ޑޮލަރު ކަމަށާ، އެ ކުންފުނިން މިހާރު ބޭނުން ކުރާ ސީޕްލޭން ޓާމިނަލް އަށް 18.53 މިލިއަން ޑޮލަރު އިންވެސްޓް ކޮށްފައި ވާނެ ކަމަށެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ބޭސް އޮންނަ ރާއްޖޭގެ އާ ސީޕްލޭން ޓާމިނަލްގެ ބިންގާ އަޅާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 29، ޖެނުއަރީ 2018 ގަ އެވެ. މިތަން ހަދާފައިވަނީ ހުޅުލެ ފަޅުން 3.2 ހެކްޓަރު (32،000 އަކަމީޓަރު) ގެ ބިން ހިއްކައިގެންނެވެ. މި ތަން ހަދާފައިވަނީ 14،000 އަކަމީޓަރު ސަރަހައްދެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ