ޔުނައިޓެޑުން ސަންޗޭޒް އަށް ބޯނަހެއް ދޭން ޖެހިއްޖެ

ލަންޑަން (އޭޕްރީލް 1) - ލޯން އެއްބަސްވުމެއްގެ ދަށުން އިންޓަ މިލާނަށް ކުޅެމުން އަންނަ ޗިލީގެ ފޯވާޑް އަލެކްސިސް ސަންޗޭޒާ އެކު މެންޗެސްޓާ ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތަށް ބޯނަހެއް ދޭން ޖެހިއްޖެ އެވެ.
އުމުރުން 31 އަހަރުގެ ސަންޗޭޒް، ޔުނައިޓެޑަށް 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ސޮއިކުރީ ބޮޑު މުސާރަ އަކަށެވެ. ޔުނައިޓެޑްގައި ސަންޗޭޒަށް އޭނާގެ އެންމެ މޮޅު ކުޅުން ދެއްކޭގޮތެއްނުވި އެވެ. އެހެންވެ ޔުނައިޓެޑުން ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގައި އޭނާ އިންޓަ އަށް ދޫކޮށްލައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ސަންޗޭޒްގެ މުސާރައިގެ ބޮޑުބައި ދޭނީ ޔުނައިޓެޑުންނެވެ. އިންޓަ އިން ހަފްތާ އަކު 121،905 ޑޮލަރު ދޭއިރު، 365،714 ޑޮލަރު ދޭނީ ޔުނައިޓެޑުންނެވެ.
ސަންޗޭޒާ އެކު ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން ކޮންޓްރެކްޓްގެ މުއްދަތުގައި އޭނާ ޔުނައިޓެޑަށް ދެ އަހަރު ކުޅެދިނުމުން އޭނާ އަށް ލޯޔަލްޓީ ބޯނަހެއްގެ ގޮތުގައި 1.3 މިލިއަން ޑޮލަރު ދޭން ޖެހެ އެވެ. އެގޮތުގެ މަތިން ޖުލައި މަހުގެ އެއް ވަނަ ދުވަހު ސަންޗޭޒަށް އެ އަދަދު ޔުނައިޓެޑުން ދޭނެ އެވެ.
ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ މިދިޔަ ޖެނުއަރީ މަހު ސަންޗޭޒާ ބެހޭގޮތުން މީޑިއާ އިން ކުރި ސުވާލުތަކަށް ޖަވާބުދީފަ އެވެ. އޭނާ ބުނީ އަންނަ ސީޒަނުގައި ސަންޗޭޒް ޔުނައިޓެޑް ޖޯޒީގައި އަލުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެނބުރި އައިސް ސަންޗޭޒް އޭނާގެ އަސްލު ފެންވަރުގައި ކުޅޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ޔުނައިޓެޑާ އެކު ސަންޗޭޒް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު އެވެ. މި ސީޒަނުގައި ޔުނައިޓެޑްގެ ފޯވާޑް ލައިން ބަލަހައްޓަމުން އަންނަނީ މާކަސް ރެޝްފޯޑް، އެންތަނީ މާޝިއަލް އަދި މޭސަން ގްރީންވުޑްގެ އިތުރުން ޖެނުއަރީ މަހު ލޯން އެއްބަސްވުމެއްގެ ދަށުން ގެނައި ނައިޖީރިއާގެ ފޯވާޑް އޮޑިއޯން އިގާލޯ އެވެ.
ކުރިން ބާސެލޯނާ އާއި އާސެނަލްގައި މޮޅު ކުޅުމެއް ދެއްކި ސަންޗޭޒަށް މި ސީޒަނުގައި އިންޓަގައި ވެސް ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ. އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ސަންޗޭޒަށް ގެއްލިފައިވާއިރު، ކުޅުނު 15 މެޗުން ލީގުގައި އޭނާ އަށް ޖެހުނީ އެންމެ ލަނޑެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ