ކޮވިޑް-19: ސިންގަޕޫރުން 287 މީހުން ޕޮޒިޓިވް، ދެ ވަނަ ރާޅެއްގެ ބިރު ބޮޑު

ސިންގަޕޫރު (އެޕްރީލް 10) - ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގައި ނަމޫނާ ގައުމަކަށް ބެލި ސިންގަޕޫރުން އިއްޔެ އެކަނި 287 މީހުން ޕޮޒިޓިވްވެ އެ ގައުމުގައި ވައިރަހުގެ ދެ ވަނަ ރާޅެއް ފެތުރިދާނެކަމުގެ ބިރު ބޮޑުވެއްޖެ އެވެ.
ޗައިނާގައި މިދިޔަ ޖެނުއަރީ މަހު ކުރީކޮޅު ކޮރޯނާވައިރަސް ފެތުރެން ފެށުމާ އެކު އެ ރޯގާ އެންމެ ފުރަތަމަ ފެތުރެން ފެށި ގައުމުތަކުގެ ތެރޭގައި ސިންގަޕޫރު ހިމެނެ އެވެ. ނަމަވެސް ރޯގާ ކޮންޓްރޯލް ކުރުމުގައި ސިންގަޕޫރުން ވަނީ ނަމޫނާ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެކަމަކު ފަހަކަށް އައިސް ސިންގަޕޫރުން ވަނީ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފަށައިފަ އެވެ. މިއަދު އެކަނިވެސް ވަނީ 198 މީހުން ޕޮޒިޓިވްވެފަ އެވެ.
ސިންގަޕޫރުގައި ބިދޭސީ މަސައްކަތު މީހުން ދިރިއުޅޭ ޑޯމިޓަރީއެއް. --ފޮޓޯ:އޭއެފްޕީ
ތަޖްރިބާކާރުން ބުނަނީ ސިންގަޕޫރުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައި ވަނީ މުސްތަފާ ސެންޓަރަށް ދިޔަ ބިދޭސީންނާއި ބިދޭސީ މަސައްކަތު މީހުން ތިބޭ ޑޯމިޓަރީތަކުން ކަމަށެވެ. ސިންގަޕޫރުން އިއްޔެ ރިޕޯޓްކުރި 287 މީހުންގެ ތެރޭން 200 އަށް ވުރެ ގިނަ މީހުންނަކީ ޑޯމިޓަރީތަކުގެ މީހުންނެވެ.
ކޮރޯނާވައިރަސް ފެތުރުން އިތުރުވާން ފެށުމުން ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ބައިބޯ ޑޯމިޓަރީތަކުން ބިދޭސީން ނެެރެން ފަށައިފަ އެވެ. ބިދޭސީ މަސައްކަތްތެރިން މިހާރު ދަނީ ސިފައިންގެ ބެރެކްސް އާއި ހުސް އެޕާޓްމަންޓް ފަދަ ތަންތަނަށް ބަދަލު ކުރަމުންނެވެ.
ސިންގަޕޫރުގެ 43 ޑޯމިޓަރީގައި 200،000 އަށް ވުރެ ބިދޭސީ މަސައްކަތު މީހުން އުޅެ އެވެ.
ސިންގަޕޫރުން މިހާތަނަށް ވަނީ 2،108 މީހުން ޕޮޒިޓިވްވެ ހަތް މީހުން މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ